Roadha Mihaaru
ޗައިނާގެ އާބާދީ އަދިވެސް ދަނީ ދަށަށް

ޗައިނާގެ އާބާދީ އަދިވެސް ދަނީ ދަށަށް

02 ޑިސެމްބަރ 2021

ޗައިނާގެ އާބާދީ ދަށްވާ މިންވަރު އަދިވެސް ދަނީ އަހަރުން އަހަރަށް ދަށަށްކަން، އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެ ގޮތުން މިދިޔަ 2020 ވަނަ އަހަރަކީ ވެސް އެގައުމުގެ އާބާދީ ރެކޯޑް މިންވަރަކަށް ދަށަށް ދިޔަ އަހަރެކެވެ.

ޗައިނާގެ އާބާދީ ދަށްވާ މިންވަރު އަދިވެސް ދަނީ އަހަރުން އަހަރަށް ދަށަށްކަން، އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެ ގޮތުން މިދިޔަ 2020 ވަނަ އަހަރަކީ ވެސް އެގައުމުގެ އާބާދީ ރެކޯޑް މިންވަރަކަށް ދަށަށް ދިޔަ އަހަރެކެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާގެ އާބާދީ ދަށަށް ދާ މައްސަލަ އަށް އަވަސް ހައްލެއް ހޯދޭނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، 2020 ވަނަ އަހަރު ޗައިނާގައި ކުދިން އުފަންވެފައިވަނީ، ކޮންމެ 1000 މީހަކަށް 8.5 ކުދިންގެ ނިސްބަތުންނެވެ.

ޗައިނާގެ ތަފާސްހިސާބުތަކާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި އެ ގައުމުގައި އަހަރުން އަހަރަށް އާބާދީގެ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތް 1978 ވަނަ އަހަރު ފެށި ފަހުން، އެ ގައުމުގައި އެންމެ މަދުން ކުދިން އުފަންވީ 2020 ވަނަ އަހަރު އެވެ. އަދި 1948 ވަނަ އަހަރު ކޮމިޔުނިސްޓް ޗައިނާ އުފަންވި ފަހުން ވެސް އެންމެ މަދުން ކުދިން އުފަންވި އަހަރެވެ.

އެ ގައުމުގެ އާބާދީގައި މިހާރު 1.4 ބިލިއަން މީހުން ހިމެނޭ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ޗައިނާގެ އާބާދީގައި ޒުވާނުން މަދުވެ މުސްކުޅިން ގިނަވާ މައްސަލަ އަށް ހައްލެއް ހޯދުމަށް މިހާރު ވަނީ، ކޮންމެ ދެމަފިރިއަކު ތިން ދަރިން ހޯދުމަށް ބާރުއެޅުމުގެ ސިޔާސަތެއް އިއުލާން ކޮށްފަ އެވެ.

ޗައިނާގެ އާބާދީ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ގައުމުގެ އާބާދީ މުސްކުޅިވުމުގެ މައްސަލަ ކުރިމަތިވީ، 1978 ވަނަ އަހަރު ތަންފީޒު ކުރަން ފެށި "އެއް ދަރި" ސިޔާސަތުގެ ސަބަބުންނެވެ. އެ ސިޔާސަތުގައި ޗައިނާ ސަރުކާރުން އޭރު ކަނޑައެޅީ، ކޮންމެ ދެމަފިރިއަކުވެސް އެއް ދަރި އަށް ވުރެ ގިނަ ކުދިން ނުހޯދުމަށެވެ.

ޗައިނާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު އެ ގައުމުގައި އުފަންވީ 14.65 މިލިއަން ކުދިންނެވެ. ނަމަވެސް މިދިޔަ އަހަރު އެ ގައުމުގައި އުފަންވީ އެއަށް ވުރެ 18 ޕަސެންޓް މަދުން، އެންމެ 12 މިލިއަން ކުދިންނެވެ.

ޗައިނާގައި އެއް ދަރި ސިޔާސަތު ކުރިއަށް ގެންދިޔަ ދުވަސްވަރު ވެސް، ކަމުގެ ތަޖުރިބާކާރުންވަނީ، އެ ގައުމުގެ އާބާދީ މުސްކުޅިވުމުގެ ބިރު ކުރިމަތިވެދާނެ ކަމަށް އިންޒާރު ކޮށްފަ އެވެ. އަދި މިހާރު އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، 2021 ވަނަ އަހަރު ޗައިނާގައި އުފަންވާނެ ކަމަށް އަންދާޒާ ކުރެވެނީ 10 މިލިއަނަށް ވުރެ ވެސް މަދު އަދަދެއްގެ ކުދިންނެވެ.