Roadha Mihaaru
ކައުންސިލުން އެދެނީ ރައީސްގެ އިވެންޓަށް ދަރިވަރުން ދާން

ލ. ގަމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ އިވެންޓަށް ދަރިވަރުން ފޮނުވަން ކައުންސިލުން އެދެފި

02 ޑިސެމްބަރ 2020

ލ. ގަމުގައި މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި އެ ރަށުގެ ތިން ސްކޫލެއްގެ ދަރިވަރުން ބައިވެރިކޮށްދޭން ރަށު ކައުންސިލުން އެދެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމުގައި މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި އެ ރަށުގެ ތިން ސްކޫލެއްގެ ދަރިވަރުން ބައިވެރިކޮށްދޭން ރަށު ކައުންސިލުން އެދެފި އެވެ.

ގަމު ކައުންސިލުން ތިން ސްކޫލަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ ތިން ހިދުމަތެއް ފެއްޓެވުމަށް ބާއްވާ ރަސްމިއްޔާތަކަށް ހަވީރު 4:00 ގައި ރައީސް ގަމަށް ވަޑައިގަންނަވާނެ ކަމަށެވެ.

ގަމު އަވަށުގެ ކަރަންޓު އެއް ވިއުގައިން ގުޅުވާލުމާއި ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް އަދި ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގުކޮޅުގައި އޮންނަ ޒޯން ސްޓޭޑިއަމްގަ އެވެ.

"ވީމާ، ތިޔަ ސްކޫލުތަކުގެ ވީހާ ވެސް ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި ބައިވެރިކޮށްދެއްވުން އެދެމެވެ. ދަރިވަރުން ހާޟިރުވާންވާނީ ހަވީރީ ހެދުމެއް ނުވަތަ ގައުމީ ހެދުމެއްގައެވެ،" އެ ސިޓީގައި ބުންޏެވެ.

ރައީސް ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ދަރިވަރުން ބައިވެރިކޮށްދޭން އެދުނުއިރު، ސަރުކާރުގެ ވެރިންނާއި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން އޮތީ އަންގައިފަ އެވެ. ޑިސެމްބަރު 3، 2018 ގައި ނެރުނު ސާކިއުލާގައި ބުނީ ސަރުކާރުގެ ވެރިންނަށް މަރުހަބާ ކިޔުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމުން އެކަމުގެ ސަބަބުން އެ ކުދިންގެ ސިއްހަތަށް އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. އެހެންވެ މަރުހަބާ ކިޔުމަށް އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެގޮތަށް ނުކުރުމަށް އެދިފައި ވެ އެވެ.

ނަމަވެސް ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް މިދިޔަ މަހު އެ ރަށަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށާއި މުނިފޫހިފިލުވައިދިނުމަށް ދަރިވަރުން ނެރެފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ، ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ދަރިވަރުން ބައިވެރިވީ ސްކޫލު ފަރާތުން ނުވަތަ ސްކޫލު ތަމްސީލުވާ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް ރަށު ފެންވަރުގައި ކުރާ ކަންތައްތަކުގައި ވެސް ބެލެނިވެރިން، އެ މީހުންގެ ދަރިން ބައިވެރިކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް ފަރުވާ ބެހެއްޓުމަށް އެދިފައި ވެ އެވެ.

ސިޔާސީ ހަރަކާތްތަކާއި ސިޔާސީ އިވެންޓްތަކުގައި ސްކޫލު ކުދިން ބައިވެރިކުރުމަކީ އެމްޑީޕީން އަބަދު ވެސް އެކަމާ ދެކޮޅަށް ވަކާލާތު ކުރަމުން އައި ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެ މަނިކުފާނު ރަށްރަށަށް ވަޑައިގެންނެވިއިރު މަރުހަބާ ކިޔުމަށް ދަރިވަރުން ނެރުމުން، އޭރު އިދިކޮޅުގައި އަދި މިހާރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.