Roadha Mihaaru
އަނިޔާގެ ސަބަބުން ރާމޮސް އަށް ތިން މެޗު ގެއްލޭނެ

އަނިޔާގެ ސަބަބުން ރާމޮސް އަށް ތިން މެޗު ގެއްލޭނެ

20 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 20) - ސްޕެއިން ގައުމީ ޓީމަށް ކުޅެނިކޮށް ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޮސް އަށް ލިބުނު އަނިޔާއާ ހެދި ރެއާލް މެޑްރިޑްގެ ކުރިއަށް އޮތް ތިން މެޗުން އޭނާ ނުފެންނާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މެޑްރިޑް (ނޮވެމްބަރު 20) - ސްޕެއިން ގައުމީ ޓީމަށް ކުޅެނިކޮށް ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޮސް އަށް ލިބުނު އަނިޔާއާ ހެދި ރެއާލް މެޑްރިޑްގެ ކުރިއަށް އޮތް ތިން މެޗުން އޭނާ ނުފެންނާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ރާމޮސްގެ ފަލަމަސްގަނޑަށް އަނިޔާވީ ސްޕެއިނުން 6-0 އިން ޖަރުމަނު އަތުން ނޭޝަންސް ލީގުގައި މޮޅުވި މެޗުގެ ފުރަތަމަ ހާފުގަ އެވެ. އަނިޔާވުމާ އެކު ރާމޮސްގެ ބަދަލުގައި އެރިކް ގާސިއާ ވަނީ ކުޅެން އަރުވައިފަ އެވެ.

ރާމޮސް އަށް ލިބުނު އަނިޔާ ރަނގަޅަށް ދެނެގަތުމުން ކުރި ސްކޭން އިން އެނގުނީ އޭނާ އަށް އެނބުރި ކުޅުމަށް އާދެވޭނީ 10 ދުވަސް ފަހުން ކަމަށެވެ. އޭގެ މާނަ އަކީ ރެއާލްގެ ކުރިއަށް އޮތް ތިން މެޗުގައި ނުކުޅެވުމެވެ. އެއީ ސްޕެނިޝް ލީގުގައި ވިޔަރެއާލް އާއި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި އިންޓަ މިލާނާ ބައްދަލުކުރާ މެޗެވެ.

މި ހަފްތާގައި ރެއާލުން ރަށުން ބޭރުގައި އުނދަގޫ މެޗެއްގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅޭއިރު ރާމޮސްގެ އިތުރުން ރަފައެލް ވަރާން އަށް ވެސް އެ މެޗުގައި ނުކުޅެވޭނެ އެވެ. ވަރާންގެ ކޮނޑަށް ލިބުނު އަނިޔާ އިން އޭނާ އަދި އެއްކޮށް ރަނގަޅެއްނުވެ އެވެ. އަނިޔާގެ މައްސަލަތަކާ ހެދި ރެއާލުން ވިޔަރެއާލް މެޗަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު އެ ޓީމުގެ ފަހަތަށް ކުޅޭނީ ދާދި ފަހުން ކޮވިޑް-19 އިން ރަނގަޅުވި އެޑާ މިލިޓާއޯ އާއި ނަޗޯ ފެނާންޑޭޒް އެވެ.

ރެއާލްގެ އެޓޭކަށް ބަލާއިރު އަނިޔާއިން ރަނގަޅުވެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒެމާ އާއި އެޑެން ހަޒާޑް ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ރެއާލް ވަނީ 4-1 އިން ވެލެންސިއާ އަތުން ބަލިވެފަ އެވެ. ވިޔަރެއާލް އަތުން މޮޅުވެ ފޯމު ރަނގަޅުކުރަން ރެއާލުން ބޭނުންވާނެ އެވެ.