Roadha Mihaaru
އާ ފޯމެޓަށް ބާއްވާ ކްލަބް ވޯލްޑްކަޕް ފެށުން ފަސްކޮށްފި

އާ ފޯމެޓަށް ބާއްވާ ކްލަބް ވޯލްޑް ކަޕް ފެށުން ފަސްކޮށްފި

07 ޑިސެމްބަރ 2020

ޒިއުރިކް (ޑިސެމްބަރު 7) - އާ ފޯމެޓަކަށް 24 ޓީމު ބައިވެރިކޮށްގެން ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ފެށުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.

ޒިއުރިކް (ޑިސެމްބަރު 7) - އާ ފޯމެޓަކަށް 24 ޓީމު ބައިވެރިކޮށްގެން ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ފެށުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ.

ކޮވިޑް-19 އާ ހެދި ފީފާ އިން މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ޑިސެމްބަރު މަހު ނުބާއްވައި އަންނަ އަހަރު ފެބްރުއަރީ މަހު 1 އިން 11 އަށް ގަތަރުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. ފީފާ ކައުންސިލް އިން ހުކުރު ދުވަހު ވަނީ އަންނަ ސީޒަނުގެ ކްލަބް ވޯލްޑް ކަޕް ޖަޕާނުގައި ޑިސެމްބަރު މަސް ތެރޭ މިހާރު ވެސް ބާއްވަމުން އަންނަ ފޯމެޓަށް ކުރިއަށް ގެންދަން ނިންމައިފަ އެވެ.

މީގެ 20 އަހަރު ކުރިން 2000 ވަނަ އަހަރު ބާއްވަން ފެށި ކްލަބް ވޯލްޑް ކަޕް މީގެ ކުރިން އަށް ފަހަރެއްގެ މަތިން ވަނީ ޖަޕާނުގައި ހޯސްޓްކޮށްފަ އެވެ. އެންމެ ފަހުން ޖަޕާނުގައި ބޭއްވީ 2016 ވަނަ އަހަރު އެވެ.

މިހާރު އާދައިގެ ގޮތަކަށް، ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓްކުރާ ގައުމުގެ އެއް ޓީމު ކުޅޭގޮތަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. ބަދަލުތަކާ އެކު މި މުބާރާތް ބާއްވާނީ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގަ އެވެ. އެ ގޮތުން ފުރަތަމަ ކްލަބް ވޯލްޑް ކަޕް އަންނަ އަހަރު ބާއްވަން ޗައިނާ އަށް ފުރުސަތު ދޭން ނިންމި ނަމަވެސް ފަހުން އެ މުބާރާތުގެ ވާހަކަތައް މަޑުޖައްސާލީ ކޮވިޑާ ހެދި މިދިޔަ އަހަރުގެ ޔޫރޯ އާއި ކޮޕަ އެމެރިކާ އަދި އޮލިމްޕިކްސް ފަސް ވުމުންނެވެ.

"ކޮވިޑް-19އާ ހެދި އަހަރެމެން އަލަށް ތައާރަފްކުރަން އުޅުނު ކްލަބް ވޯލްޑް ކަޕް ވެސް މި އޮތީ މަޑުޖައްސާލަން ޖެހިފައި. ކުރިއަށް އޮތް ދެ ކްލަބް ވޯލްޑް ކަޕް ވެސް ކުރިއަށްދާނީ މިހާރު އޮންނަ ފޯމެޓަށް،" ފީފާ ކައުންސިލް ބައްދަލުވުމުގައި އެ ފެޑެރޭޝަނުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

އާ ފޯމެޓާ އެކު ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ޔޫރަޕްގެ އަށް ޓީމު ކުޅޭނެ އެވެ. ދެކުނު އެމެރިކާ އަށް ވަނީ ހަ ޖާގަ ދީފައިވާއިރު، އުތުރު އެމެރިކާ، އޭޝިއާ، އެފްރިކާ އަދި ސެންޓްރަލް/ އުތުރު އެމެރިކާ އިން ކޮންމެ ބައްރަކުން ތިން ޓީމުގެ އިތުރުން އޯޝެނިއާ އިން އެއް ޓީމު ކުޅޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކޮންމެ ޓީމަކަށް ތައްޔާރުވުމުގެ ގޮތުން 50 މިލިއަން ޕައުންޑް (63 މިލިއަން ޑޮލަރު) ދޭން ވަނީ ނިންމައިފަ އެވެ. އަދި މުބާރާތުގައި ކުރިއަށްދާ ގޮތަށް ބަލާފައި ފައިސާގެ އިނާމް އިތުރުވާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ ލިބޭ އާމްދަނީ 100 މިލިއަން ޕައުންޑް (126 މިލިއަން ޑޮލަރު) އަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.