Roadha Mihaaru
"މިސްޓަ ލޭލޭ" އަކީ މިހާރު "ގޯވިންދާ މޭރާ ނާމް"

"މިސްޓަ ލޭލޭ" އަކީ މިހާރު "ގޯވިންދާ މޭރާ ނާމް"

13 ނޮވެމްބަރ 2021

ދެހާސް ނަވާރަ ވަނަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ވަރުން ދަވަންއާ ގުޅިގެން ހަދަން އިއުލާންކުރި "މިސްޓަ ލޭލޭ" ވަރުން ދޫކޮށްލުމާ ގުޅިގެން، އެކްޓަރު ވިކީ ކޯޝަލާ އެކު އެ ފިލްމު ހަދަން ނިންމައި އަދި މުޅިން ތަފާތު ނަމަކާ އެކު އޭގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރަ ވަނަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ވަރުން ދަވަންއާ ގުޅިގެން ހަދަން އިއުލާންކުރި "މިސްޓަ ލޭލޭ" ވަރުން ދޫކޮށްލުމާ ގުޅިގެން، އެކްޓަރު ވިކީ ކޯޝަލާ އެކު އެ ފިލްމު ހަދަން ނިންމައި އަދި މުޅިން ތަފާތު ނަމަކާ އެކު އޭގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

އަންނަ އަހަރުގެ ޖޫން 10 ގައި ސިނަމާތަކަށް ގެންނަން ތާވަލު ކޮށްފައިވާ މި ކޮމެޑީގެ ނަމަކީ "ގޯވިންދާ މޭރާ ނާމް" އެވެ. މި ލިޔެ، ޑައިރެކްޓްކުރީ "މިސްޓަ ލޭލޭ" ވެސް ހަދަން އުޅުނު ޝިޝާންކް ކައިތާން އެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖާންވީ ކަޕޫރް ބޮލީވުޑަށް ނެރުނު 2018 ގެ ފިލްމު "ދަޅަކް" އެވެ.

ޝިޝާންކް އަލީ ވަރުން އާއި އާލިއާ ބަޓް ކުޅުނު "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ ވެސް ޑައިރެކްޓަރެވެ.

ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް "ގޯވިންދާ މޭރާ ނާމް" ގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ. މި ދެ ތަރިން ކުރިން ވެސް ވިކީއާ އެކު މަސައްކަތް ކޮށްފައިވެ އެވެ. ބޫމީ އާއި ވިކީ އެކީގައި ކުޅުނު ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ބޫތު-ޕާޓް ވަން: ހޯންޓެޑް ޝިޕް" އެވެ.

ވިކީއާ އެކު ކިއާރާ މަސައްކަތްކުރި ފިލްމަކީ 2018 ގެ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އެވެ. ހަތަރު ޑައިރެކްޓަރެއްގެ ސެގްމަންޓްތައް ހިމެނު ފިލްމުގައި ވިކީ އާއި ކިއާރާ ކުޅުނީ ކަރަން ޑައިރެކްޓްކުރި ސެގްމަންޓެވެ.

މިހާރު ބޮލީވުޑްގައި ތިބި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވަތަނީ ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް" އެވެ. "ގޯވިންދާ މޭރާ ނާމް" ވެގެން ދާނީ ވިކީގެ ކޮމެޑީ ރޯލެއް ބެލުންތެރިންނާ ހަމައަށް އަންނަ ފުރަތަމަ ފިލްމަށެވެ.

އޭނާގެ އާ ފިލްމެއް ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި މި ވަނީ އަންނަ މަހުގެ ތެރޭގައި ބަތަލާ ކެޓްރީނާ ކައިފާ ކައިވެނި ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.