Roadha Mihaaru
ލޯބިވެރިޔާ އަށް ޕްރޮޕޯޒްކުރީ ކްރިކެޓް މެޗެއްގެ ތެރެއިން

ލޯބިވެރިޔާ އަށް ޕްރޮޕޯޒްކުރީ ކްރިކެޓް މެޗެއްގެ ތެރެއިން

01 ޑިސެމްބަރ 2020

އިންޑިއާ އާއި އޮސްޓްރޭލިއާ އާދީއްތަ ދުވަހު އޮސްޓްރޭލިއާގައި ބައްދަލުކުރި ކްރިކެޓް މެޗެއްގެ ތެރެއިން ފެނުނު މަންޒަރަކުން އެ މެޗް ވަރަށް ހާއްސަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އާއި އޮސްޓްރޭލިއާ އާދީއްތަ ދުވަހު އޮސްޓްރޭލިއާގައި ބައްދަލުކުރި ކްރިކެޓް މެޗެއްގެ ތެރެއިން ފެނުނު މަންޒަރަކުން އެ މެޗް ވަރަށް ހާއްސަވެއްޖެ އެވެ.

ދުނިޔޭގެ ކްރިކެޓްގައި އެންމެ ނަގާކިޔާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ ފޭނަކު އޭނާގެ އޮސްޓްރޭލިއާގެ ލޯބިވެރިޔާ އަށް ޕްރޮޕޯޒްކުރި މަންޒަރު މެޗް ބަލަން ތިބި މީހުންގެ ސަމާލުކަމަށް އައީ މެޗްގެ މަންޒަރުތައް ދައްކަން ބަހައްޓާފައި ހުރި ބޮޑު ސްކްރީނަށް އެ މެންޒަރު އެރުމުންނެވެ. އެހެންވެ މި ޕްރޮޕޯސަލްވެގެން ދިޔައީ ގިނަ ބަޔަކަށް ލައިވްކޮށް ބަލައިލަން ލިބުނު ހާއްސަ ވަގުތުކޮޅަކަށެވެ.

މީގެ ވީޑިއޯ މެޗް ކުޅުނު ސިޑްނީ ކްރިކެޓް ގްރައުންޑް (އެސްސީޖީ) ގެ ޓްވިޓާގައި ވެސް ހިއްސާކޮށް، ހުވަފެން ހަގީގަތަކަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.

އެ ވީޑިއޯގައި ފެންނަނީ ކުޅިބަލަން ތިބި މީހުންގެ ތެރެއިން ނޫ ކުލައިގެ ޖާޒީއެއް ލައިގެން ހުރި އިންޑިއާގެ ފިރިހެން ސަޕޯޓަރަކު، އޮރެންޖް ކުލައިގެ ޖާޒީއެއް ލައިގެން ހުރި އޮސްޓްރޭލިއާގެ ލޯބިވެރިޔާގެ ކުރިމަތީގައި ކަކޫ މައްޗަށް ތިރިވެ އަނގޮޓި ދައްކާލައި އިންނަން އަހާ ތަނެވެ. އެއާ އެކު އަންހެން މީހާ ލަދުން މޫނުގައި އަތްއަޅާ ތަނާއި ދެ މީހުން ބައްދައިލާ ތަން ވެސް ފެނެ އެވެ. އަދި ކައިރީގައި ތިބި މީހުން އަތްތިލަބަޑި ޖަހާ ތަން ވެސް ފެނެ އެވެ.

މި މަންޒަރު ބަލަމުން އޮސްޓްރޭލިއާ ޓީމްގެ ތަރި ގްލެން މެކްސް ދެ ލޯބިވެރިނަށް މަރުހަބާ ކިޔައި އަތްތިލަބަޑި ޖަހާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

ކޮންމެއަކަސް ދެ ލޯބިވިރިންގެ ޕްރޮޕޯސަލަށް އާންމުންގެ ސަމާލުކަން ހުއްޓުނަސް އިންޑިއާ ސަޕޯޓަރުގެ ގައުމު އާދީއްތަ ދުވަހުގެ ރޭ މެޗުން ވީ ބައްޔެވެ. އެކަމަކު މި މެޗްވީ ދެ ގައުމަށް ނިސްބަތްވާ ދެ ލޯބިވެރިންނަށް ވަރަށް ހަނދާނީ ހާއްސަ މެޗަކަށެވެ.

އެސްސީޖީން އެތަނުގެ ޓްވީޓް އަދި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރަށް ޓެގްކޮށް އެ މަންޒަރު ފެނުނުތޯ ވެސް އަހާފައިވެ އެވެ.