Roadha Mihaaru
އެންމެ ދިގު ފުރާވަރު ފިރިހެން ކުއްޖާ ޗައިނާގައި

އެންމެ ދިގު ފުރާވަރު ފިރިހެން ކުއްޖާ ޗައިނާގައި

23 ނޮވެމްބަރ 2020

މި ވަގުތު ދުނިޔޭގައި ހުރި އިސްކޮޅުން އެންމެ ދިގު ފުރާވަރުގެ ފިރިހެން ކުއްޖާގެ ރެކޯޑް ޗައިނާގެ 14 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔޭގައި ހުރި އިސްކޮޅުން އެންމެ ދިގު ފުރާވަރުގެ ފިރިހެން ކުއްޖާގެ ރެކޯޑް ޗައިނާގެ 14 އަހަރުގެ ކުއްޖަކަށް ލިބިއްޖެ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި ސިޗުއާން ޕްރޮވިންސް ލެޝާނަށް އުފަން ރެން ކެޔޫގެ އިސްކޮޅަކީ 7 ފޫޓް 3.02 އިންޗި (221.03 ސެންޓި މީޓަރު) އެވެ. ގްރޭޑް ނުވައެެއްގައި ކިޔަވަމުން އަންނަ ދަރިވަރަށް މި ރެކޯޑް ލިބުނުކަން އިއުލާންކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ފާހަގަކުރި އޭނާގެ 14 ވަނަ އުފަން ދުވަހު އެވެ. އެހެންވެ އުފަން ދުވަހުގެ ހަދިޔާ އަކީ ދުނިޔޭގެ ރެކޯޑެއްކަން އެނގުމަކީ ރެން އަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ.

އޭނާ އަށް މިހާރު ވަނީ ގިނިސް ވޯލްޑް ރެކޯޑުން ރަސްމީކޮށް ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

ވަނަމަކަށް ޒިއާޔޫ ކިޔާ ރެންގެ އާއިލާ އިން ބުނި ގޮތުގައި އޭނާ އަކީ ޕްރީސްކޫލް އިރުއްސުރެ އިސްކޮޅުން ދިގު ކުއްޖެކެވެ. ޕްރައިމަރީ ލެވެލްގައި ކިޔަވާ ކުއްޖަކާ އޭރު އޭނާގެ އިސްކޮޅު އެއްވަރެވެ. އެއީ 150 ސެންޓިމީޓަރެވެ.

އިސްކޮޅުން އާދަޔާހިލާފަށް ދިގުވާތީ ރެންގެ އާއިލާ އިން އެއީ ބޮޑު ބައްޔަކާ ހެދި ވާ ގޮތެއް ކަމަށް ބަލައި ވަރަށް ގިނަ ފަހަރުމަތިން ޑޮކްޓަރުންނަށް ވެސް ދައްކާފައިވެ އެވެ. އޭރު ޑޮކްޓަރުން ވެސް ގަބޫލުކުރީ އެއީ "ޖައިޖޭންޓިޒަމް" ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ޓެސްޓްތަކެއް ހެދި ފަހުން، ރެންގެ ސިއްހީ އެއްވެސް ބައްޔެއް ނެތްކަން ފާހަގަކުރެވުނެވެ. އަދި އޭނާ އިސްކޮޅުން ދިގުވުމުގައި އެއްވެސް ކަހަލަ ބައްޔަކާ ގުޅުމެއް ނެތްކަން މިހާތަނަށް ކަށަވަރުވެފައިވެ އެވެ.

ރެން ބުނީ އާއިލާގެ އާދަޔާހިލާފު އިސްކޮޅަކީ ވާރުތަވެފައިވާ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ އޭނާގެ އާއިލާގެ ބައެއް މީހުން ވެސް އެވްރެޖް މީހުންނަށް ވުރެ އިސްކޮޅުން ދިގު ބަޔަކަށްވުމެވެ. ރެންގެ މާމަގެ އިސްކޮޅަކީ 175 ސެންޓިމީޓަރު (5 ފޫޓް 7 އިންޗި އެވެ) އެވެ. މަންމަ އާއި ކާފަގެ އިސްކޮޅަކީ 190 ސެންޓިމީޓަރު (6 ފޫޓް 2 އިންޗި އެވެ. ބައްޕަގެ އިސްކޮޅަކީ 180 ސެންޓިމީޓަރު (5 ފޫޓް 9 އިންޗި) އެވެ.

ރެން ބުނީ އިސްކޮޅުން ދިގުވުމަކީ އޭނާ އަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެކަން އާދަޔާހިލާފު ކަމަކަށް ވެގެން ވަރަށް ގިނަ މީހުންގެ ސަމާލުކަން ހުއްޓޭ ކަމަށް ބުންޏެވެ.

"އަހަރެން ދިގުވުމުގެ ނަތީޖާ އަކީ ގެ އާއި ސްކޫލްގައި ވެސް އަހަންނަށް ހާއްސަކޮށް އެއްޗެހިތައް ހަދާފައި ހުންނަން ޖެހޭތީ. މިސާލަކަށް ސްކޫލްގައި ނަމަ ޑެސްކާއި ގޮނޑި. ގޭގައި ނަމަ އެނދު ކަހަލަ އެއްޗެހި،" ރެން ބުންޏެވެ. "އިސްކޮޅުން ދިގުވުމުން ލިބޭ އެއް ފައިދާ އަކީ ހަރުގަނޑެއް ބޭނުން ނުކޮށް މިހާރު ފަންކާ އާއި ބޮކި ފަދަ މަތީގައި ހުންނަ ތަކެތި ސާފުކޮށް ބަދަލުކުރުން ކަހަލަ ކަންކަން ކުރަން ފަސޭހަވުން."

ރެން އެންމެ ގަޔާވަނީ ބާސްކެޓްބޯޅައަށެވެ. އެކަމަކު އެ ކުޅިވަރު ކުޅޭ ވަރަށް ވުރެ ވެސް އޭނާ ދިގުކަމުން އެ ފުރުސަތެއް ނެތެވެ.

"ބޭނުން ވަނީ އީ-ސްޕޯޓުން ދާއިރާ އިން ކުރިއަށް ދާން،" ފޮތް ކިޔަން ވަރަށް ލޯބިކުރާ ރެން ބުންޏެވެ.

މި ވަގުތު ދުނިޔޭގައި ހުރި އިސްކޮޅުން އެންމެ ދިގު ފުރާވަރުގެ އަންހެން ކުއްޖަކީ އެންމެ ދިގު ފައިގެ ރެކޯޑް ވެސް ލިބިފައިވާ އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ މޭސީ ކަރިން، 17، އެވެ. އޭނާގެ އިސްކޮޅަކީ 6 ފޫޓް 10 އިންޗި އެވެ.