Roadha Mihaaru
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ

ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ އެބަ ބަލަން: އައްޑޫ މޭޔަރު

23 ޖުލައި 2021

އައްޑޫގައި ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ ބަލަމުން އަންނަ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގައި ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ ބަލަމުން އަންނަ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމްގައި އިއްޔެ ރޭ ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ގާއިމް ކުރެވިއްޖެ ނަމަ، އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މައްސަލަ އަށް ވެސް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

ނިޒާރު ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓް ގާއިމު ކުރުން ބޮޑު މައްސަލައަކަށް ހެދީ އެ ގައުމާ ދެކޮޅަށް ހިންގާ ކެމްޕެއިންގެ ތެރެއިން ކަމަށާއި ނަމަވެސް އެ ކަމުގައި އިންޑިއާގެ ނިޔަތް ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާ އެކު ދެއްކެވި ވާހަކަތަކުގައި އެކަން ކުރާނީ ތަނެއް ކުއްޔަށް ހިފައިގެން، އެހެން ގައުމުތަކުގައި ވެސް ކަން ކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކަށް ކަމުނުދަނީ އިންޑިއާ އިން މިކަން ކުރަން އުޅޭތީ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ދިވެހި ސަރުކާރަށް އަމާޒުވެފަ އެވެ. މި ކަމުގައި ސަރުކާރުން ނިންމާފައިވާ ގޮތެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް، އައްޑޫގެ މޭޔަރު ނިޒާރު ވަނީ އިންޑިއާގައި ކޮންސިއުލޭޓް އެޅުމަށް ތައީދުކުރައްވާ މީގެ ކުރިން ވެސް ވާހަކަ ދައްކަވައިފަ އެވެ.

ޗައިނާގެ ކޮންސިއުލޭޓެއް ހުޅުވަން އެ ގައުމުގެ އެމްބަސީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް އައްޑޫގައި ޗައިނާގެ މާ ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންދާތީ، ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ވިސްނުން އަދި އެ ގައުމުން ނުގެންގުޅޭ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު މި ބަލަނީ އިންޑިއާ ކޮންސިއުލޭޓް އައުމުގެ ކުރިން އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ހުޅުވަން. އޭރުން އެ ވާހަކައެއް [އިންޑިއާގެ ކޮންސިއުލޭޓް އެޅުމާ ދެކޮޅު ވާހަކަ] ނުދައްކާނެހެން ހީވަނީ. އޭރުން ހައްލުވީ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި މިހާރު ބޮޑުވެފައިވާ އިތުރު މައްސަލައެއް ކަމަށްވާ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާ ގާތުގައި ހުރި ގޯތިތައް އެހެން ސަރަހައްދަކަށް ބަލަކުރުމާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވީ އެ ނިންމުމަކީ އަދުލުވެރި ނިންމުމެއް ކަމަށް ނުފެންނަ ނަމަ ރައްޔިތުން ކޯޓަށް ދިއުމަށް އެދޭ ކަމަށެވެ.

އެ ސަރަހައްދަކީ އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށާއި އެތަން ތަރައްގީ ކުރާނެ ހާއްސަ ޕްލޭނެއް އެބަ އޮތް ކަމަށް ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ޕްލޭނާ އެއްގޮތަށް އެ ހިސާބު ތަރައްގީ ކުރެވިއްޖެ ނަމަ އެކަމުގެ މަންފާ އައްޑޫ އާއި މުޅި ރާއްޖެ އަށް ވެސް ކުރާނެ ކަމަށެވެ.

ހޮސްޕިޓަލް ކައިރީގައި ހުރި ގޯތިތައް ނަގައި، އޭގެ ބަދަލުގެ ގޮތުގައި ކުރިން އެ ހޮސްޕިޓަލް އަޅަން އުޅުނު ހިތަދޫ ސްޓޭޑިއަމްގެ ދެކުނަށް އޮންނަ ބިމުން ގޯތި ދޭން އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލް ކައިރީގައި ހުރި ގޯތިތަން ނަގަން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ ކަމަށެވެ.