Roadha Mihaaru
ދެކުނުގައި ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި

ދެކުނުގެ އަތޮޅުތަކުގައި ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި

02 ނޮވެމްބަރ 2016

ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް މައްސަލައެއް ދިމާވެ، ބުރޫ އަރަައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް މައްސަލައެއް ދިމާވެ، ބުރޫ އަރަައިފި އެވެ.

އދ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއްގައި ދިރާގުގެ ހިދުމަތްތައް މެދުކެނޑުމުގެ މައްސަލަ ރެއިން ފެށިގެން ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ފޯނަށް ރޭޖު ނުލިބުމުގެ އިތުރަށް، މޮބައިލް އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ވެސް ހިމެނެ އެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި އދ. ފ. ތ. ލ. އަދި ގ އަތޮޅުގެ އިތުރުން އައްޑު އާއި ފުވައްމުލަކުގައި ވެސް ހިދުމަތް މެދުކެނޑުމުގެ މައްސަލަ ދަނީ ކުރަމަތިވަމުންނެވެ. އެ މައްސަލައިގެ ސީދާ ސަބަބު ނުބުންޏަސް ދިރާގުން ބުނީ އެކަން ކުރިމަތިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

"ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކުރުމަށް މި ދަނީ މަސައްކަތް ކުރަމުން،" ދިރާގުން ބުންޏެވެ.

ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރާފައި ވާއިރު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް މިދިޔަ ހޯމަ ދުވަހު މެދުކެނޑުނެވެ. އީބޭންކިން ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އިންޓަނެޓް ބޭންކިން ހިދުމަތް މިހާރު ލިބުނަސް، އަދިވެސް ހިދުމަތް ހޯދުމުގައި ބައެއް ފަހަރު ކުދިކުދި މައްސަލަތައް ކުރިމަތިވެ އެވެ.

"އެ މައްސަލަ ހައްލުކުރުމަށް މި ދަނީ މަސައްކަތް ކުރަމުން،" ބީއެމްއެލް އިން ކުރި ޓުވީޓެއްގައިވެ އެވެ.

މޮބައިލްގެ އިތުރުން އިންޓަނެޓާ ގުޅުން ހުރި ހިދުމަތްތަކަށް ބުރޫ އަރާފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކަށް ބޮޑެތި މައްސަލަތާ މި ދުވަސްވަރު ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ޑީޑޮސް އެޓޭކްތަކެއްގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ވެބްސައިޓުތައް މިދިޔަ ހަފުތާގައި ޑައުންވި އެވެ.