Roadha Mihaaru
ކޮވިޑާ ހެދި ދަރިން ހޯދުމާއި ކައިވެނިކުރުން މަދުވެއްޖެ

ކޮވިޑްގެ ސަބަބުން ދަރިން ހޯދުމާއި ކައިވެނިކުރުން މަދުވެއްޖެ: ޗައިނާ

23 އޯގަސްޓް 2022

ކޮވިޑް-19 ބަލިމަޑުކަން ފެތުރެން ފެށުމަށް ފަހު، ޗައިނާގައި މީހުން ކައިވެނިކުރާ އަދަދާއި ދަރިން ހޯދާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

ކޮވިޑް-19 ބަލިމަޑުކަން ފެތުރެން ފެށުމަށް ފަހު، ޗައިނާގައި މީހުން ކައިވެނިކުރާ އަދަދާއި ދަރިން ހޯދާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ދެ އަހަރަށް ފަހު ކޮވިޑް ކޮންޓްރޯލް ކުރެވިފައި ވިޔަސް، ކާވެނިކުރުމަށާއި ދަރިން ހޯދުމަށް ގިނަ އަންހެނުން އަދިވެސް ބޭނުމެއް ނުވެ އެވެ. ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ކޮވިޑާ ގުޅިގެން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރައްޔިތުން ތަހައްމަލުކުރަން ޖެހުނު ތަކުލީފުތައް އިތުރުވުމެވެ.

އޭގެ އިތުރުން ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް ވަނީ، ބޮޑެތި ސަހަރުތައް ދޫކޮށް ރަށްފުށު ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. އަދި ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން ގިނަ ޒުވާނުން މިހާރު ބޭނުންވުމާއި، އާމްދަނީ އިތުރުކުރުމަށް ގިނަ ވަގުތު މަސައްކަތްކުރަން ޖެހިފައިވުމަކީ ވެސް، ކާވެންޏާ ދުރު ވިސްނުމެއް އުފެދޭ މައިގަނޑު އެއް ސަބަބަކަށް ވެދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ކަންތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔަ އެވެ. ގެއިން ބޭރަށް ނުކުތުމާއި އާންމު އެއްވުންތައް ބޭއްވުން މުޅިން މަނާކޮށްފައި ދެ އަހަރެއްހާ ދުވަސް ވަންދެން އޮތުމުން، އިޖްތިމާއީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ބޭރަށް ނުނިކުމެވި އެހެން މީހުންނާ އެކުވެ އުޅެވޭނެ ގޮތެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ބައެއް މީހުން ތިބީ އެގޮތަށް ހޭނިފައި ކަމަށާއި، އެފަދަ އަންހެނުންގެ ވިސްނުމުގައި ކާވެންޏެއް ފެށުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ.

ޗައިނާގެ އާބާދީ އާދަޔާ ޚިލާފަށް މަދުވެ، މުސްކުޅިންގެ އަދަދު އިތުރުވުމުގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، އާބާދީ އިތުރުވުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ޗައިނާ ސަރުކާރުން 1980 ވަނަ އަހަރުން ފެށިގެން ދަމަހައްޓަމުން އައި، ކޮންމެ ދެމަފިރިއަކަށް އެއް ދަރި ހޯދުމުގެ ސިޔާސަތުގެ ސަބަބުން އެ ގައުމުގެ ޒުވާނުންގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ގައުމުގެ އުފެއްދުންތެރިކަމުގައި ބައިވެރިވާނެ ޒުވާނުން މަދުވުމާ ގުޅިގެން، 2015 ވަނަ އަހަރު ޗައިނާ އިން ވަނީ އެއް ދަރި ސިޔާސަތު ދޫކޮށްލައިފަ އެވެ.

އާބާދީ ދަށްވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުން ވަނީ މިދިޔަ އަހަރު ޚާއްސަ މަޝްރޫއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމަކީ، ދަރިން ލިބުމުން ބައެއް ޓެކްސްތައް މައާފު ކުރުމާއި، ވިހެއުމުގެ ޗުއްޓީ އިތުރުކުރުމާއި، މެޑިކަލް އިންޝޫރެންސްގެ މިންވަރު އިތުރުކުރުމާއި، ބޯހިޔާވަހިކަމަށް ސަރުކާރުން ސަބްސިޑީ ދިނުމާއި، ދެމަފިރިއަކަށް ތިން ވަނަ ދަރިއަކު ލިބިއްޖެ ނަމަ ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.