Roadha Mihaaru
ކޮވިޑް ޖެހުމުން ސުއަރޭޒަށް ބްރެޒިލް މެޗު ގެއްލޭނެ

ކޮވިޑް ޖެހުމުން ސުއަރޭޒަށް ބްރެޒިލް މެޗު ގެއްލޭނެ

17 ނޮވެމްބަރ 2020

މޮންޓެވީޑޯ، އުރުގުއޭ (ނޮވެމްބަރު 17) - އެތުލެޓިކޯ މެޑްރިޑްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އިން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗު ގެއްލިފައިވާއިރު، މި ހަފްތާ ބަންދުގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ބާސެލޯނާއާ ބައްދަލުކުރާ މެޗުގައި ވެސް އޭނާ އަށް ކުޅެވުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ.

އުރުގުއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ސުއަރޭޒްގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ދެ އޮފިޝަލުން ކަމަށެވެ. އުރުގުއޭ ޓީމުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޮނިހިރު ދުވަހު އެ ޓީމުގެ ޑިފެންޑަރު މަޓިއަސް ވީނާ އެވެ. ޕޮޒިޓިވްވި ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އުރުގުއޭ ޓީމުން މައުލޫމާތުދެ އެވެ.

ކޮލިފައިން ގްރޫޕްގެ އެއް ވަނައިގައި އޮތް ބްރެޒިލް އަތުން އުރުގުއޭ އެންމެ ފަހުން މޮޅުވީ މީގެ 19 އަަހަރު ކުރިން 2001 ވަނަ އަހަރު އެވެ. ކޮލިފައިން ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުން ސުއަރޭޒް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އުރުގުއޭ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ޓޭބަލްގެ ހަތަރު ވަނައިގަ އެވެ. ބްރެޒިލް އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

އުރުގުއޭގެ ޓްރެއިނިންއެއްގެ ތެރެއިން ސުއަރޭޒް މާސްކްއަޅައިގެން.-- ފޮޓޯ: އޭއެފްޕީ

އުރުގުއޭގެ ޓްރެއިނިންއެއްގެ ތެރެއިން ސުއަރޭޒް މާސްކްއަޅައިގެން.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި ސުއަރޭޒް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަންނަ އާދިއްތަ ދުވަހުގެރޭ އެތުލެޓިކޯ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަކީ ސުއަރޭޒް އެތުލެޓިކޯއާ ގުޅުނު ފަހުން ކުރީގެ ޓީމާ ދެކޮޅަށް ކުޅެން ލިބޭނެ ފުރަަތަމަ މެޗެވެ. މިހާރު އޮތްގޮތުން ސުއަރޭޒަށް އެ މެޗުގައި ކުޅެވޭނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު ދެ ޓެސްޓް ކޮށްގެން ނަތީޖާ ނެގެޓިވްވުމުންނެވެ.

މި ސީޒަނުގައި މިހާތަނަށް ސުއަރޭޒް ވަނީ އެތުލެޓިކޯ އަށް ލީގުގައި ފަސް ގޯލު ކާމިޔާބުކޮށްދީފަ އެވެ. ސްޕެނިޝް ލީގުގެ މި ސީޒަނުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އެތުލެޓިކޯ އެވެ. އެތުލެޓިކޯ މި ވަގުތު ލީގުގެ ތިން ވަނައިގައި ހަތް މެޗުން 17 ޕޮއިންޓާ އެކު އޮތްއިރު، ބާސެލޯނާ ހަތް މެޗުން 11 ޕޮއިންޓާ އެކު އޮތީ އަށް ވަނައިގަ އެވެ.