Roadha Mihaaru
އުރުގުއޭއަށް ތިންވަނަ، ސުއަރޭޒްގެ ފަހުމެޗަށްވެސް ވެދާނެ

އުރުގުއޭ އަށް ތިން ވަނަ، ސުއަރޭޒްގެ ފަހު މެޗަށް ވެސް ވެދާނެ

14 ޖުލައި 2024

ނޯތު ކެރޮލީނާ (ޖުލައި 14) - މެޗުގެ ފުރިހަމަ ވަގުތުގެ ނަތީޖާ 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 އިން ކެނެޑާ ބަލިކޮށް އުރުގުއޭ، ކޮޕާ އެމެރިކާ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

ނޯތު ކެރޮލީނާ (ޖުލައި 14) - މެޗުގެ ފުރިހަމަ ވަގުތުގެ ނަތީޖާ 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 އިން ކެނެޑާ ބަލިކޮށް އުރުގުއޭ، ކޮޕާ އެމެރިކާ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގެ އަށް ވަނަ މިނިޓުގައި ރޮޑްރިގޯ ބެންޓެންކޫ އުރުގުއޭ އަށް ލީޑު ނަގައިދީފައި ވަނިކޮށް، ކެނެޑާ އަށް އެއްވަރު ކޮށްދިނީ އިސްމާއިލް ކޯނޭ އެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި ޖޮނަތަން ޑޭވިޑް، ކެނެޑާ އަށް ލީޑު ނަގައިދިން ގޯލުން އެ ޓީމު މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ހުއްޓުވީ ލުއިސް ސުއަރޭޒް އެވެ.

ދެ ވަނަ ހާފުގައި ކުޅެން އެރި އުމުރުން 37 އަހަރުގެ ސުއަރޭޒް ވަނީ ޕެނަލްޓީ ޝޫޓައުޓްގައި އުރުގުއޭގެ ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އުރުގުއޭ މޮޅުވީ އެއަށް ފަހު ކެނެޑާގެ އަލްފޮންސޯ ޑޭވިސް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

އުރުގުއޭ ޓީމް ބްރޯންޒް މެޑަލް އާއެކު.--

އުރުގުއޭ ޓީމް ބްރޯންޒް މެޑަލް އާއެކު.--

ޑޭވިޑާއި މޮއީސޭ ބަމްބިޓޯ ކެނެޑާގެ ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބު ކޮށްފައި ވަނިކޮށް ކޯނޭގެ ޕެނަލްޓީ، އުރުގުއޭގެ ކީޕަރު މަތަކުރި އެވެ. އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީ މެތިއު ޗޮއިނީރީ ކާމިޔާބު ކުރި އެވެ. އުރުގުއޭގެ ފުރަތަމަ ތިން ޕެނަލްޓީ ޖެހީ ފެޑެރިކޯ ވެލްވާޑޭ އާއި ބެންޓެންކޫ އަދި ޖިއޯޖިއަން ޑި އަރަސްކޭޓާ އެވެ.

ފަހު ވަގުތު އުރުގުއޭ އަށް އެއްވަރު ކޮށްދޭން މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ސުއަރޭޒް ޖެހި ގޯލާ އެކު އޭނާ ވެފައި ވަނީ ކޮޕާ އެމެރިކާގެ ތާރީހުގައި ގޯލު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ. އަދި މިއީ އޭނާ މުބާރާތުގައި ކުޅުނު 19 މެޗުން ކާމިޔާބު ކުރި އަށް ވަނަ ގޯލެވެ.

މެޗަށް ފަހު އުރުގުއޭ ކުޅުންތެރިން، ސުއަރޭޒް އުފުއްލާލައި އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ

މެޗަށް ފަހު އުރުގުއޭ ކުޅުންތެރިން، ސުއަރޭޒް އުފުއްލާލައި އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީ

ބެލެވިފައި އޮތީ، މި މެޗަށް ފަހު ސުއަރޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އެއާ ގުޅިގެން އޭނާ މެޗަށް ފަހު ވަކި އެއްޗެއް ނުބުނެ އެވެ.

މިހާރު އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ ސުއަރޭޒް ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 142 މެޗު ކުޅެދީ، ރެކޯޑް 69 ގޯލު ޖަހައިދީފަ އެވެ.

މިއަހަރުގެ މުބާރާތަކީ އުރުގުއޭ، 2011 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރި ފަހުން އެޓީމު ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ސުއަރޭޒް އެވެ.