Roadha Mihaaru
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލް އައްޔަން ކުރައްވައިފި

26 ނޮވެމްބަރ 2020

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް މިއަދު އައްޔަން ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް މިއަދު އައްޔަން ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ހައިލަމް އިސްތިއުފާ ދެއްވި ފަހުން އެ ކޯޓުގެ އިސް ގާޒީގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ ހުޅުވާލައިފަ އެވެ.

އިސް ގާޒީ ކަމަށް ޝަކީލް އައްޔަންކުރީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިސް ގާޒީގެ މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.

އިސް ގާޒީ ޝަކީލަކީ ކުރިން ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ވެސް ޝަކީލް އެކަންޏެވެ.

ޖުވެނައިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ ކުއްލި ގޮތަކަށެވެ. އެކަމަކު ފަހުން މިދިޔަ އަހަރު އަނެއްކާވެސް ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ.