Roadha Mihaaru
ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މާދަމާ ފަށަނީ

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މާދަމާ ފަށަނީ

04 ޑިސެމްބަރ 2020

ކޮވިޑް-19އާ ގުޅިގެން އިނގިރޭސިވިލާތް ލޮކްޑައުންކޮށް ދަތުރުތައް މެދުކަނޑާލުމަށްފަހު ބްރިޓިޝް އެއާވެސް އިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން އިނގިރޭސިވިލާތް ލޮކްޑައުންކޮށް ދަތުރުތައް މެދުކަނޑާލުމަށްފަހު ބްރިޓިޝް އެއާވެސް އިން އަނެއްކާ ވެސް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

މި ދަތުރުތައް މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު މާލެ އާއި ލަންޑަނުގެ ހީތުރޯއާ ދެމެދު ބާއްވާނެ އެވެ.

ކޮވިޑާ ހެދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވުމުން މިދިޔަ އޮކްޓޯބަރު މަހު ބްރިޓިޝް އެއާވެސް އިން ރާއްޖެއަށް ދަތުރު ފެށި އެވެ. އެކަމަކު އިނގިރޭސިވިލާތުގައި ކޮވިޑުގެ ކޭސްތައް އިތުރުވެ ލޮކްޑައުންއަކަށް ދިއުމުން ދަތުރުތައް މެދުކަނޑާލީ އެވެ.

ބްރިޓީޝް އެއާވޭސް އިން ވަނީ އެ އެއާލައިނުން ދަތުރު ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އޮންލައިންކޮށް ޗެކިން ކުރުމާއި ބޯޑިން ފާސް ހޯދުމުގެ އިތުރުން އަމިއްލައަށް ބޯޑިން ފާސް ސްކޭން ކުރެވެ އެވެ. ދަތުރު ކުރާ މީހުން ކޮންމެ ހަތަރު ގަޑިއަކުން މާސްކު ބަދަލު ކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ. އެގޮތުން، ރާއްޖޭގެ ބޯޑަރު ހުޅިފަހުން މިދިޔަ މަހުގެ ނިޔަލަށް އެ ގައުމުން 5،312 ޓޫރިސްޓުން އައިއިރު، މި އަހަރު ތެރޭގައި 36،194 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.