Roadha Mihaaru
"އަހަރުގެ ކުޑަކުއްޖާ" އަކީ ސައިންސްވެރިއެއް

"އަހަރުގެ ކުޑަކުއްޖާ" އަކީ ސައިންސްވެރިއެއް

06 ޑިސެމްބަރ 2020

ނުފޫޒު ގަދަ މީހުންގެ ވާހަކަ ކަވަރަށް އަރާ މަޝްހޫރު މަލައްޖާ ޓައިމް އިން އަލަށް ތައާރަފުކުރި ޓައިޓްލް "ކިޑް އޮފް ދި އިޔާ" ގެ މަގާމު ފުރާވަރުގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނުފޫޒު ގަދަ މީހުންގެ ވާހަކަ ކަވަރަށް އަރާ މަޝްހޫރު މަލައްޖާ ޓައިމް އިން އަލަށް ތައާރަފުކުރި ޓައިޓްލް "ކިޑް އޮފް ދި އިޔާ" ގެ މަގާމު ފުރާވަރުގެ އަންހެން ކުއްޖަކަށް ލިބިއްޖެ އެވެ.

އުމުރުން 15 އަހަރުގެ، އިންޑިއާ ދަރިިކޮޅުގެ ގީތަންޖަލީ ރާއޯ އަށް ޓައިމްގެ ކަވަރުން ޖާގަ ލިބުނީ ސައިންސްގެ ދާއިރާ އިން އޭނާ ހޯދަމުން އަންނަ ކާމިޔާބީތަކާއި އެ ދާއިރާ އިން ހައްލުކޮށްދޭ މައްސަލަތަކަށް ރިއާޔަތްކޮށެވެ. ކަވަރުގައި އޭނާގެ ވާހަކަ ހިމަނާގައި ވަނީ "ކިޑް އޮފް ދި އިޔާ: ސައިންޓިސްޓް އެންޓް އިންވެންޓާ" ގެ ގޮތުގަ އެވެ.

ހަގު "ސައިންސްވެރިޔާ" ވަނީ ބޯފެނުގައި އެކުލެވޭ ކެމިކަލްގެ މާއްދާއެއް ކަމަށްވާ ލެޑް ދަނެގެނެވޭނެ ޑިވައިސްއެއް އީޖާދުކޮށްފަ އެވެ.

މީގެ އިތުރުން ގީތަންޖަލީ އަކީ ސައިބަ ބުލީއާ ދެކޮޅަށް މޮބައިލް އެޕެއް ވެސް އުފައްދާފައިވާ ވަރަށް ވިސްނުން ތޫނު ހުނަރުވެރި ކުއްޖެކެވެ.

ޓައިމް އިން ބުނި ގޮތުގައި "ކިޑް އޮފް ދި އިޔާ" ގެ މަގާމު ގީޖަންޖަލީ އަށް ދިނީ އެ މަގާމަށް އެމެރިކާ އިން ނޮމިނޭޓްކުރި 5،000 ކުދިންގެ ތެރެއިންނެވެ.

އެމެރިކާގެ ކޮލަރާޑޯގައި ދިރިއުޅޭ ގީތަންޖަލީ ބުނި ގޮތުގައި އޭނާގެ މި ކާމިޔާބީން ދޭހަކޮށް ދިން ކަމަކީ އޭނާ އަށް މިފަދަ ކަމެއް ހާސިލު ކުރުވެމަކީ އެހެން ކުދިންނަށް ވެސް މިކަން ކުރެވިދާނެ ކަމެވެ.

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ޔުނިސެފާ އެކު އިންސާނިއްޔަތަށް މަސައްކަތްކުރާ އެންޖެލީނާ ޖޮލިއާ އެކު ޓައިމް އަށް ދިން އިންޓަވިއުއެއްގައި ގީތަންޖަލީ ބުނީ އޭނާ "ޓިޕިކަލް" ސައިންސްވެރިއެއް ނޫން ކަމަށެވެ.

"މިހާތަނަށް އަހަރެމެންނަށް ޓީވީން ވެސް އާންމުކޮށް ސައިންޓިސްޓުންގެ ގޮތުގައި ފެންނާނީ އުމުރުން ދުވަސްވީ ދޮން މީހުން،" ގީތަންޖަލީ ބުންޏެވެ. "އަހަރެން ބޭނުންވަނީ ގިނަ ބަޔަކަށް އިންސްޕިރޭޝަނަކަށް ވާން. ހަމައެކަނި އެއްޗެހި އުފައްދްއި މައްސަލަތަކަށް ހައްލު ހޯދައި ދިނުމެއް ނޫން އަމާޒަކީ. ބޭނުން ވަނީ [ދުނިޔެ އަށް] ބަދަލުތަކެއް ގެނުވާނެ ކަހަލަ މީހަކަށްވުން."

އޭނާ ބުނީ ހައްލުކުރަން ކުރިމަތީގައި ހުރި މައްސަލަތައް ވެސް ވަރަށް ބައިވަރު ކަމަށެވެ. އަދި މި ވަގުތު މުޅި ދުނިތެ ނުރައްކާތެރި ބޮޑު ބަލިމަޑުކަމެއްގެ ތެރެގައި އޮތް އޮތް އިރު އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި މޫސުމީ ބަދަލުތަކާއި ސައިބަ ބްލީ ފަދަ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށް ބުންޏެވެ.

"މިއިން ކޮންމެ ކަމަކަށް ޓެކްނޮލޮޖީގެ އެހީ ވެސް ހައްލު ހޯދަން މަސައްކަތްތަކެއް ކުރަން ޖެހޭ." ގީތަންޖަލީ ބުންޏެވެ.

ޓައިމްގެ މަޖައްލާގެ ކަވަރުން އޭނާ އަށް ޖާގަ ލިބުމުގެ ކުރިން ވެސް ގީތަންޖަލީ އަކީ ހުނަރުވެރިކަމުން އެތައް އެވޯޑެއް ހޯދާފައިވާ ކުއްޖެކެވެ. އެގޮތުން ފެނުގައި އެކުލެވޭ ލީޑް ދެނެގެވޭނެ ޑިވައިސް އުފަދައްދައިގެން އޭނާ އަށް ވަނީ "އެމެރިކާސް ޓޮޕް ޔަންގް ސައިންޓިސްޓް" ގެ އެވޯޑް ވެސް ލިބިފަ އެވެ.

ޓައިމުން އަލަށް ދޭން ފެށީ "ކިޑް އޮފް ދި އިޔާ" ގެ ބޭނުމަކީ ވެސް ގީތަންޖަލީ ފަދަ ހުނަރުވެރި ކުދިންނަށް ހިތްވަރުދީ ކުރިއަރުވަން މަސައްކަތްކޮށް ދިނުމެވެ.

ޓައިމްގެ "ޕާސަން އޮފް ދި އިޔާ" ލިބޭ މީހަކު އަންނަ ހަފުތާގައި އިއުލާންކުރާނެ އެވެ. މިދިޔަ އަހަރު އެ މަގާމު ލިބުނީ ސްވިޑްންގެ ކްލައިމެޓް ޗޭންޓް އެކްޓިވިސްޓް ގްރެޓާ ތަމްބާގް، 17، އަށެވެ.