Roadha Mihaaru
ފުރަތަމަ ދުވަހު "އަދިޕުރުޝް" ގެ ސެޓްގައި ރޯވެއްޖެ

ޝޫޓިންގެ ފުރަތަމަ ދުވަހު "އަދިޕުރުޝް" ގެ ސެޓްގައި އަލިފާން ރޯވެއްޖެ

04 ފެބުރުއަރީ 2021

ޕްރަބާސް އާއި ސައިފް އަލީ ޚާން މުހިއްމު ރޯލްތައް ކުޅޭ ފިލްމު "އަދިޕުރުޝް" ގެ ޝޫޓިން އަންގާރަ ދުވަހު ފެށިތަނާ ސެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރަބާސް އާއި ސައިފް އަލީ ޚާން މުހިއްމު ރޯލްތައް ކުޅޭ ފިލްމު "އަދިޕުރުޝް" ގެ ޝޫޓިން އަންގާރަ ދުވަހު ފެށިތަނާ ސެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މި ހާދިސާގައި ޝޫޓިން އަށް ހަދާފައި ހުރި ބައެއް ތަންތަން ވަރަށް ބޮޑަށް އަނދައިގެން ދިޔަ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އަލިފާން ރޯވި "އަދިޕުރުޝް" ގެ ސެޓް ހަދާފައި ހުރީ މުމްބާއީގެ ލަކްޝްމީ ޕާކް ސަރަހައްދުގައި ހުރި ސްޓޫޑިއޯއެއްގަ އެވެ.

ސެޓްގައި ރޯވީ އަންގާރަ ދުވަހު ހަވީރު 5:00 ޖަހަން އުޅެނިކޮށެވެ. އަދި އެ ހާދިސާ ހިނގުމާ އެކު މުމްބާއީގެ ފަޔާ ބްރިގޭޑަށް ރިޕޯޓްކޮށް އެ މީހުންގެ އެހީގައި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށްފައިވެ އެވެ.

ފިލްމުގެ ސެޓުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވާން ދިމާވި ސީދާ ކޮން ސަބަބަކާ ހުރެކަން ސާފުނުވާ ކަމަށާއި އެ ހާދިސާ ހިނގި އިރު، 100 އެއްހާ މީހުން ސެޓްގައި މަސައްކަތްކުރަމުން ދިޔަ ކަމަށެވެ.

"އަދިޕުރުޝް" އަކީ މިދިޔަ އަހަރު އަޖޭ ދޭވްގަން އާއި ސައިފާ އެކު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު އޯމް ރައުތު ހަދާ ފިލްމެކެވެ. މީގެ ބަތަލުގެ ރޯލު "ބާހްބަލީ" ކުޅުނު ޕްރަބާސް ކުޅޭ އިރު، ސައިފަކީ ފިލްމުގެ ވިލަން އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައިފް "އަދިޕުރުޝް" ގެ މަސައްކަތްތަކާ ގުޅޭނީ މި މަހުގެ ތެރޭގައި އަންހެނުން ކަރީނާ ކަޕޫރް ވިހެއުމުންނެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ އަންނަ އަހަރުގެ އޮގަސްޓް 11 ގައި ސިނަމާތަކަށް ގެންނާނެ ފިލްމެކެވެ. "އަދިޕުރުޝް" ގެ ޝޫޓިން ފެށި ނަމަވެސް، މީގެ ބަތަލާ އަކީ ކާކު ކަމެއް އަދިވެސް ނޭނގެ އެވެ.