Roadha Mihaaru
ގާނިއާ ޝޭމްޕޫ، ސައިބޯންޏެއް ގޮތަށް

ގާނިއާ ޝޭމްޕޫ ތިމާވެއްޓާ ރައްޓެހިކޮށް، ސައިބޯންޏެއް ގޮތަށް

21 ނޮވެމްބަރ 2020

ތިމާވެއްޓާ ރައްޓެހިކޮށް އުފެއްދުންތައް ނެރެން، ފްރާންސްގެ މަޝްހޫރު ކުންފުނި ލޯރިއަލް އިން ފަށާފައިވާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ގާނިއާ ބްރޭންޑްގެ ޝޭމްޕޫ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއްގެ ގޮތުގައި ޔޫރަޕްގެ މާކެޓަށް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތިމާވެއްޓާ ރައްޓެހިކޮށް އުފެއްދުންތައް ނެރެން، ފްރާންސްގެ މަޝްހޫރު ކުންފުނި ލޯރިއަލް އިން ފަށާފައިވާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ގާނިއާ ބްރޭންޑްގެ ޝޭމްޕޫ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއްގެ ގޮތުގައި ޔޫރަޕްގެ މާކެޓަށް ނެރެން ތައްޔާރުވެއްޖެ އެވެ.

މި ޝޭމްޕޫ ތައްޔާރުކޮށްފައި ވަނީ ސައިބޯނި ހުންނަ ގޮތަށެވެ. އާންމުކޮށް ޝޭމްޕޫ ފުޅީގައި ބަންދުކޮށްފައި ހުންނަ ގޮތާ ހިލާފަށް، ތިމާވެއްޓާ ރައްޓެހި ޝޭމްޕޫ ހުންނާނީ ސައިބޯންޏެއް ގޮތަށެވެ.

ލޯރިއަލް އިން ބުނި ގޮތުގައި މި ސައިބޯންޏަކީ އާންމުކޮށް ޕްލާސްޓިކް ފުޅީގައި ނެރޭ ޝޭމްޕޫއާ ހިލާފަށް ބޯކަރުދާހުގައި ޕެކްކޮށްފައި ނެރޭ އެެއްޗަކަށްވާތީ ތިމާވެއްޓަށް ގެއްލުން ހުރި ކުނީގެ ނިސްބަތް 80 ޕަސެންޓަށް ދަށްވެގެން ދާނެ އެވެ. އަދި ޝޭމްޕޫ ބާ ތައްޔާރުކުރަން ބޭނުންވާ ހަކަތަ ވެސް 70 ޕަސެންޓަށް މަދުވާނެ އެވެ.

"ޒީރޯ ޕްލާސްޓިކް ވޭސްޓް" ގެ ގޮތުގައި ޕްރޮމޯޓްކުރާ ގާނިއާގެ ތިމާވެއްޓާ ރައްޓެހި ޝޭމްޕޫ އަކީ 94 ޕަސެންޓް ޕްލާންޓް-ބޭސްޑް އަދި ބައޮޑިގްރެޑަބަލް އުފެއްދުމެކެވެ. މީގެ އެކި ވަހުގެ ޝޭމްޕޫ ލިބޭނެ އެވެ. އޭގެ ތެރޭގައި ކޮކޮނަޓް، ޖިންޖަ، އޯޓް އަދި ހަނީ ހިމެނެ އެވެ. މިއީ ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑާ ވެސް ގުޅޭނެ އުފެއްދުމެއް ކަމަށް ވެސް ލޯރިއަލް އިން ބުންޏެވެ.

ގާނިއާގެ މި އާ އުފެއްދުމަކީ ދެ މަހެއްހާ ދުވަހަށް ބޭނުން ކުރެވޭނެ އެއްޗެކެވެ.

ލޯރިއަލް އިން ބުނެފައިވާ ގޮތުގައި އަމާޒަކީ 2025 އާ ހަމައަށް އަންނަ އިރު ގާނިއާ ބްރޭންޑްގެ އުފެއްދުންތަކުގައި ބޭނުންކުރާ ޕްލާސްޓިކް އެއްކޮށް ހުއްޓައިލުމެވެ.