Roadha Mihaaru
ޚިޔާނާތުގެ ތުހުމަތުވާ ގިނަ ބަޔަކު ވަކިކުރި: ގަސަމް

ޚިޔާނާތުގެ ތުހުމަތަށް އެފްއެސްއެމްގެ ގިނަ ބަޔަކު ދެ އަހަރުގެ ތެރޭގައި ވަކިކުރި: އެމްޑީ

03 ޑިސެމްބަރ 2020

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 25 މުވައްޒަފަކު މިދިޔަ ދެ އަހަރުގެ ތެރޭގައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ފޯރުކޮށްދިނުމުގައި އެ ކުންފުންޏަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 25 މުވައްޒަފަކު މިދިޔަ ދެ އަހަރުގެ ތެރޭގައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލް އަށް ތެޔޮ ހޯދުމުގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް އެފްއެސްއެމްގެ މުވައްޒަފަކާ ގުޅިގެން ހިންގި ވައްކަމުގެ މައްސަލައިގައި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ހާޒިރުކުރުމުން ގަސަމް ވިދާޅުވީ، އެ ޚިޔާނާތަކީ އެއް ދުވަހަކުން ނުވަތަ ދެ ދުވަހަކުން ހިނގި ކަމެއް ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. ތިން މަސް ތެރޭގައި ހިންގި އެމްޕީއެލްގެ ހިޔާނާތުގެ އަދަދު އަށް މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެދާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ.

އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮވެގެން ހިންގި ކަމަށް ބެލެވޭ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެފްއެސްއެމްގެ މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަން ފާހަގަކުރައްވައި ގަސަމް ވިދާޅުވީ ހިޔާނާތުގެ އެއްވެސް އަމަލެއް އެފްއެސްއެމުން ބަލައިނުގަންނަ ކަމަށެވެ. އޭގެ ހެއްކަކީ، އޭނާ މަގާމާ ހަވާލުވި ފަހުން މިދިޔަ ދެ އަހަރުގެ ތެރޭގައި 25 މުވައްޒަފަކާ މެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައި ވުން ކަމަށް ގަސަމް ވިދާޅުވި އެވެ.

"ޚިޔާނާތްތެރިވާ މުވައްޒަފަކަށް މި ކުންފުނިން ފުރުސަތެއް ނެތް، ޑަބަލް ޒީރޯ ޓޮލަރެންސް މި ގެންގުޅެނީ. އެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވި ގޮތުގައި ބައެއް މައްސަލަތަކުގައި ޚިޔާނަތް ވެފައި ވަނީ ބޮޑެތި އަދަދުތަކުގެ ފައިސާއަށެވެ. އެފަދަ މައްސަލަތައް ތަހުގީގު ކޮށްދޭން ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އެފްއެސްއެމްގެ މުވައްޒަފަކާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުން ހިންގި ވައްކަން ވަނީ ތަހުގީގުކުރަން ފުލުހުންނާއި އޭސީސީ އަށް ހުށަހަޅައިފަ އެވެ. މި މައްސަލައިގައި އެމްޕީއެލްގެ ތިން މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.