Roadha Mihaaru
ސަރުކާރު ވައްޓާލަން ފުލުހުން ދެނެއް ނުނިކުންނާނެ: ސީޕީ

ސަރުކާރު ވައްޓާލާކަށް ފުލުހުންނެއް ދެނެއް ނުނިކުންނާނެ: ސީޕީ

05 ނޮވެމްބަރ 2020

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ 2012 ގައި ވެރިކަން ބަދަލުކުރަން ފުލުހުން ނުކުތުމަކީ ވެދާނެ ކަމެއް ކަން، އޭރު ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކާ އެކު ދަންނަވަން ޖެހޭ ފަރާތްތަކަށް ދެންނެވި ކަމަށެވެ. އެއީ ޕްރޮފެޝަނަލް ފުލުހެއްގެ ގޮތުގައި އޭނާ އަށް ވެސް ގަބޫލުކުރައްވަން އުނދަގޫ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފެބުރުއަރީ، 6، 7، 2012 ގައި ފުލުހުން ނުކުތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރި މުޒާހަރާތަކަށް ފަހު، ވެރިކަން ބަދަލުވީ ފުލުހުންނާއި ސިފައިން ވެސް އޭގެ ތެރެއަށް ވަނުމުންނެވެ.

އެކަމަކު އެއީ، ހަމީދު ވިދާޅުވި ގޮތުގައި، މާޒީ އެވެ. އެކަންކަމުން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މިހާރު ތިބި މީހުންނާއި އަދި އެ މުއައްސަސާއާ އަލަށް ގުޅޭނެ ފަރާތްތަކުން ވެސް ސަރުކާރު ވައްޓާލުން ފަދަ އަމަލުތަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގަންނަވަނީ އެ މުއައްސަސާ އަށް ގެންނަ ބަދަލުތަކުންނެވެ.

"މިހާރު މި މުއައްސަސާ ހަރުދަނާކޮށްކޮށް އިތުރަށް ތަރައްގީކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެކަންކަން ކަށަވަރު ކުރެވިގެންދާނެ. އެ ޕްރޮފެޝަނަލިޒަމް އަޅުގަނޑުމެން ގާއިމްކޮށްފައި ނުކުމެގެން ދާނީ،" ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް."

ހަމީދު ވިދާޅުވި ގޮތުގައި ވައުދުވެފައިވާ ގޮތަށް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް އެބަދެ އެވެ. ކޮވިޑާ ހެދި، ވަރަށް ގިނަ ކަންކަން ހުއްޓިފައި ހުއްޓަސް އަންނަ އަހަރު ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް އެ މުއައްސަސާ އިން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި ކުށްތަކަށް އަރައިގަންނަ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފުވާ ފުލުހުންނާ މެދު ފިޔަވަޅު އަޅަމުންދާނެ އެވެ. އެގޮތުން އެކި މައްސަލަތަކުގައި މިހާތަނަށް 80 ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.