Roadha Mihaaru
އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި

އެމްޕީއެލްގެ ތެލުގެ ވައްކަމަށް ތުހުމަތުކުރާ އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި

01 ޑިސެމްބަރ 2020

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފު މިދިޔަ ބުރާސްފަތިދުވަހު ސަސްޕެންޑު ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފު މިދިޔަ ބުރާސްފަތިދުވަހު ސަސްޕެންޑު ކޮށްފި އެވެ.

އެމްޕީއެލްގެ މުވައްޒަފުންތަކެއް ތެލުން ކުރަމުން އައި ވައްކަން ފަޅާއެރީ، ކޮވިޑް-19އާ ގުޅިގެން ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލާފައި އޮތް ދުވަސްވަރުގެ ބިލްތަކުން، އާއްމު މަސްތަކަށް ވުރެ ތިން މަހުގެ ތެރޭގައި ތެލަށް ކުރި ހޭދަ ބޮޑުވެފައިވާ ކަން ފެންނަން އޮތުމުންނެވެ. އެމްޕީއެލް އިން އިންޓާނަލް އޮޑިޓެއް ކޮށްފައިވާއިރު، މިކަން ހިނގީ އެފްއެސްމްގެ މުވައްޒަފަކާ ގުޅިގެންކަން އޮތީ އެނގިފަ އެވެ.

މިކަން ބަލައިދޭން އެމްޕީއެލް އިން ވަނީ އެފްއެސްމަށް ހުށަހަޅައިފަ އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް މިއަދު ވިދާޅުވީ މައްސަލައިގައި ތުހުމަތުވާ މުވައްޒަފާ މެދު ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ. އެމްޕީއެލަށް ތެޔޮފޯރުކޮށްދީފައިވާ ހުރިހާ ބިލްތައް ބަލައި ކުންފުނިން މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެމުން ސަސްޕެންޑްކުރީ، ތެޔޮ ބައުޒަރު ދުއްވާ މުވައްޒަފެކެވެ.

"އޭނާގެ ބަޔާން ނަގައި، އިތުރަށް މައްސަލަ ބަލަމުން އެބަދޭ،" ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތްއިރު، ތެލާ ގުޅޭ ގިނަ ޝަކުވާތަކެއް އެކި ތަންތަން ކުރި އެވެ. ތެލަށް އެދޭ މިންވަރަށް ވުރެ މަދުން ފޯރުކޮށްދޭ ކަމަށް އެންމެ ބޮޑު ޝަކުވާއެއް އައީ ރިސޯޓުތަކުން ކަމަށާއި އެ މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ މިހާރު ހަމަޖައްސާފައި އޮތް ގޮތުން އެފްއެސްއެމްގެ ތެޔޮ ބާޖަށް ރިސޯޓުން ނައްޓާލެވޭނީ އެތަނުން އެދުނު އަދަދަށް ތެޔޮ ފޯރުކޮށްދީފައިވާ ކަމުގެ ޔަގީންކަން ރިސޯޓުން ދިނުމުންނެވެ.

"ބާޖަށް ތެޔޮ އަޅައި ނިމިގެން ރިސޯޓުން ނައްޓާލެވޭނީ މި ތަނުގެ ލޮޖިސްޓިކް ޑިޕާޓްމެންޓުން ސޭލްސް ޑިޕާޓްމެންޓަށް އެންގުމުން، އެ ތަނުން ރިސޯޓަށް ގުޅައި ޔަގީން ކުރުމަށް ފަހު،" ގަސަމް ވިދާޅުވި އެވެ.

"ރިސޯޓްތަކުގެ ޝަކުވާ ވަރަށް ބޮޑު ތަނުން ހައްލުވެއްޖެ."

އޭނާ ވިދާޅުވި ގޮތުގައި ތެލަކީ އޭގެ ޒާތުގައި ގޯސްތަކެއް ހެދިދާނެ ފަދަ އެއްޗަކަށް ވާތީ، އެފްއެސްއެމުން އަންނަނީ އަބަދުވެސް އުސޫލްތައް ހަރުދަނާ ކުރަމުންނެވެ. އެމްޕީއެލްގައި މި ހިނގި ކަންކަމާ އެކު ވެސް އިތުރަށް އެފަދަ ކަމެއް ވިޔަ ނުދޭން އެ ކުންފުންޏާ އެކު މަޝްވަރާކުރާނެ ކަން ގަސަމް ފާހަގަކުރެއްވި އެވެ.

ތެލުގެ ވައްކަމާ ގުޅިގެން އެމްޕީއެލްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް މިއަދު ހާޒިރުކުރުމުން މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ޑޮކިއުމެންޓްތައް ފޯޖު ކޮށްގެން ހިންގާފައިވާ ވައްކަމުގައި، އެމްޕީއެލަށް ނުލިބޭ ތެލަށް ވެސް ބިލް ހަދާފައިވާ ކަމަށެވެ. މި މައްސަލައިގައި، ސަސްޕެންޑްކޮށްފައި ވަނީ ޕްރޮކިއުމެންޓުގެ ތިން މުވައްޒަފެކެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ތެޔޮ ހޯދުމުގައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދޭން އެ ކުންފުނިން ވެސް ވާނީ ފިޔަވަޅު އަޅައިފަ އެވެ.

މީގެ ކުރިން ވެސް އެމްޕީއެލުން ތެލުގެ ވިޔަފާރީގެ މުއާމާލާތުގައި ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުކުރި އެވެ. އެއް މައްސަލައަކީ މެރީޑިއަމުން އެމްޕީއެލަށް ތެޔޮ ސަޕްލައިކޮށްދޭ ވަރަށް ވުރެ އެތައް ގުނަ އިތުރަށް ބިލް ހަދައި އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި ތުހުމަތު ކުރީ އެމްޕީއެލް އަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ވިއްކަން އެއްބަސްވެފައި ވަނިކޮށް، މެރީޑިއަމުން މަހަކު 160،000 ލިޓަރުގެ ތެޔޮ ވިއްކާ ކަމަށް އެމްޕީއެލަށް ބިލް ކުރުމެވެ. މި ތުހުމަތު މެރީޑިއަމުން ދޮގުކޮށްފައި އޮތަސް އޭސީސީން ވެސް މައްސަލަ ބެލި އެވެ.