Roadha Mihaaru
އައްޑޫ ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފި

އައްޑޫ ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފި

02 ޑިސެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި ވަގުތު މަރަދޫ ދާއިރާގެ އެމްްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފު) އަޑުގަދަ ކުރައްވަން ފެށްޓެވުމުން އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި ވަގުތު މަރަދޫ ދާއިރާގެ އެމްްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފު) އަޑުގަދަ ކުރައްވަން ފެށްޓެވުމުން އޭނާގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.

ޖަލްސާ ފަށައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ވިދާޅުވަމުން ގެންދެވިި އިރު ޝަރީފް އަޑުގަދަ ކުރައްވާ އަޑު އިވެ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވަމުން ގެންދެވީ ކޮން ވާހަކައެއް ކަމެއް ސާފެއް ނުވެ އެވެ. ވަކި ހިސާބަކުން ނަޝީދު ފުރަތަމަ އެންގެވީ ޝަރީފު ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށެވެ. ތަކުރާރުކޮށް އެގޮތަށް އެންގެވުމުން ވެސް ޝަރީފު އަޑުމަޑު ނުކުރެއްވުމުން އޭނާގެ ނަން އިއްވަވައި ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ.

އެހެން ނަމަވެސް ޝަރީފް ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.

ޝަރީފް ޖަލްސާއިން ނެރެން ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އިންނަވައިގެންނެވެ.

"ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ. ސާޖަންޓް އެޓް އާމްސް، ސާޖަންޓް އެޓް އާމްސް މީނާ ނެރޭ،" އެމަނިކުފާނު އެދިވަޑައިގަތެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

ޝަރީފް ޖަލްސާއިން ނެރުއްވުމަށް ފަހު ނަޝީދު ވިދާޅުވީ އޭނާ ނެރުއްވަން ޖެހިވަޑައިގެންނެވީ ދެ މެމްބަރެއްގެ ދެމެދުގައި ހިނގަމުން ދިޔަ ޒުވާބަކާ ގުޅިގެން ކަމަށެވެ. ޒުވާބު ހިނގީ ޝަރީފާއި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާ ދެމެދުގަ އެވެ. ޒުވާބު ހިނގި އިރު ވެސް ހަަލީމް އިންނެވީ އޭނާގެ ގޮނޑީގަ އެވެ. އޭނާގެ ކައިރިއަށް ވަޑައިގެން ހުންނެވީ ޝަރީފެވެ.

"ދެ އިއްޒަތްތެރި މެމްބަރެއްގެ ދެމެދުގައި ހިލާފު އުފެދި، ބަޣާވާތާ ގުޅޭ ގޮތުން ހިލާފު އުފެދި، އެ ހިލާފުގައި ވަރަށް ބޮޑަށް ޖޯޝު އުފެދިގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

ޝަރީފުގެ ނަން އިއްވައި ތަޅުމުން ބޭޭރުކުރެއްވުުމުން ހަލީމް ވެސް އަމިއްލަ އަށް ނުކުމެވަޑައިގެންނެވީ އެވެ. ނަޝީދު ވިދާޅުވީ ޝަރީފްގެ ނަން އެކަނި އިއްވެވީ ފަހަރަކު އިއްވޭނީ އެއް މެމްބަރުގެ ނަން ކަމަށް ވާތީ ކަމަށެވެ.