Roadha Mihaaru
އައްޑޫގައި ވަގުންގެ "ރަސްކަން"

އައްޑޫގައި ވަގުންގެ "ރަސްކަން"

29 ނޮވެމްބަރ 2020

މި ވަގުތު އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮބައިތޯ އަހައިފި ނަމަ ގިނަ ބައެއްގެ ޖަވާބަކަށް ވާނީ މި އެވެ؛ ވަގުންގެ އުނދަގޫ ވަރަށް ބޮޑެވެ. މިކަމަށް ހައްލެއް ހޯދައިދޭށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮބައިތޯ އަހައިފި ނަމަ ގިނަ ބައެއްގެ ޖަވާބަކަށް ވާނީ މި އެވެ؛ ވަގުންގެ އުނދަގޫ ވަރަށް ބޮޑެވެ. މިކަމަށް ހައްލެއް ހޯދައިދޭށެވެ.

އައްޑޫގެ ވައްކަމުގެ ހާލަތުގެ ވާހަކަ މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސިފަކުރެއްވީ "ގޭތެރޭގައި ތިބޭ މައިންގެ ކަރުގައި ވަޅި ޖައްސާފައި ރަން ފަށް ފޭރިގަނެގެން ގެންދާ ހިސާބަށް ވައްކަމާއި ފޭރުމު" ގެ މުސީބަތް ބޮޑުވެފައިވާ ކަމަށެވެ.

މިއީ އައްޑޫގެ ވަކި އަވަށެއްގެ ހާލަތުގެ ވާހަކައެއް ނޫނެވެ. އައްޑޫގެ ހުރިހާ އަވަށެއްގެ ހާލަތު ވެސް މިހާރު އޮތީ މިފަދަ ދަރަޖައެއްގަ އެވެ. ވަކިން ހާއްސަކޮށް ގުޅިފައިވާ އަވަށްތަކުގައި ވަގުންގެ އުނދަގޫ ބޮޑެވެ.

ނިހާދު ވިދާޅުވި ގޮތުގައި ފޭދޫގެ ގޭގައި ހުންނަ އެއާކޯންތަކުގެ އައުޓްޑޯ ޔުނިޓުން ފެށިގެން ބަދިގޭގައި ހުންނަ ތެލިތަށި ފަދަ ތަކެތި ވެސް ވަގަށް ގެންދެ އެވެ.

"މިއީ މުޅި ރައްޔިތުންނަށް ފެންނަން އޮތް ހަގީގަތެއް. މިކަންކަން ހިނގަނީ ފޭދޫގައި އެކަންޏެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ ރަނގަޅު ވާހަކައެކެވެ. ބަދިގެ ތެރޭގައި ހުންނަ ދޮލަނގު ފަދަ އެއްޗެހި އެކަންޏެއް ނޫނެވެ. ގޭގައި ބައެއް މީހުން ގެންގުޅޭ ކުކުޅުހާލާއި ގަސްގަހާގެއްސަށް ދާންދެން ވެސް ވަގަށް ނަގަނީ އެވެ.

"އިހަކަށް ރޭ މިގޭގައި ހުރި ކުކުޅުހާތައް ވަގަށް ގެންދިޔައީ. އެ ވެސް އަދި އުސްކޮށް ރާނާފައި ހުރި ފާރުމައްޗަށް ނޭރޭނެހެން ފުޅިތޮށި ވެސް ޖަހާފައި ހުއްޓައި، އެ ވެސް ތަޅާލައި ގޯތިތެރެއަށް ފުންމާލައިގެން،" ފޭދޫ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"މި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރިން. ވައްކަން ކުރި މީހާ ފުލުހުން ހައްޔަރު ވެސް ކުރި. އެކަމަކު އަނެއް ދުވަހު ފެނުނީ އޭނާ ދޫކޮށްލާފައި ހުރި ތަން."

ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ކުށްތައް ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރުމެވެ. އެއީ ސިޓީ ކައުންސިލާއި ފުލުހުން ކަމަށް ވިޔަސް ރައްޔިތުންގެ ނަޒަރުގައި އެ މުއްސަސާތަކުގެ އިހުމާލު ވެސް ބޮޑެވެ. އައްޑޫގައި ދޭތެރެއަކުން ކައުންސިލުންނާއި ފުލުހުން ބައްދަލުކޮށް ކުށް މަދުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެ އެވެ. އަދި މިދިޔަ އަހަރު އައްޑޫގައި ނެއިބަހުޑް ފުލުހުންގެ ހިދުމަތް ރަސްމީކޮށް ތައާރަފު ވެސް ކުރި އެވެ.

އޭރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުން ކުށްތައް މަދުކޮށް، އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދޭށެވެ. އަދި ނެއިބަހުޑް ފުލުހުންގެ ހިދުމަތްތައް ފުޅާވެ، ތަރައްގީވުމުން ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ހަގީގަތުގައި ވެސް އުންމީދުކުރަނީ އެފަދަ ބަދަލަކަށެވެ. އެކަމަކު ކަންބޮޑުވުމަކީ ނަތީޖާއެއް ނުފެނުމެވެ.

"ރޯމާ ދުވާލު ގޭގެއަށް ވަދެ، ގޭގައި ހުންނަ މޮބައިލް ފޯނާ އެއްޗެހި ވަގަށް ނަގައިގެން އެބަ ދޭ. މިއިން އެނގެނީ ވަގުންނަށް، ކުށްކުރާ މީހުންނަށް އެއްވެސް ބިރެއް ޖެހިލުމެއް ނެތްކަން،" ދާދި ފަހުން ގެއިން މޮބައިލް ފޯނެއް ގެއްލިގެން ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.

މިއީ މީގެ ދެތިން ހަފުތާ ކުރިން ހިނގި ކަމެކެވެ؛ އައްޑޫގެ ބޮޑު ސުޕަމާކެޓަކަށް ވަދެ، ވަގަކު ފްރިޖް ހުޅުވާލައިގެން ފަޓްލޫނުގެ އެތަންމިތަނަށް ކޯލާ ދަޅުތަކެއް އަޅައިގެން ރައްކާވީ އެވެ. މި ވީޑިއޯ އެ ސުޕަމާޓުން ސޯޝަލް މީޑިއާގައި ވެސް އާންމުކުރި އެވެ. އެއަށް ކޮމެންޓްކުރި ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިހާ ޖެހިލުން ކުޑަކޮށް ވައްކަންކުރާތީ އަޖައިބުވެ އަންތަރީސްވެ އެވެ.

ވައްކަމުގެ މައްސަލަތައް ގޮސްފައި އޮތް ހިސާބަށް ބަލާ އިރު، މިހާރު ރައްޔިތުންނަށް ހަމަނިދި ނިދޭކަށް ނެތެވެ. ގޭގައި ގަހެއް އިންދޭކަށް، ގަސް ޕޮޓެއް ބެހެއްޓޭކަށް ނެތެވެ. މީގެ ހަފުތާއެއް ކުރިން ވެސް ތަންތަނުން ވަގަށް ގަސް ނަގަން އުޅުނު ބަޔަކު ހިތަދޫން އަތުލައިގަނެ، އެ މީހުންގެ ވާހަކަ ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަރަދޫން ވަގަށް ގެންދިޔައީ އެ އަވަށުގެ ގޭގެ ފެން މޯޓަރެވެ. މޯޓަރު ވަގަށް ނެގިކަން އެނގުނީ އެ ގޭ މީހަކު ފެންވަރަށް ވަދެފައި، މާގަނޑުން ފެން ނައިސްގެން ބެލި އިރު އެވެ.

"މޯޓަރު ހުންނަނީ ބޭރުގައި ހިޔާކޮށްފައި ހުންނަ ތަންކޮޅެއްގައި ބަހައްޓާފައި. އިރުއޮއްސުނު ގަޑީގައި ފެންވަރަށް ވަދެ، ފެން ނައިސްގެން ގޮސް ބެލީމަ އެނގުނީ މޯޓަރު ނެތްކަން،" މިކަން ތަޖުރިބާކުރި ގޭގެ މީހަކު ބުންޏެވެ.

"މި ވަރުން ކިހިނެއް ރައްޔިތުން ދިރިއުޅޭނީ؟ ވަގުން ރަށުތެރޭގައި ހަމަ ރަސްކަންކުރަނީ."

ހިތަދޫ ޕޮލިސް ސްޓޭޝަން: ބައެއް ވަގުން ކުށްކުރަނީ ރޯމާދުވާލު

ހިތަދޫ ޕޮލިސް ސްޓޭޝަން: ބައެއް ވަގުން ކުށްކުރަނީ ރޯމާދުވާލު

ވަގުންގެ ވާހަކަ ދައްކައި ކޮޅަކުން ނުލާނެ އެވެ. އަވަށްތަކުގެ ގޮނޑުދޮށްތަކުންނާއި ހިއްކާފައިވާ ބައެއް ތަންތަނުން ވެލި ނެގުމާއި ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުން ކަޅު ފަސް ވަގަށް ނެގުމަކީ ވެސް އައްޑޫގައި ބޮޑު މައްސަލައެކެވެ. މިކަމާ ގުޅިގެން ދާދި ފަހުން ކައުންސިލުން ވަނީ ވަގަށް ވެލި ނަގާ މީހުންގެ ނަން އާންމުކުރުމުގެ އިތުރުން އެމީހުން ޖޫރިމަނާ ކުރަން ވެސް ފަށައިފަ އެވެ.

ރައްޔިތުން އެންމެ އެދޭ ކަމަކީ އަމާންކަމާއި ރައްކާތެރިކަމެވެ. އެ ހައްގު ކަށަވަރުކޮށް ދޭން ޖެހޭ މުއައްސަސާތަކުން މިހާރަށް ވުރެ ބޮޑަށް ޒިންމާ އަދާކުރަން ޖެހޭކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ކައުންސިލާއި ފުލުހުންނާއި ހޯމް މިނިސްޓްރީ އަށް އެ އަމާންކަން ކަށަވަރުކޮށް ނުދެވޭ ނަމަ ކުށްކުރާ މީހުންގެ ތުރާތަކުން ރައްޔިތުން ސަލާމަތެއް ނުވާނެ އެވެ.