Roadha Mihaaru
ޖަލު އެންޓަނާއަށް ލިބޭ މައުލޫމާތު ފުލުހުންނަކަށް ނުދޭ

ޖަލު އެންޓަނާއަށް ލިބޭ ފުރިހަމަ މައުލޫމާތު ފުލުހުންނަކަށް ނުދޭ: އިމްރާން

18 އެޕްރީލް 2023

މާފުށީ ޖަލުގައި ތިބި ގައިދީން ހިންގާ ސްކޭމްތައް ހުއްޓުވަން ޖަލުގައި ހަރުކޮށްފައިވާ އެންޓަނާ އަށް ލިބޭ މައުލޫމާތު ޖަމާވަނީ މުއާސަލާތީ ހިދުމަތް ދޭ ދިރާގާއި އުރީދޫގެ ސާވާތަކަށް ކަމަށާއި ނަމަވެސް އެ މައުލޫމާތު ފުރިހަމައަށް ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާފުށީ ޖަލުގައި ތިބި ގައިދީން ހިންގާ ސްކޭމްތައް ހުއްޓުވަން ޖަލުގައި ހަރުކޮށްފައިވާ އެންޓަނާ އަށް ލިބޭ މައުލޫމާތު ޖަމާވަނީ މުއާސަލާތީ ހިދުމަތް ދޭ ދިރާގާއި އުރީދޫގެ ސާވާތަކަށް ކަމަށާއި ނަމަވެސް އެ މައުލޫމާތު ފުރިހަމައަށް ފުލުހުންނާ ހިއްސާ ނުކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ، ޖަލުތަކަށް ވަގަށް ފޯނު ވައްދައިގެން ސްކޭމް ހިންގާ ފޯނު ނަމްބަރުތަކުގެ މައުލޫމާތު ނެގޭ ގޮތަށް އެންޓަނާއެއް ހަރުކޮށްފައިވީ ހުއްޓަސް ތަހުގީގީ އިދާރާތަކަށް އެ މައުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ އޮތް ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް އިމްރާން ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.

އިމްރާން ވިދާޅުވީ ސްކޭމްތަކުގެ މައްސަލަ ހައްލުކުރުމަށް މި އަހަރު ޖަލުގައި އެންޓަނާއެއް ހަރުކޮށްފައިވާ ކަމަށާއި ނަމަވެސް ފޯނުތަކުގެ މައުލޫމާތު ޖަމާވަމުން އަންނަނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސާވާތަކަށް ކަމަށެވެ.

ދިރާގާއި އުރީދޫ އިން ފުލުހުންނަށް އެ ކޯލް ރެކޯޑުތަކުގެ ފުރިހަމަ މައުލޫމާތު ފޯރުނުކޮށްދޭ ކަމަށާއި ހިއްސާކުރާ މައުލޫމާތު ވެސް އެކި ފޯމެޓުތަކުގައި ހުރުމުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމްވާ ގާނޫނެއް އޮތުން މުހިންމު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ބައެއް ނަމްބަރުތަކުގެ ހިދުމަތް ކަނޑާލަން އޮޕަރޭޓަރުންގެ ފަރާތުން އެދުމުން އެކަން ވެސް ލަސްވާ ކަމުގެ ޝަކުވާ ވެސް އިމްރާން ކުރެއްވި އެވެ. އަދި އެއް ނަމެއްގައި ގިނަ ސިމް ދޫކުރުމާއި ރަޖިސްޓްރީ ނުވާ ނަމްބަރުތައް ބޭނުންކުރުމަކީ ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެންވެ ސާވިސް ޕްރޮވައިޑަރުން ޒިންމާދާރު ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ (ކެމް) ގެ ފަރާތުން ހަރުކަށި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ސްކޭމްތައް ހުއްޓުވުމަށް މިހާތަނަށް ކޮށްފައިވާ ބައެއް މައުލޫމާތު ވެސް އިމްރާން ހިއްސާކުރެއްވި އެވެ. މި އަހަރު މިހާތަނަށް 431 ނަމްބަރެއް ބްލޮކްކޮށް 365 އައިއެމްއީއައި ބްލެކް ލިސްޓުކޮށް 10 އައިޕީ އަދި 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރުމާއި އެކަމާ ގުޅުން ހުރި މައްސަލަތައް ގިނަވާތީ ދާދި ފަހުން ވަނީ ޕްރީ އެކްޓިވޭޓަޑް ސިމް ކާޑު ވިއްކުން މަނާކޮށްފަ އެވެ. މީގެ އިތުރުން ކޮންމެ މީހެއްގެ ނަމުގައި މޮބައިލް ސިމް ކާޑު ނެގޭ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކެމް އިން ވަނީ ބުނެފަ އެވެ.