Roadha Mihaaru
އިންސާފު ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިންްސާފު ލަސްވާތީ އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައެއް ނުގަތް

06 ޑިސެމްބަރ 2020

އިންސާފު ލިބުން ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިންސާފު އަވަސްކޮށްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންސާފު ލިބުން ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިންސާފު އަވަސްކޮށްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާ އަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ އަދުލު އިންސާފު އަވަސްކުރުމަކީ އިސްލާމްދީން ވެސް ބާރު އަޅާ ކަމެއް ކަމަށާއި އިންސާފު ލަސްވުމަަކީ އިންސާފު ނުލިބުން ކަމަށެވެ. އިންސާފު ލިބުން ލަސްވެފައިވާ ކަމަށް އޭނާ ގަބޫލުކުރައްވާ ބައެއް ކަންތައްތައް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރިގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްްލުމާއި ރ. މީދޫ ފެންފިޔާރުގޭ މުހައްމަދު އަނަސް މަރައިލި މައްސަލަ ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބުން ލަސްވާތީ އެމަނިކުފާނުގެ ހައްގު ގެއްލޭކަމުގެ ކަންބޮޑުވުން ވެސް މައްސަލައިގައި އާދަމް ޝަރީފް ފާޅުކުރެއްވި އެވެ.

"...އިންޞާފު ލިބުން ލަސްވަމުންދާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ރާއްޖޭގެ ތަހުގީރުކުރުމާއި ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނެތި، އިންސާފު ލިބޭނެކަމުގެ އިތުބާރު ރައްޔިތުންނަށް ހޯދައިދީ، އިންސާފު ގާއިމްކުރުން އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް، ދައުލަތުގެ ސަމާލުކަން ދެއްވުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަމެވެ،" ގަރާރުގައި އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 16 މެމްބަރުންނެވެ. ނުފެންނަ ކަމަށް 36 މެމްބަރުން އަދި ވަކިގޮތަކަށް ވޯޓު ދޭން އެދިވަޑައިނުގަންނަވާ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ.