ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް އެދުނު އެޗް7 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލައި ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިރޭ އާއްމުކޮށްފި އެވެ.
01 ޑިސެމްބަރ 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގައި އެންމެ ގިނަ މީހުން ފްލެޓަށް އެދުނު އެޗް7 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަލައި ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިރޭ އާއްމުކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން 25،000 މީހުން ފޯމުލިއިރު، އެންމެ ގިނަ މީހުން ބޯހިޔާވަހިކަމަށް އެދުނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލި އެޗް7 ކެޓަގަރީން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ކެޓަގަރީއަށް 8000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
ހުޅުމާލެ އިން 805 ފްލެޓް ކަނޑައަޅާފައިވާ މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ.
މި ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ކުރިން ވެސް މި ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކު ކުރިމަތިލައި ފްލެޓް ލިބުނު ކަމުގެ ޝަކުވާ ބޮޑެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެޗް7ގެ ވަގުތީ ލިސްޓަށް މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ އެވެ. ދާއިމީ ލިސްޓް ނެރޭނީ ވަގުތީ ލިސްޓަށް، https://hcp.presidency.gov.mv/ މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ލިސްޓުތައް ކުރީގެ ސަރުކާރުން ވަނީ އާއްމުކޮށް، ފްލެޓް ލިބުނު ކަމުގެ ކަށަވަރު ލިއުން ވެސް ދީފަ އެވެ. އެ ލިއުމަށް ބެލުމެއް ނެތި މި ސަރުކާރުން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ. އެކަމަކު ހިޔާ މަޝްރޫއުގެ ހުރިހާ ފޯމެއް ވެސް އިވެލުއޭޓް ކުރަމުން އަންނަނީ ޔާމީންގެ ސަރުކާރުން ކަނޑައަޅައި އިއުލާންކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.
މިހާތަނަށް ވަނީ، ފަސް ކެޓަގަރީއަކުން ވަގުތީ ލިސްޓު އާއްމުކޮށްފަ އެވެ. އެއީ، ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ދަފްތަރު ކެޓަގަރީގެ ލިސްޓެވެ.
ކުރީގެ ސަރުކާރުގައި ފްލެޓްތައް ދީފައިވާ ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރި އެވެ.
ފްލެޓް ކޮމިޓީން ވެސް ބުނެފައިވާ ގޮތުގައި އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް އެ ކޮމިޓީން ބުންޏެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް އަންނަ އަހަރުގެ މާޗް މަހު ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ފްލެޓްތައް ހަވާލުކުރަން ނިންމާފައި ވަނީ ފިނިޝިން ނުނިންމަ އެވެ. އެކަމަށް ވަކި މުއްދަތެއް ފްލެޓް ލިބޭ މީހުންނަށް ދޭން ނިންމާފައިވާއިރު، އެ މުއްދަތުގައި ކުއްޔެއް ނުނަގާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް އާއްމުކޮށްފި
ހައްގު ހޯދަން "ކޮތަރު ކޮށި" ޖަމިއްޔާއަަކަށް ހަދައިފި
އެކަނިވެރި މީހުންގެ ފްލެޓުގެ ވަގުތީ ލިސްޓު އާންމުކޮށްފި
ދަފްތަރުގައި ނެތީސް ފްލެޓް ދިން މީހުން އުނިކޮށްފި
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި
ފްލެޓް ލިސްޓުން އުނިކުރާ މީހުންނަށް ހިލޭ ގާނޫނީ އެހީ
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ