Roadha Mihaaru
އަދީބު ދިން އިސްލާހެއް ހުށައެއްނާޅަން: ޝަރީފު

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އަދީބުގެ އިސްލާހު ހުށަހެޅި ވާހަކަ ޝަރީފް ދޮގުކުރައްވައިފި

02 ޑިސެމްބަރ 2020

ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ކުޑަކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި އިސްލާހެއް މަޖިލީހަށް ހުށައެޅުއްވި ކަމަށް ދައްކާ ވާހަކަ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ކުޑަކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި އިސްލާހެއް މަޖިލީހަށް ހުށައެޅުއްވި ކަމަށް ދައްކާ ވާހަކަ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިއަދު ދޮގުކުރައްވައިފި އެވެ.

ފުލުހުންގެ ތަހުގީގެއްގައި އަދީބު ދެއްވި ކަމަށް ބުނާ ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަަހަކަށް މަދުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު، އޭރު ވެސް އެމްޑީޕީގެ މެމްބަރެއް ކަމަށް ވާ ޝަރީފް ހުށަހެޅުއްވީ 20 މިލިޔަން ރުފިޔާ ދީފައިވާ ކަމަށެވެ. ބަޔާނުގެ އެ ތަންކޮޅު، މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ބަޔާނުގައި ވާ ގޮތުން އޭގެ ތެރެއިން ފުރަތަމަ ދިނީ ފަސް މިލިޔަން ރުފިޔާ އެވެ.

އަދީބުގެ އެ ބަޔާނަކީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރެވޭ ގޮތެއް އަދި ނުވެ އެވެ. އެކަމަކު އެ ބަޔާނަށް އަމާޒުކުރައްވާ، ޝަރީފް ވަނީ ރައްދު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ އަދީބު ދެއްްވައިގެން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ހުށަނާޅުއްވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓު ކުޑަކުރަން އިސްލާހެއް ހުށަހެޅުއްވީ "ޕާޓީގެ ރައީސް އެދިވަޑައިގަންނަވާތީ" ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އެ އިޝާރަތްކުރެއްވީ އެމްޑީޕީގެ ރަައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެ އެވެ.

"އަދީބު ދީގެން އަޅުގަނޑު އިސްލާހެއް ހުށައެއް ނާޅަން. އަޅުގަނޑު ހުށަހެޅީ ޕާޓީ ރައީސް ބޭނުންފުޅުވެގެން ހުށަހެޅި އިސްލާހެއް،" ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި 2013ގެ ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގެންނެވި އިރު، ނަޝީދު ގެންދެވީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމުގެ ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަކު އެމްޑީޕީގެ މެމްބަރަކަށް ހުންނަވައިގެން ޝަރީފް އަމިއްލައަށް އެ އިސްލާހު ހުށައެޅުއްވީ، އޭރުގެ ސަރުކާރުން ބޭނުންވާ ގޮތަކަށް ސުޕްރީމް ކޯޓު ކޮންޓްރޯލްކުރަން ކަމަށް، ވާހަކަ ފެތުރުނެވެ.

ޝަރީފްގެ އިސްހާލާ އެކު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރީ އޭރުގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެކަމަކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މުއުތަސިމް އަލުން ސުޕްރީމް ކޯޓަށް ގެނެސް، އުއްތަމަފަނޑިޔާރަކަށް ހައްދަވައިފަ އެވެ.

ޝަރީފަށް ފައިސާ ދީގެން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި ކަމަށް ބުނާ އަދީބު އެ ވިދާޅުވާ ބަޔާނަކީ ތެދެއް ނަމަ އެ ފައިސާގައި ހިއްޕެވީ ޝަރީފު އެކަނި ނޫންކަން އެއިން އެނގެ އެވެ. އޭގައިވާ ގޮތުން ޝަރީފާ ހަވާލުކުރި 20 މިލިޔަން ރުފިޔާއިން އެހެން މެމްބަރުންގެ ވޯޓު ވެސް ހޯދި އެވެ.

ޝަރީފް ވިދާޅުވީ "ޕާޓީގެ ރައީސް" ބޭނުންފުޅުވި ގޮތް ނޫން ގޮތަކަށް އެކަން ހިނގި ނަމަ އެމްޑީޕީން އޭނާއާ މެދު ފިޔަވަޅު އެޅީސް ކަމަށެވެ. އޭގެ ފަހުން އެ ޓްވީޓްގައި އޭނާ ލިއުއްވި ގޮތުގައި "ކިތަންމެ ބިރެއް ދެއްކިޔަސް ފަހަކަށް ނުޖެހޭނެ" އެވެ.

ޝަރީފްގެ ނަމަށް ކިލަނބުކަމެއް އަންނާނެ ފަދަ ތުހުމަތެއް ކުއްލިއަކަށް ފެންމަތި މިވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިިހުގައި ޒުވާބެއް ވެސް ހިނގާފައި އޮއްވަ އެވެ. އޭނާ އާއި ބިލެއްދޫ ދާއިރާގެ އަހުމަދު ހަލީމް (ދޮންބިލެތް)އާ ދެމެދު ކުރިއަށް ދިޔަ ޒުވާބުގައި، ރިޔާސަތުން ނަޝީދު ވަނީ މާލަމުން ޝަރީފް ބޭރުކުރައްވައިފަ އެވެ. އޭނާ ބޭރު ކުރަން އެންމެ ފަހުން ވިދާޅުވި ވާހަކަފުޅު، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން އިއްވާ އަމުރުތަކާ ވަރަށް ތަފާތެވެ. އާންމު ބަހުރުވަޔަކީ "އިއްޒަތްތެރި މެމްބަރު" ވިދާޅުވުން ކަމަށް ވިޔަސް، ނަޝީދު ކޯފާވެ އިންނަަވައި ވަރަށް ހަރުކަށި ރާގެއްގައި ފަހުން ވިދާޅުވީ "ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ. ސާޖަންޓް އެޓް އާމްސް، ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ،" މިހެންނެވެ.

އެމަނިކުފާނު އެހެން ވިދާޅުވުމުގެ ކުރިން އެތައް ފަހަރަކު "މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު"އޭ ވިދާޅުވި އެވެ. އެކަމަކު ޝަރީފް އެ އަޑު ނާއްސަވާ ޒުވާބު ކުރިއަށް ގެންދެވުމުން، ނަޝީދު ކޯފާއިސްކުރައްވައި، ސާޖަންޓް އެޓް އާމްސްއަށް އަމުރުކުރެއްވީ އެވެ.