Roadha Mihaaru
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދަށް

ހަތަރު އަހަރުގެ ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދުކުރަން އަންގައިފި

07 ސެޕްޓެމްބަރ 2021

ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި އެވެ.

ގދ. އަތޮޅުގެ ރަށެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކުރީ މިދިޔަ މަހު ކުރީކޮޅު އެވެ. އެރަށު ކޯޓުން އޭނާ ފުރަތަމަ ދޫކޮށްލިޔަސް، ފަހުން އެންގީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ. އެކަމަކު ބަންދު މުރާޖައާ ކުރަން އޭނާގެ ފަރާތުން އެދުމުން އޭގެ ދުވަސްކޮޅެއް ފަހުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ޚަބަރުގައި އޭނާގެ ނަމާއި ރަށް ހާމަނުކުރީ އަނިޔާލިބުނު ކުއްޖާގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށެވެ.

އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދަށު ކޯޓުން އޭނާ ބަންދުކުރީ ދައުވާ ކުރެވޭ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާތީ ކަމަށާއި އެކަންކަމަށް މިހާތަނަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދިި އޭނާ ބަންދުން ދޫކޮށްލީ ބަންދު މުރާޖާ ނުކުރާތާ ގިނަ ދުވަސްވެފައިވާތީ ކަމަށް ދަށު ކޯޓުން ބުންޏަސް، އެއީ މީހަކު ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އޭނާ ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރުމާ އެކު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ދެމި އެބައޮތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.