Roadha Mihaaru
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް

ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް ކަމަށް ވިދާޅުވެ ގަސަމް ދިފާއަށް ނުކުމެވަޑައިގެންފި

25 އޮކްޓޯބަރ 2023

ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބައިވަރު ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ނައްތާލި މައްސަލަ ހޫނުވުމުން ހިމޭނުން ހުންނެވުމަށް ފަހު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަމިއްލަ ދިފާއަށް ރޭ ނުކުމެވަޑައިގެންފި އެވެ.

ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބައިވަރު ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ނައްތާލި މައްސަލަ ހޫނުވުމުން ހިމޭނުން ހުންނެވުމަށް ފަހު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަމިއްލަ ދިފާއަށް ރޭ ނުކުމެވަޑައިގެންފި އެވެ.

އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ތިލަފުށީގައި މިދިޔަ އާދިއްތަ ދުވަހު ނައްތާލިކަން ފަޅާއެރީ އެ ކަން ކުރަނިކޮށް، އެ ކުންފުނީގެ އާދައިގެ މުވައްޒަފެއް ކަމަށްވާ އަހުމަދު އަނީސް އަމިއްލަ އަށް ވީޑިއޯކޮށް، އެ ވީޑިއޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ހިސާބުންނެވެ. ވީޑިއޯ އާންމު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އަނީސް ވަނީ އެފްއެސްއެމަށް ހާޒިރުކޮށް، މަސްއޫލިއްޔަތުތަކުން ހަމަ އެ ދުވަހުން ފެށިގެން ވަގުތީ ގޮތުން އެކަހެރި ކޮށްފަ އެވެ.

އަނީސްއަކީ އެފްއެސްއެމްގައި މަސައްކަތް ކުރާތާ 8 އަހަރު ވެފައިވާ މީޓަރު ޓެކްނީޝަނެކެވެ.

ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ވެސް އުޅެނިކޮށް، އެފްއެސްއެމްގެ ބައިވަރު ލިޔުންތަކެއް ކުއްލި ގޮތަކަށް ނައްތާލި މައްސަލާގައި މުވައްޒަފަކު ސަސްޕެންޑް ކުރުމުން "މިހާރު" އިން މިދިޔަ އާދިއްތަ ދުވަހު ސުވާލު ކުރުމުން ގަސަމް ވިދާޅުވީ، އޭނާ ޗުއްޓީއެއްގައި ރާއްޖެ އިން ބޭރުގައި އުޅުއްވާތީ އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަނީސް ސަސްޕެންޑްކުރި ކަމުގެ ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެފްއެސްއެމްގެ ސީއެފްއޯ އާއިޝަތު ފަޔާޒާ އެވެ.

ކުންފުނި ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ގަސަމް ކަމަށް ވިޔަސް ލިޔުންތައް ނައްތާލި މައްސަލާއި ތިން ދުވަސް ވަންދެން ހިމޭނުން ހުންނެވުމަށް ފަހު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެފްއެސްއެމްގައި އޭނާ ކުރެއްވި ކޮންމެ ކަމެއް ކުރެއްވީ އެ ތަނުގެ ކުރިއެރުމަށް ކަމަށެވެ.

"ފޮރުވަންޖެހޭ ނާޖާއިޒު މަންފާ އަޅުގަނޑަށް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ގަސަމް ވިދާޅުވި އެވެ.

ލިޔުންތައް ނައްތާލި މައްސަލާގައި އޭނާ އަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި މައިންބަފައިންނަށް ގަސަމް ދެއްވި ޔަގީންކަމަކީ އަދިވެސް ހުންނެވީ އެ މީހުން ދެއްވި "ހެޔޮ ތަރުބިއްޔަތުގެ މަތީގައި" ކަމަށެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގައި ކޮންކްރީޓް މެޝިނަކަށް އަޅައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯ-- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގައި ކޮންކްރީޓް މެޝިނަކަށް އަޅައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯ-- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަޅުގަނޑާއި އަނބިދަރިންގެ އަރުން އެތެރެ ނުވާނެކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުންނެވެ،" ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ގަސަމް ވިދާޅުވި އެވެ.

ލިޔުންތައް ނައްތާލި މައްސަލަ ހޫނުވުމުން ދިފާއުގައި އެފްއެސްއެމުން މިދިޔަ ހޯމަ ދުވަހު ބުނީ، އެއީ ގިނަ އަހަރު ތަކެއް ވަންދެން ގުދަން ކޮށްފައި ހުރި، އެއްވެސް ގޮތަކަށް ބޭނުން ނުހިފޭ، ބާ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯ ނަގައި ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރަމުން ދަނީ އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށް ވެސް އެފްއެސްއެމުން ދިފާއުގައި ބުންޏެވެ.

އެކަމަކު، އޭގެ ފަހުން ގައުމީ އަރުޝީފުން ވެސް ވަނީ އެފްއެސްއެމްގެ އަމަލާ މެދު ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ބަލައި ދޭން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

"އަޅުގަނޑު ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އަޅުގަނޑާއި އަނބިދަރިންގެ އަރުން އެތެރެ ނުވާނެކަން އަބަދުވެސް މި އަންނަނީ ޔަގީން ކުރަމުންނެވެ،"--- ގަސަމް

"ދައުލަތުގެ ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ވިޔަސް، ލިޔެކިޔުންތައް ނައްތާލަން ޖެހޭނީ ގައުމީ އަރުޝީފުގެ ގާނޫނުގައިވާ ގޮތުގެ މަތިން. އެކަން ގައުމީ އަރުޝީފަކަށް އެނގިފައެއް ނެތް، އެކަން ކުރާ ކަމެއް. އެހެންވީމާ، އެ ގާނޫނާ ހިލާފުވެފައިވޭތޯ މި ބަލާ އެއްޗަކީ،" ގައުމީ އަރުޝީފުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު އާމިރު ވިދާޅުވި އެވެ.

މީގެ 12 އަހަރު ކުރިން އަމަލުކުރަން ފެށި ގައުމީ އަރުޝީފުގެ ގާނޫނުގައި ބުނާ ގޮތުގައި، ދައުލަތުގެ އޮފީހަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލެވޭނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލަށް ހުށަހަޅައި، އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އަރުޝީފު ކޮށްފައިވާ އެއްޗަކަށް ގަސްދުގައި ގެއްލުމެއް ދީފި ނަމަ އަދަބެއްގެ ގޮތުގައި 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު، ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލަށް ލެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލި މައްސަލަ ފެންމަތިވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ، ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި މިދިޔަ އާދިއްތަ ދުވަހު އެދިފަ އެވެ.

އޭސީސީން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ

އެފަދަ ކަމެއް ކުރަން ވަކި ފަރާތަކުން އެންގިޔަސް އެކަން ނުކުރުމަށާއި އަދި އެފަދަ ކަމެއް ކުރާކަން އެނގިއްޖެ ނަމަ ވަގުތުން ހުށަހަޅަން އޭސީސީން އެދުނެވެ.