އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) އިން އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބޭނުންކުރާ ބަސްތަކުން ކަރުދާސް ޓިކެޓު ވިއްކަން އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.
13 އޮކްޓޯބަރ 2022
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) އިން އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބޭނުންކުރާ ބަސްތަކުން ކަރުދާސް ޓިކެޓު ވިއްކަން އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ހިދުމަތާއެކު މާލެ އެކޭ އެއްގޮތަށް ބަހުގެ ތެރެއިން ޓިކެޓު ގަނެގެން ދަތުރުކުރެވޭނެ ކަމަށެވެ. އެކަމަކު، ޓާމިނަލްތަކުން ޓިކެޓެއް ނުވިއްކާނެ އެވެ.
ބަހުގެ ކޮންޑަކްޓަރު ޓިކެޓް ދޫކުރާނީ ހާއްސަ ފޮއްޓަކަށް ފައިސާ ލުމުންނެވެ. އަދި ދަތުރު ކުރަމުންދާއިރު، މާރު ނުކުރެވޭނެތީ ސީދާ އަދަދު ހަމަވާނެހެން ފައިސާ ގެންދިއުމަށް އެމްޓީސީސީން އެދެ އެެވެ.
އެ ކުންފުނިން ބުނިގޮތުގައި، ކަރުދާސް ޓިކެޓު ވިއްކުމުގެ އިންތިޒާމު ހަމަޖެއްސީ އިސްރަށްވެހިންނަށް ފަސޭހައަކަށެވެ.
އާރްޓީއެލްގެ ވެބްސައިޓާއި ޓްރެވެލް އެޕްލިކޭޝަން މެދުވެރިކޮށް، ކިއުއާރު ޓިކެޓު ނަގައިގެން ވެސް ދަތުރުކުރެވޭނެ އެވެ. ކިއުއާރު ޓިކެޓު ނަގާނެ ގޮތް ދައްކައިދޭ ވީޑިއޯއެއް އާރްޓީއެލްގެ ޔޫޓިބާއި ސޯޝަލް މީޑިއާ ޕޭޖުތަކުން ފެންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ ބަސް ދަތުރުތަކުގެ އަގުތައް އުޅެނީ 5ރ. އާއި 20ރ. އާ ދެމެދުގަ އެވެ.
އައްޑޫ ސިޓީގެ ބަސް ދަތުރުތަކުގެ ތަފްސީލް
އައްޑޫގެ އަށް ރޫޓަކުން ބަސް ދަތުރުކުރާއިރު، އެއް ރޫޓު ފިޔަވައި ބާކީ ރޫޓުތަކުގެ ޓިކެޓެއްގެ އަގަކީ 5ރ. އެވެ. އައްޑޭ މެއިން ކަނެކްޓަ ރޫޓުގެ ދަތުރުތަކުގެ އަގުތައް އުޅެނީ 10ރ. 15ރ. އަދި 20ރ. އަށެވެ.
ފުވައްމުލައް ސިޓީގެ ބަސްދަތުރުތަކުގެ ތަފްސީލު
ފުވައްމުލަކުގެ ބަސް ދަތުރުތަކުގެ ޓިކެޓު އުޅެނީ 5ރ. އަށެވެ. އެ ސިޓީގައި ބަސް ދަތުރު ކުރަނީ ތިން ރޫޓަކަށެވެ.
ލ. އަތޮޅުގެ ބަސް ދަތުރުތަކުގެ ތަފްސީލު
ލ. އަތޮޅުގައި ޖުމްލަކޮށް ހިމެނެނީ ފަސް ރޫޓެކެވެ. އޭގެ ތެރެއިން އިސްދޫ-ކަލައިދޫ ރޫޓާއި ފޮނަދޫ އަދި ގަމުގެ އެތެރޭގެ ދަތުރުތައް ކުރާ ރޫޓުގެ އަގަކީ 5ރ. އެވެ. ގަން- ކައްދޫ އެއާޕޯޓާއި ފޮނަދު- ކައްދޫ އެއާޕޯޓުގެ ރޫޓުގެ އަގުތައް އުޅެނީ 10ރ. 15ރ. އަދި 20ރ. އަށެވެ.
އާރުޓީއެލް އަތޮޅުތެރޭގެ ބަހުގެ ހިދުމަތުގައި ވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނަށް އައިޑީކާޑާއެކު ހިލޭ ދަތުރުކުރެވޭނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. ސްކޫލު ކުދިންނަށް ހިލޭ ދަތުރުކުރެވޭނީ ޔުނިފޯމުގައި ތިބޭ ގަޑިތަކުގަ އެވެ.
އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގައި ބަސް ދަތުރުކުރާ ރޫޓުތައް ފެންނަން ހުންނަ މެޕް، އާރްޓީއެލް ވެބްސައިޓު ނުވަތަ ޓްރެވެލް އެޕް މެދުވެރިކޮށް ބެލޭނެ އެވެ.
މަހެއްހާ ދުވަހުގެ ހިލޭ ދަތުރުތަކަށް ފަހު، އާރްޓީއެލްގެ މާލޭ ބަސް ތަކުން ވެސް މި މަހުގެ ތިން ވަނަ ދުވަހު ވަނީ ޓިކެޓްގެ އަގު ނަގަން ފަށައިފަ އެވެ.
އާރުޓީއެލް ބަހުގެ ހިދުމަތް އަތޮޅުތެރެ އަށް ފަށައިފި
އަންނަ އަހަރު ދަތުރުކުރާނީ ރީތި ބަސްތަކެއްގައި: އާޒިމް
އާރުޓީއެލް މިނީ ބަހުގެ ހިދުމަތަށް އެމްޓީސީސީ ތައްޔާރު
އާރްޓީއެލް ބަސްތައް އައްޑުއަށް ގެންގޮސްފި
ރަށްރަށުގައި ވެސް ބައެއްމީހުންނަށް ބަހުގެ ހިދުމަތް ހިލޭ
ދެކުނުގައި ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި
އައްޑޫ، ފުވައްމުލަކުގެ ދަތުރުފަތުރަށް 13 ބަސް ގެނެސްފި
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ