Roadha Mihaaru
ރައީސް މަރާލަން ގޮވި މުޒަހާރާގެ ބައިވެރިއަކު ސަސްޕެންޑް

ރައީސް މަރާލަން ގޮވާލި މުޒާހަރާއެއްގައި ބައިވެރިވި މުވައްޒަފަކު ސަސްޕެންޑްކޮށްފި

01 ޑިސެމްބަރ 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަންޖައްސައި މަރަން ގޮވާލި މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ ކަމުގެ ތުހުމަތުގައި ސިވިލް ސާވިސްގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަންޖައްސައި މަރަން ގޮވާލި މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ ކަމުގެ ތުހުމަތުގައި ސިވިލް ސާވިސްގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ހުކުމްކުރިތާ އެއް އަހަރު ފުރުމާ ދިމާކޮށް ޕީޕީއެމާއި ޕީއެންސީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި މުޒާހަރާއެއްގައި، ރައީސް މަރާލަން ގޮވާލުމުގެ ތުހުމަތުގައި ފިޔަވަޅު އެޅީ ނ. ލަންދޫ ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ ފިރިހެނެކަށެވެ. ސިވިލް ސާވިސްގެ ގަވާއިދާ ހަވާލާދީ އޭނާ ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް އެއް މަސް ދުވަހަށެވެ.

ވަޒީފާއަށް ނުކުތުން މަނާކޮށް އޭނާ އަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި ލިއުމުގައި ބުނެފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ރައީސް ދަންޖައްސައި މަރާލަން ގޮވައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ އެ ތަހުގީގު ނިމެންދެންނެވެ.

ކުރީގެ ސަރުކާރުގައި ސިވިލް ސާވިސްގެ މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާން މަޖުބޫރުކުރުވި އެވެ. އެކަމަކު އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިވުން މައްސަލައެއްގެ ގޮތުގައި ނަގައި ފިޔަވަޅު އަޅާތީ މި ސަރުކާރުގެ ވައުދަކީ ނާއިންސާފުން އެއްވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު ނޭޅުމެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުންގެ އެތައް ބަޔަކަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.