Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

17 ނޮވެމްބަރ 2020

އަދިތިޔާ ރޯއޫ ކަޕީރް ސޮއިކޮށްފައިވާ އާ ފިލްމު "އޯމް: ދަބެޓްލް ވިތިން" ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަދިތިޔާ ރޯއޫ ކަޕީރް ސޮއިކޮށްފައިވާ އާ ފިލްމު "އޯމް: ދަބެޓްލް ވިތިން" ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ހޯމަ ދުވަހު ފާހަގަކުރި އޭނާގެ 35 ވަނަ އުފަން ދުވަހާ ދިމާކޮށް ރަސްމީކޮށް ފިލްމުގެ ވާހަކަ ހިއްސާކުރަމުން އޭގެ ޕްރޮޑިއުސަރު އެހުމަދު ޚާން ބުނީ "އޯމް" އަކީ ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދާ ފިލްމެއް ކަމަށާއި މީގައި އަދިތިޔާ ވަރަށް ތަފާތު ރޯލަކުން ފެންނާނެ ކަމަށެވެ.

ކަޕިލް ވަރުމާ ޑައިރެކްޓްކުރާ މި ފިލްމު ވާނީ "ބާގީ" ފްރެންޗައިޒްގެ އެންމެ ފަހުގެ ދެ ފިލްމު ޑައިރެކްޓްކުރި އެހުމަދު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށެވެ. "އޯމް" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، އެހުމަދު ވެސް އަންނަނީ ޓައިގާ ޝްރޮފާ އެކު "ހީރޯޕަންތީ 2" ގެ ޝޫޓިން އަންނަ މަހު ފެށުމަށް ތައްޔާރުވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން "އޯމް" ގެ ބަތަލާ އަކީ މި ފަހުން ރިލީޒްކުރި "ދިލް ބޭޗާރާ" ގެ ބަތަލާ ސަންޖަނާ ސާންގީ އެވެ. އެކަމަކު އެހުމަދުގެ ޓީމުން އެކަން އަދި ކަށަވަރު ނުކޮށްދެ އެވެ.

އަދިތިޔާ އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީގައި ގެނެސްދިން "މަލަންގް" އިންނެވެ.

ކެޓްރީނާގެ ރާއްޖޭގެ ޝޫޓްގެ ތެރެއިން

މި ވަގުތު ފޮޓޯޝޫޓިންއަކަަށް ރާއްޖޭގައި ހުރި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ޝޫޓްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.

އޭނާ އާއި ޓީމު ތިބި ސޮނެވާފުށީގެ ގޮނޑުދޮށުގައި ކުރިއަށް ގެންދިޔަ ޝޫޓްގެ ތެރެއިން ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން ކެޓްރީނާ ބުނީ މި ފޮޓޯޝޫޓް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. އެ ފޮޓޯގައި ކެޓްރީނާ ފެންނަނީ ރަތް ކުލައިގެ ހެދުމެއްގަ އެވެ.

މިއީ އިންޑިއާގެ ފެޝަން ހައުސް ފަލްގުނީ ޕީކޮކްގެ ފަރުމާތަކެއް ޕްރޮމޯޓްކުރަން ކުރިއަށް ގެންދާ ފޮޓޯޝޫޓެކެވެ.

"ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ފަށައިފި

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ފަށައިފި އެވެ.

މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ ހަދާ މި ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ޗަންދީގަޅަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. "ޖުގް ޖުގް ޖިއޯ" ގެ ކާސްޓުންނަކީ ވަރުން ދަވަން އާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގެވެ.

މިއީ މި އަހަރުގެ އެޕްރީލްގައި ލޭގެ ކެންސަރުގައި މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ ހުވަފަތް އަންހެނުން ނީޓޫ، ރިޝީގެ ވަކިވުމަށް ފަހު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

"ޖުގް ޖުގް ޖިއޯ" އަކީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭނެ ކަމަށް ބެލެވޭ ފިލްމެކެވެ.

ފަރުހާންގެ ދަރިފުޅުގެ ފުރަތަމަ ޑައިވް ރާއްޖޭގައި

ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު ފަރްހާން އަޚްތަރުގެ ދެ އަންހެން ދަރިންގެ ތެރެއިން އަކީރާ އަޚްތަރުގެ ފުރަތަމަ ސްކޫބާ ޑައިވް ރާއްޖޭގައި ތަޖުރިބާކޮށްފި އެވެ.

އެ ވާހަކަ ދަރުފުޅުގެ ވީޑިއޯއަކާ އެކު "ދިލް ޗާތާހޭ" އާއި "ޑޮން" ފަދަ ފިލްމުތައް ޑައިރެކްޓްކުރި ފަރްހާން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފަރުޚާން މި ފަހަރު ޗުއްޓީ އަށް ރާއްޖެ ޒިޔާރަތްކުރީ ދަރިފުޅުގެ އިތުރުން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޝިބާނީ ޑަންޑޭކަރާ ވެސް އެކީގަ އެވެ.

ފަރްހާނާއި ހެއާ ސްޓައިލިސްޓް އަދުނާގެ ކައިވެނި 2018 ގައި ރޫޅާލި އިރު ދެ ދަރިން ލިބިފައިވެ އެވެ. އެއީ އަކީރާ އާއި ޝަކިއާ އަޚްތަރެވެ. ދެ ކުދިން ވެސް މިހާރު ތިބީ ޒުވާން އުމުރަށް އަޅައިފަ އެވެ.