Roadha Mihaaru
އިންނާނެ މީހަކު ހޯދަން ފުލުހަށް ދިޔަ މީހާ އަށް ބައިވެރިއެއް

އިންނާނެ މީހަކު ހޯދައިދޭން ފުލުހުންގެ އެހީ އަށް އެދުނު އިންޑިއާ މީހާ އަށް ބައިވެރިއެއް

04 އެޕްރީލް 2021

އިސްކޮޅުން ކުރުކަމުން އިންނާނެ މީހަކު ނުވެގެން ދާދި ފަހުން ފުލުހުންގެ އެހީ އަށް އެދުނު އިންޑިއާގެ އަޒީމް މަންސޫރީ އަށް ހުށަހެޅުންތަކެއް ލިބި އޭގެ ތެރެއިން އޭނާ އެންމެ ގަޔާވި މީހާއާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްކޮޅުން ކުރުކަމުން އިންނާނެ މީހަކު ނުވެގެން ދާދި ފަހުން ފުލުހުންގެ އެހީ އަށް އެދުނު އިންޑިއާގެ އަޒީމް މަންސޫރީ އަށް ހުށަހެޅުންތަކެއް ލިބި އޭގެ ތެރެއިން އޭނާ އެންމެ ގަޔާވި މީހާއާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އިންޑިއާ ޓައިމްސް އިން ބުނީ އިސްކޮޅުގައި ދެ ފޫޓު ތިން އިންޗި ހުރި އުއްތަރު ޕްރަދޭޝްގެ ޝާމްލީ އަށް ނިސްބަތްވާ 26 އަހަރުގެ އަޒީމް އިންނަން ނިންމާފައި ވަނީ އޭނާއާ ކައިވެނިކުރަން ހުށަހެޅި އަންހެނުންގެ ތެރެއިން ގަޒީއާބާދަށް އުފަން 25 އަަހަރުގެ ރެހާނާ އަންސާރީއާ ކަމަށެވެ. އަދި އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށާއި ރެހާނާ އަކީ ވެސް އަޒީމް ގޮތަށް އިސްކޮޅުން ކުރު މީހެއް ކަމަށް ބުންޏެވެ.

ރެހާނާ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި އޭނާ ހުސްހަށިބައިކޮށް ހުންނާތީ އާއިލާ އިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އަޒީމަކީ އޭނާ އެއް ކަހަލަ ހާލަތެއްގައި ހުރި މީހެއްކަން އެނގުމުން ކައިވެނިކުރަން ނިންމީ އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަޒީމްއާ އިންނަން ބޭނުންވެގެން ތިން މީހަކު ރަސްމީކޮށް ހުށަހެޅި އެވެ.

އަޒީމްގެ ވާހަކަ މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކަށް އެރީ އޭނާ އިސްކޮޅުން ކުރުކަމުން އިންނާނެ މީހަކު ހޯދަން އަމިއްލަ އަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން އުއްތަރު ޕްރަދޭޝްގެ ޝާމްލީ ޑިސްޓްރިކްޓް ފުލުހުންނަށް ހުށަހެޅި ހިސާބުންނެވެ. ނަމަވެސް ފުލުހުން ވަނި އެ މީހުންނަކީ އިންނާނެ މީހުން ހޯދައިދޭ ބައެއް ނޫން ކަމަށް ބުނެފަ އެވެ.

އަޒީމް ބުނި ގޮތުގައި ފުލުހުންގެ އެހީ އަށް އެދުމުގެ ކުރިން އޭނާ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތަށް ވެސް އެކަމުގެ އެހީއަކަށް އެދުނެވެ. އެކަމަކު އޭނާގެ ފަރާތުން ވެސް އެހީއެއް ލިބޭ ގޮތެއް ނުވި ކަމަށް ބުންޏެވެ.

ގްރޭޑް 5 އާ ހިސާބުން ކިޔެވުން ހުއްޓައިލި އަޒީމަކީ ރީތިވާ ސާމާނު ވިއްކުމުގެ މަސައްކަތްކުރާ މީހެކެވެ. އޭނާ އަކީ އާއިލާގައި ތިބި ހަ މީހުންގެ ތެރެއިން ތިން ވަނަ މީހާ އެވެ. އާއިލާ އިން ބުނެފައިވާ ގޮތުގައި އެ މީހުން ވެސް އަޒީމަށް ބައިވެރިޔަކު ހޯދައިދޭން ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް އަޒީމް ވަނީ އާއިލާގެ މާ ބޮޑު އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ.

އަޒީމް ބުނެފައިވާ ގޮތުގައި އުންމީދަކީ މި އަހަރުގެ ރޯދައިގެ ކުރިން ކައިވެނިކޮށް، ހަނީމޫނަށް ވެސް ދިއުމެވެ.