Roadha Mihaaru
ދުވަސްގަނޑަކަށް ފަހު ސޮނީން އާ ސިލްސިލާއެއް

ދުވަސްގަނޑަކަށް ފަހު ސޮނީން އާ ސިލްސިލާއެއް

08 ޑިސެމްބަރ 2020

އާ ސިލްސިލާތަކެއް ނާންނަތާ ގިނަ ދުވަސްތަކެއް ފަހުން ސޮނީ ޓީވީން އާ ސިލްސިލާއެއް ދައްކަން ނިންމައި، އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ ސިލްސިލާތަކެއް ނާންނަތާ ގިނަ ދުވަސްތަކެއް ފަހުން ސޮނީ ޓީވީން އާ ސިލްސިލާއެއް ދައްކަން ނިންމައި، އޭގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

ކުޑަ އަންހެން ކުއްޖަކަށް ބިނާކޮށް ގެނެސްދޭ މި ސިލްސިލާގެ ނަމަކީ "ޕުނިޔަޝްލޯކް އަހިލިއާބާއީ" އެވެ. މި ސިލްސިލާ ދައްކަން ފަށާނީ އަންނަ މަހުގެ 4 ގަ އެވެ.

ސިލްސިލާގެ މައިގަނޑު ޕްލޮޓަކީ ދެ ޖިންސްގެ މެދުގައި އޮންނަ ފަރަގެވެ. އަދި މީގެ ވާހަކަ ބިނާކޮށްފައ ވަނީ 18 ވަނަ ގަރުނުގެ މަރާޓާ ރަސްކަމުގެ ތެރެއަށެވެ.

"ޕުނިޔަޝްލޯކް އަހިލިއާބާއީ" ގެ ކާސްޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެކަކީ މިދިޔަ އަހަރު ކަލާޒް ޗެނެލުން ގެނެސްދިން "ޖާންސީ ކީ ރާނީ: ޚޫބް ލަޅީ މަރުދާނީ ޖާންސީ ކީ ރާނީ" ގައި އޭގެ ޓައިޓްލް ރޯލް ކުޅުނު ބަތަލާގެ ބައްޕަގެ ރޯލު ކުޅުނު ރާޖޭޝް ޝްރިންގާރުޕޫރޭ އެވެ.

"ޕުނިޔަޝްލޯކް އަހިލިއާބާއީ" ސޮނީ ޓީވީން އަންނަ މަހުގެ 4 ގައި ދައްކަން ފަށާ އިރު، މި ސިލްސިލާ ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއަށް ރާއްޖެ ގަޑިން 7:00 ގަ އެވެ.

ސޮނީން މި ވަގުތު ގެނެސްދޭ ފާހަގަކޮށްލެވޭ ބައެއް ސިލްސިލާތަކުގެ ތެރޭގައި މިދިޔަ މަހުގެ ފަހުކޮޅު އަލަށް ފެށި "ސްޓޯރީ 9 މަންތުސް ކީ" އާއި "އިންޑިއާވާލީ މާ" ހިމެނެ އެވެ.