Roadha Mihaaru
ކޮރޯނާވައިރަސް: އިދިކޮޅުން އުޅެނީ ހާސްކަން އުފައްދަން؟

މަޖިލިހުގައި ކޮރޯނާވައިރަސްގެ ބަހުސް: އިދިކޮޅުން އުޅެނީ ހާސްކަން އުފައްދަން

04 މާޗް 2020

ކޮރޯނާވައިރަސް ދުނިޔޭގެ ގައުމުތަކުގައި ބާރަށް ފެތުރެމުންދާ ދިއުމާ މެދު ރާއްޖޭގައި ހާސްކަން އުފެދޭ ގޮތަށް ވާހަކަދައްކާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރޯނާވައިރަސް ދުނިޔޭގެ ގައުމުތަކުގައި ބާރަށް ފެތުރެމުންދާ ދިއުމާ މެދު ރާއްޖޭގައި ހާސްކަން އުފެދޭ ގޮތަށް ވާހަކަދައްކާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެެ.

ކޮރޯނާވައިރަސް ފެތުރޭތީ މަދު ނުވާ ވަރަށް ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަން ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެ ވައިރަހާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅީމާ ނިމުނީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން ނައުމަށާއި ގައުމުތަކުން ރާއްޖެއަށް މުދާ ނޫފުލުމަށް އެއްވެސް ގޮތަކުން ބާރުއަޅަން ފެނިވަޑައެއް ނުގަންނަވަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް އެކަމުގައި ގެންގުޅޭ އުސޫލު ކަަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިޓަލީގައި ކޮރޯނާވައިރަސް ފެތުރެމުންދާ ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ގައުމުގައި ވައިރަސް ފެތުރުނަސް، ބޭރަށް ދަތުރުކުރާ މީހުންނަކީ އެ ވައިރަސް ނެތް މީހުން ކަން ކަށަވަރުކުރަން އިޓަލީ ސަރުކާރުން ވެސް ފިޔަވަޅުތައް އަޅާފައިވާ ކަަމަށެވެ.

"އަޅުގަނޑު މިދަންނަވާ ވާހަކައަކީ އަޅުގަނޑުމެނެއް ބާރު އެޅުން ބުއްދިވެރިއެއް ނޫނޭ ރާއްޖެއަށް އެއްވެސް ގައުމަކުން ޓުއަރިސްޓުން އަޔަނުދޭކަށް ވެސް، އަދި ރާއްޖެއަށް އެއްވެސް ގައުމަކުން ކާނާ އުފުލިޔަ ނުދޭކަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވެސް ތާއީދާ އެކު ބަލައިގަތް ކުއްލި މައްސަލައިގެ ބަހުސްގައި، ބައެއް މެމްބަރުން ތުހުމަތުކުރެއްވީ ކޮރޯނާވައިރަހާ ގުޅުވައިގެން ރާއްޖޭގައި ބޮޑު ހާސްކަމެއް އުފައްދައި އެކަމުން ސިޔާސީ މަންފާއެއް ހޯދަން އިދިކޮޅުން މަސައްކަތް ކުރާ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަހުމަދު ނަަސީމް ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް، ކުއްލި މައްސަލައެއް ހުށަހެޅުއްވި އިރު ވެސް އޮތީ ދޮގެއް ހައްދަވައިފަ އެވެ. އެއީ ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވައްދައި، ސަރުކާރާ ދެކޮޅު ޝުއޫރުތައް އުފައްދަން ކުރެއްވި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރެއްގެ ސަމާލުކަމަށް ކަމެއް ގެނައުން ރަނގަޅު. އެހެން ނަމަވެސް ހަމަ ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރުމަށް ގެންގުޅޭ އެއްޗެއް ނޫން ޕަބްލިކް ހެލްތު އިމަޖެންސީތަކަކީ،" މީކާއީލް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ކާޑުގެ ބާވަތްތައް ގެނައުން ދަތިވެ، އެ ބާވަތްތަކަށް ޖެހިދާނެ ކަމަަށް ކުއްލި މައްސަލައިގައި ފާޅުކޮށްފައިވާ ކަންބޮޑުވުމާ ދެކޮޅުހައްދަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ދެއްވީ ރާއްޖޭގައި ހުރި ކާޑުގެ ސްޓޮކްގެ ތަފްސީލީ ހިސާބުތަކެކެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ދައުލަތުގެ ކުންފުނި އެސްޓީއޯއިން އަންނަނީ ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.

ބަހުސް އެންމެ ހޫނުވީ ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އޭނާގެ ވާހަކަގައި ދޮގު ހެއްދެވިކަމުގެ ތުހުމަތު އެމްޑީޕީގެ ގިނަ މެމްބަރުން ކުރެއްވި އެވެ. ރިޔާސަތުން ނަޝީދު ވެސް ޝިޔާމަށް އިރުޝާދުދެއްވީ އެގޮތަށް ވާހަކަ ނުދެއްކެވުމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޝިޔާމްގެ އަނބިކަނބަލުންނާ ހަވާލާ ދެއްވައި ދެއްކެވި ވާހަަކައިގެ ތެދުދޮގު ބައްލަވަން އޭނާއާ ގުޅުއްވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކާބޯތަކެތި ނުލިބި ދާނެތީ ހާސްވެގެން، އެ ބާވަތްތައް ހޯދަން ރައްޔިތުން އެބަ ދުވާ ކަމަށެވެ. އެ ބާވަތްތައް އެެކަށީގެންވާ ވަރަށް އެބަހުރި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވަނީ މަގާމު ދިފާއުކުރައްވަން ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ ދިވެހިރާއްޖޭގައި ހުރި ބޭސްފިހާރައިގައި ބޭސްކޮޅެއް ވެސް ނެތް. ބޭސްފިހާރަތަކުގައި އަސާސީ ބޭސްގުޅަ ވެސް މިހާރު ނެތް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާގެ ވާހަކަ މެދުކަނޑުއްވައިލައްވަން ނަޝީދު އެންގެވީ އެ ހިސާބުންނެވެ.

"އަޅުގަނޑަކަށް ފުރުސަތެއް ނެތް، އިއްޒަތްތެރި މެމްބަރު މި މައުލޫއުގައި އިއްޒަތްތެރި މެމްބަރު ތިޔަ ގޮތަށް ވާހަކަދެއްކުމަށް ފުރުސަތު އެރުވޭކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކާބޯތަކެތި ގަންނަން ރާއްޖޭގެ އެއްްވެސް މީހަކު ދުވެ އުޅޭތަން ޝިޔާމަށް ވެސް ފެނިވަޑައިގެންފައި ނުވާނެ ކަަމަށެވެ. އަދި މިއަދު މަޖިލީހަށް ވަޑައިގެންނެވީ ބާޒާރުމަތީގައި ވެސް ހިންގަވާފައި ކަމަށް ވިދާޅުވި އެވެ.

"ހަމަ އެކަކު ވެސް ނުދުވޭ، ހަމަ އެކަކު ވެސް ނޫޅޭ ކާއެއްޗެއް ވެސް އަވަސް އަރުވާލައިގެން ގޮސް ގަންނާކަށް،" ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަފުޅަށް ފަހު ޝިޔާމަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ ރައްޓެހިން ކާބޯތަކެތި ހަމަކުރާ ވާހަކަ އޭނާގެ އަނބިކަނބަލުން ރޭ ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރުންގެ އަނބިކަނބަލުންގެ އަރިހުން ވެސް އަހާނަން،" ނަޝީދު ވިދާޅުވި އެވެ.