Roadha Mihaaru
ފުލުހުންގެ ބޯޑަކީ އިސްލާހަށް ހަރުދަނާ ބަދަލެއް: ހަމީދު

ފުލުހުންގެ ބޯޑަކީ އިސްލާހަށް ހަރުދަނާ ބަދަލެއް: ޕޮލިސް ކޮމިޝަނަރު

07 ޑިސެމްބަރ 2020

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނު އައުމުން އަލަށް އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑާ އެކު މުއައްސަސާއަށް ހަރުދަނާ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެ، އެ ބިލާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހިތްހަމަޖެހުންފާޅުކުރައްވައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނު އައުމުން އަލަށް އެކުލަވާލަން ޖެހޭ ފުލުހުންގެ ބޯޑާ އެކު މުއައްސަސާއަށް ހަރުދަނާ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެ، އެ ބިލާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހިތްހަމަޖެހުންފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ބިލް ރޭ ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ. އެކި ކުށްތަކަށް ތުހުމަތުކުރެވޭ އިސް އޮފިސަރުން ވަކިކުރުމުގެ އިސްލާހާ އެކު ބިލް ފާސްކޮށްފައި އޮތުމުން، އިދިކޮޅު މެމްބަރުން މި ބިލާ މެދު ދެކެނީ، ބަދަލު ހިފުމުގެ ބިލެއްގެ ގޮތުގަ އެވެ. އެކަމަކު، ބިލާ އެކު ފުލުހުންގެ ޚިދުމަތް މިހާރަށް ވުރެން ޕްރޮފެޝަނަލްވެ، ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ ޓުވީޓެއް.

ބިލަށް ތައުރީފްކުރައްވައި ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އިސްލާހަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ބޯޑު އެކުލަވާލާ ގޮތަށް އޮތުން ކަމަށާއި އެގޮތަށް ހަމަޖެއްސުމަކީ ފުލުހުން އެގްޒެކެޓިވް މެނޭޖްމަންޓުގެ ބޭފުޅުން ބޭނުންވެފައި ތިބި، އަދި އެކަމަށް އެދެމުން އައި ބަދަލެއް ކަމަށެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އެ ބަދަލަށް ބާރުއަޅައި މަސައްކަތްތަކެއް ކުރެވުނު ކަން ޕޮލިސް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ. ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތުގެ ފެންވަރު ގާތުން ވަޒަންކޮށް، ޖަވާބުދާރީ ކުރުވައި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އަމަލަކުރެވޭތޯ އެ ބޯޑުން ބެލުމަކީ ކުރިއެރުމެއްގެ ގޮތުގައި ސީޕީ ދެކެވަޑައިގަންނަވަ އެވެ.

ފުލުހުންގެ ބޯޑު އެކުލަވާލަން ޖެހެނީ އާއްމު ހަތް މެމްބަރުންގެ މައްޗަށެވެ. ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ. ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތަކީ ވެސް އެ ބޯޑެވެ.

އާ ބިލުގައި ވަނީ ހޯމް މިނިސްޓަރަށް އިތުރު ބާރުތަކެއް ދީފަ އެވެ. އެއީ، ފުލުހުންގެ ކަންކަމުގައި ސިޔާސީ ގޮތުން ޒިންމާވާ އެންމެ އިސް ފަރާތަކަށް ވާތީ އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށެވެ.

ބިލު އޮތީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރާ ގޮތަށެވެ. ރީޖަނަލް ކޮމާންޑްތަކަކާއި ސަރަހައްދީ ޕޮލިސް ކޮމާންޑްތަކެއް އުފައްދައި އެ ސަރަހައްދެއްގައި ހިނގާ ޖިނާއީ އިޖުރާއަތުގެ ހުރިހާ ކަންކަން އެ ސަރަހައްދެއްގެ ތެރޭގައި ބެލެހެއްޓޭ ގޮތަށެވެ.

ފުލުހުންގެ ކުރިއެރުމާއި ތަމްރީނަށް ވެސް އެ ބިލުން ފުރުސަތު ފަހިކޮށްދީފައިވެ އެވެ.