Roadha Mihaaru
ވައްކަން ކުރީ ލިޔުންތައް ފޯޖުކޮށްގެން: ޝާހިދު

ވައްކަން ކުރީ ލިޔުންތައް ފޯޖުކޮށްގެން: ޝާހިދު

01 ޑިސެމްބަރ 2020

އެމްޕީއެލްއަށް ތެޔޮ ގަތުމުގައި ކުންފުނީގެ މުވައްޒަފުންތަކެއް ވައްކަންކުރީ ލިޔުންތައް ފޯޖުކޮށްގެން ކަމަށް ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޕީއެލްއަށް ތެޔޮ ގަތުމުގައި ކުންފުނީގެ މުވައްޒަފުންތަކެއް ވައްކަންކުރީ ލިޔުންތައް ފޯޖުކޮށްގެން ކަމަށް ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ތެލުން ވައްކަން ކުރާކަން ފާހަގަކުރެވުނީ ލޮކްޑައުނަށް ފަހު އެ ކުންފުނިން ހެދި ރިޕޯޓުތަކުން ކަމަށެވެ. އެ މައްސަލަ ފާހަގަވުމުން އިންޓާނަލް އޮޑިޓެއް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ އޮޑިޓުން އެނގުނީ އެމްޕީއެލަށް ނުލިބޭ ތެޔޮ ލިބުނު ކަމަށް ވަގު ލިއުންތަކެއް ހަދައިގެން ރެކޯޑު ކޮށްފައިވާކަމެވެ.

ތެލުގެ މި ހިޔާނާތުގެ އަގު 8 މިލިއަން ރުފިޔާއަށް އަަރާ ކަމަށް، އެމްޕީއެލްގެ ކުރީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ވަނީ ވިދާޅުވެފަ އެވެ. އެ އަދަދާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީީ ހިޔާނާތުގެ ބައިވެރިން ސަސްޕެންޑްކުރަން ބޯޑަށް ހުށައެޅި މައްސަލަ ފާސްނުވުމުން، އެކަމާ އޭނާ ހިތާމަކުރައްވާ ކަމަށެވެ. އޭގެ ފަހުން ޗެއާމަންކަމުން ޒަކީ ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

ޝާހިދު ވިދާޅުވީ މި ވައްކަން ކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންތަކަކާއި ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކަކާ ގުޅިގެން ކަމަށެވެ. ތުހުމަތުކުރެވޭ މުވައްޒަފެއްގެ ނަމާ އެކު އެފްއެސްއެމަށް އެކަން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިޔުލް ސަޕްލައިގެ ބަޔަކާ ގުޅިގެން ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ. އެ ތުހުމަތު ގާތްގަނޑަކަށް ޔަގީނާ އެއްވަރަށް އެބަހުރި ޑޮކިއުމަންޓު ފެނިފައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެ ވައްކަމުގެ އަގު ކަމަށް މިހާރު ބެލެވޭ އަދަދަކީ މިހާތަނަށް ފެނުނު ވަގު ލިޔުންތަކުން އެނގޭ މިންވަރު ކަމަށެވެ. އެހެންކަމުން ސީދާ އަދަދު ޔަގީންކުރެވޭނީ ތަހުގީގަކުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެފަދަ ވައްކަމެއް ކޮށްފައިވާ ނަމަ އެކަން ވެސް އެ ތަހުގީގުން އެނގޭނެ އެވެ.

"އެމްޕީއެލްގައި އަނދާފައި ހުރި ތެލާއި ފިޔުލް ސަޕްލައި އިން ސަޕްލައިކުރި ކަމަށް ބުނާ އެއްޗާ އަޅާކިޔާފައި އަށް މިލިއަން ވެރިފައި ކުރަން އެނގޭނީ. އެ ޕްރޮސެސް ކުރިއަށްގެންދެވޭނީ އިތުރު އިންވެސްޓިގޭޝަނަކުން،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ އިސް ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޕީއެލްގެ އިސް ބޭފުޅުން މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޝާހިދު ވިދާޅުވި ގޮތުގައި މި ވައްކަން ހިންގުމުގެ ފުރުސަތު ލިބުނު ކަމަށް ބެލެވެނީ ލޮކްޑައުން ތެރޭގައި ކޮންޓްރޯލް މެކޭނިޒަމަށް ބަދަލު ގެންނަން ޖެހުމުންނެވެ. އެކަމަކު މިހާރު ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑައިރެކްޓުކޮށް ތެޔޮ އަޅާ އެއްޗެއްސަށް ޑައިރެކްޓު ޕާޗޭސް އޯޑާއެއް އިޝޫކުރާ ގޮތަށް ބަދަލު މިގެނައީ. އެހެންވީމާ ސްޓޮކަށް އަޅާ ތެލާއި އިންޑިވިޖުއަލް އެއްޗެއްސަށް އަޅާ ތެޔޮ އަޅުގަނޑުމެންނަށް ތަފާތުކުރެވޭނެ. އަދި އެއަށް ފިޒިކަލް ޑޮކިއުމެންޓޭޝަން ވެލިޑޭޝަން އޮންނާނެ،" ޝާހިދު ވިދާޅުވި އެވެ.

މި ވައްކަން ފަޅާއެރުމާ އެކު މައްސަލަ އިތުރަށް ތަހުގީގުކުރަަން އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލަށް ވެސް އެމްޕީއެލުން ވަނީ ހުށަހަޅައިފަ އެވެ.

މައްސަލައާ ގުޅުން ހުރި މުވައްޒަފުން ތިބީ މަސައްކަތުން އެކަހެރިކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ބައިވެރިވާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.