Roadha Mihaaru
ވެންޓިލޭޓަރު މައްސަލާގައި ދެން އޮތީ ފިޔަވަޅު: ނަޝީދު

ވެންޓިލޭޓަރުތަކުގެ މައްސަލަަ މިހާރު ބެލިއްޖެ، މަޖިލީހުން ފިޔަވަޅު އެޅުމާ މެދު ގޮތެެއް ނިންމަން ޖެހޭ: ނަޝީދު

29 މާޗް 2021

ކޮވިޑް-19 ގެ އަވަސް ފަރުވާ އަށް ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިނުމަށް ފަހު، އެ ތަކެތި ނުލިބުނު މައްސަލަ ރައްޔިތުންގެ މަޖިލީހުން މިހާރު ހަތަރު ފަހަރެއްގެ މަތިން ބަލާފައިވާ ކަަމަށާއި އެކަމުގައި މަޖިލީހުން ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ އަވަސް ފަރުވާ އަށް ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދިނުމަށް ފަހު، އެ ތަކެތި ނުލިބުނު މައްސަލަ ރައްޔިތުންގެ މަޖިލީހުން މިހާރު ހަތަރު ފަހަރެއްގެ މަތިން ބަލާފައިވާ ކަަމަށާއި އެކަމުގައި މަޖިލީހުން ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން މި ސަރުކާރުން ގެންނަން އުޅުނު 75 ވެންޓިލޭޓަރުތައް ނުގެނެވި، އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެެވެ. އެކަންތަކާ ގުޅޭ މައްސަލައެއް ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވެސް މިއަދު މައްސަލައެއް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން އެ މައްސަލައިގައި މިއަދު ތިއްބެވީ ތަފާތު ދެ ސްޓޭންޑެއްގަ އެވެ. ބައެއް މެމްބަރުން ދެކެވަޑައިގެންނެވި ގޮތުގައި ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ކުރުން ބަލައި، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓާއި އޭސީސީގެ ރިޕޯޓްގައި ތުހުމަތު ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގައި ދައުވާކުރެވޭނެ އެވެ. އެ މައްސަލަތަކުގައި އެއްވެސް ބަޔަަކަށް ދައުވާކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިންް ޝަމީމް ނިންމެވި ނިންމެވުން ބަލައި ނުގަނެވޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ނަޝީދު ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭނެ ކަމަށެވެ.

ހަލީމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވީ، މީހެއްގެ މައްޗަށް ކުށެއްގެ ދައުވާކުރާ އިރު ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާން ޖެހޭނެ ކަމަށެވެ. ހިޔާލު ތަފާތުވެގެން އުޅޭ ކަމަކީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއިރު، އެ ކަންތައްތައް ފުރިހަމަ ކޮށްފައިވޭތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަލަ އަލުން ބަލަން ޖެހޭ ކަަމަށް ހިސާން ވިދާޅުވި އެވެ.

"މައްސަލަ ހަތަރު ފަހަރަށް ބެލިއްޖެ" ކަަމަށް ނަޝީދު ވިދާޅުވީ ހިސާން އެހެން ވިދާޅުވުމުންނެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ، މި މަޖިލީހުން މި މައްސަލަ ހަތަރުފަހަރަށް ބަލައިފި. މިހާރު ވެސް މި މައްސަލައާ ގުޅޭ ގޮތުން އެކިއެކި ކޮމިޓީތަކުގައި އެކިއެކި ކަންކަން އެބަ ހިނގާ،" ނަޝީދު ވިދާޅުވި އެވެ.

"ދެން އަޅުގަނޑު އެބަ ހިތަށް އަރާ އިތުރަށް މި މަޖިލީހުން މީގައި ބަލާންތޯ އޮތީ، ނުވަތަ ފިޔަވަޅެއް އަޅާން ޖެހިފައިތޯ އޮތީ، އެއީ އަޅުގަނޑުމެން ނިންމަން ޖެހިފައި އޮތް ނިންމުމެއް."

އެ މައްސަލައިގައި ފިޔަވަޅު އެޅުމުގެ ގޮތުން މަޖިލީހަށް ކުރެވޭނެ އޮތީ މައިގަނޑު ދެ ކަމެކެވެ. އެއީ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމްގެ އިތުބާރު ނެތްކަމަށް ފާސްކުރުމާއީ އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން ވަކިކުރުމެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ނަޝީދު ކުރިން ވަނީ ލަފާ ދެއްވައިފަ އެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ރޭ ކުރި މަޝްވަރާ ނިމުނީ ކޮޅެއްގައި ނުޖެހި އެވެ.

އޭސީސީ އެއްކޮށްް ބަދަލުކޮށްލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މެމްބަރަކު އިއްޔެ ހުށަހެޅުއްވުމުން އެ ކަމަށް ލިބުނީ 13 ވޯޓެވެ. އެހެންވެ އެކަން ފާހެއް ނުވި އެވެ.