Roadha Mihaaru
ހަތަރު މަސް ފަހުން "ކުޗް ރަންގް 3" ހުއްޓާލަނީ

ހަތަރު މަސް ފަހުން ސޮނީ ޓީވީގެ "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ހުއްޓާލަނީ

25 އޮކްޓޯބަރ 2021

ސޮނީ ޓީވީން މިދިޔަ ޖުލައި މަހުގެ ތެރޭގައި ދައްކަން ފެށި "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަން ވަރަށް އަވަހަށް ނިންމައިލަން ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން މިދިޔަ ޖުލައި މަހުގެ ތެރޭގައި ދައްކަން ފެށި "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަން ވަރަށް އަވަހަށް ނިންމައިލަން ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ޓީވީ އުފެއްދުންތަކުގެ ޚަބަރުތައް ގެނެސްދޭ ޓެލީ ޗައްކަރުން ބުނި ގޮތުގައި ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދައްކަން ފެށި ސިލްސިލާ ނިންމައިލަން ތައްޔާރުވާތީ މީގެ އެންމެ ފަހުގެ ޝޫޓިންތައް މި މަހުގެ ތެރޭގައި އެއްކޮށް ނިންމައިލާނެ އެވެ. އެހެންވެ ބެލެވޭ ގޮތުން "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ގެނެސްދޭނީ އަންނަ މަހުގެ ނިޔަލަށެވެ.

މި ސިލްސިލާގެ މައިގަނޑު ތަރިންނަކީ ޝަހީރު ޝައިހާ އެރިކާ ފެނަންޑޭޒެވެ. "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ހުއްޓައިލަން އުޅޭ ވާހަކަ ދެކެވެން ފަށާފައި މި ވަނީ އެރިކާ ސިލްސިލާ އިން ވަކިވާން ވެސް އުޅޭކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ. އެކަމަކު އެއީ ތެދެއްތޯ ނޫންތޯ ވެސް އޭނާ ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" އަކީ މިދިޔަ އަހަރުގެ ތެރޭގައި ނިންމައިލި ސްޓާ ޕްލަސްގެ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަނަށް ފަހު އެރިކާ ކުޅެން ފެށި ފުރަތަމަ ސިލްސިލާ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ" ގެ ތިން ވަނަ ސީޒަންގެ ކުރިން ވެސް މީގެ ފުރަތަމަ ދެ ސީޒަނުގައި ލީޑް ރޯލު ކުޅުނީ ޝަހީރާއި އެރިކާ އެވެ.

ޝަހީރަކީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ދާދި ފަހުން ސްޓްރީމް ކުރަން ފެށި ވެބް ސީރީޒް "ޕަވިތުރަ ރިޝްތާ" ގެ ވެސް ބަތަލެވެ. ދާދި ފަހުން ދަރިޔަކު ވެސް ލިބުނު އެކްޓަރު އެ ސިލްސިލާގައި ކުޅެފައި ވަނީ މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންޖް ރާޖްޕޫތު ކުޅުނު މާނަވްގެ ކެރެކްޓާ އެވެ. "ޕަވިތުރަ ރިޝްތާ" އަކީ ސުޝާންތުގެ އެކްޓިން ކެރިއަރުގެ ފެށުމެވެ.

"ކުޗް ރަންގް ޕިޔާރު ކޭ އޭސޭ ބީ 3" ނިންމައިލަން ތައްޔާރުވާ އިރު މީގެ 75 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވެ އެވެ. ކުރީގެ ދެ ސީޒަންގައި ޖުމްލަ 414 އެޕިސޯޑް ގެނެސްދިނެވެ. އެއީ ފުރަތަމަ ސީޒަނުގައި 388 އަދި ދެވަނަ ސީޒަނުގައި 26 އެޕިސޯޑެވެ.