Roadha Mihaaru
ބަޣާވާތް ނުކުރެވޭނެ، ވެރިންގެ މެޑަލާއި ބޭއިންސާފު ނެތް

ފުލުހުންގެ ބިލް: "ބަޣާވާތް ނުކުރެވޭނެ، ވެރިން ރުހޭ މެޑަލެއް، ބޭއިންސާފެއް ނޯންނާނެ"

07 ޑިސެމްބަރ 2020

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށް ވުމުން އެ މުއައްސަސާއަށް އިސްލާހީ ބަދަލުތަކެއް އައިސް ޕްރޮފެޝަނަލް، ރައްޔިތުން އިތުބާރުކުރާ ޚިދުމަތަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށް ވުމުން އެ މުއައްސަސާއަށް އިސްލާހީ ބަދަލުތަކެއް އައިސް ޕްރޮފެޝަނަލް، ރައްޔިތުން އިތުބާރުކުރާ ޚިދުމަތަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ރޭ ފާސްކުރި އެ ބިލުގެ ބޭނުމަކީ އެ ޕާޓީގެ ވެރިކަން ބަދަލުވި "ފެބުރުއަރީ7"ގެ ބަދަލު ހިފުން ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން އެ ބިލުގައިވާ ކަންކަން ސިފަކުރަނީ، "ބަޣާވާތަށް ދޮރު ބަންދުވެ، މަގާމުގެ ކުރިއެރުމުގައި ވެރިން ރުހޭ މެޑަލް ނުދެވުމާއި ބޭއިންސާފުތައް އެ މުއައްސަސާ އިން ނައްތައިލެވި މުއައްސަސާ ހަރުދަނާވެ ކުރިއެރުން ލިބޭނެ ބަދަލުތަކެއް"ގެ ގޮތުގަ އެވެ.

ބިލް ފަރުމާކުރުމުގައި ބެލީ މައިގަނޑު 7 ކަމަކަށް.

- ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކުރުން.

- ފުލުހުން ރެކްރޫޓްކުރުމުގައި ބަލަންވީ ކަންކަން.

- ފިރިހެން ފުލުހުންނާ އެއް ސަފަކަށް އަންހެން ފުލުހުންނަށް ދެވޭނެ ގޮތަށް ކަންކަން މަގުފަހިކުރުން.

- ފުލުހުންނަށް ތައުލީމާއި ތަމްރީން ދިނުން.

- ފުލުހުން ޕްރޮފެޝަނަލް ބަޔަކަށް ހެދުން.

- ވާޖިބު އަދާކުރުމުގެ ގާނޫނީ ބާރުވެރިކަން ދިނުން.

- ޖަވާބުދާރީވާ، ޖަވާބުދާރީ ކުރެވޭ ތަނަކަށް ހެދުން.

މަޖިލީހަށް ބިލް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ ބިލުން ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރެވޭނެ ކަމަށެވެ. ރީޖަނަލް ކޮމާންޑްތަކަކާއި ސަރަހައްދީ ޕޮލިސް ކޮމާންޑްތަކެއް އުފައްދައި އެ ސަރަހައްދެއްގައި ހިނގާ ޖިނާއީ އިޖުރާއަތުގެ ހުރިހާ ކަންކަން އެ ސަރަހައްދެއްގެ ތެރޭގައި ބެލެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތް އާއްމުންނާ ގުޅުވައި ދިނުމަކީ މުހިއްމު އެއް ބަދަލުގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ އާއްމުންގެ ތެރެއިން ހަތް މެމްބަރުންނާ އެކު އައްޔަންކުރާ ޕޮލިސް ބޯޑުގެ މަގްސަދަކީ އެއީ ކަމަށެވެ. ފުލުހުންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތަކީ އެ ބޯޑެވެ.

"މިހާ މިންވަރަށް ފުލުހުންނާއި އާއްމު ރައްޔިތުންނާ ގުޅުން ގާއިމްކޮށްދެވޭނީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް ދޭ ހިމާޔަތާއި އިނާޔަތް ވެސް އެ ބިލުގައި އޮތީ މާޒީގައި އެކަން ފަހިވެފައި ނެތް މިންވަރަށެވެ.

"އޭގެ ތެރޭގައި، އިއްޒަތްތެރި ރައީސް، ވަޒީފާ ދިނުމާއި މަގާމުގެ ކުރިއެރުން ދިނުމާއި އިނާޔަތް ދިނުމާއި ރިޓަޔާކުރުމާއި މަގާމުން ވަކިވުމުގައި ވެސް ހަމަހަމަކަމާ އެކީގައި ގާއިމްކުރެވިފައި އޮތް އުސޫލެއްގެ ތެރެއިން އެކަން ކުރެވޭނެ ނިޒާމެއް މި ބިލުން ގާއިމްކޮށްދެނީ،" ހަސަން ވިދާޅުވި އެވެ.

"ފުލުހުންގެ ވެލްފެއާގެ ކަންކަން ވެސް ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން އިންސާފުވެރިކަމާ އެކީގައި ކުރެވޭނެ ނިޒާމު މި ބިލުން މިވަނީ ގާއިމްކޮށްދީފައި."

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ވެސް ބަލާނީ އިންސާފުވެރިކަމާ އެކުގަ އެވެ. އިސްތިއުނާފް ކުރެވޭ މަރުހަލާއެއް ބިލުގައި ހިމަނާފައިވާ ކަމަށާއި ފުލުހަކާ ދޭތެރޭގައި ފިޔަވަޅު އެޅުމުން ގޮތް ހުސްވެގެން އުޅެން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތަމްރީން ދިނުން އޮތީ ލާޒިމްކޮށްފަ އެވެ.

"ތައުލީމާއި ތަމްރީނެއް ނެތި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ގޮތަށް މި ބިލުން ލާޒިމްކުރޭ. އޭގެ ނަތީޖާއަކަށް ވާނީ އަޅުގަނޑުމެން މުއާމަލާތުކުރާ ފުލުހުން އެއީ ތަމްރީން ލިބިފައިވާ ފުލުހުންނަށް ވުން،" ހަސަން ވިދާޅުވި އެވެ.

ބިލުގައި ހޯމް މިނިސްޓަރުގެ ބާރުތައް ވަނީ އިތުރުކޮށްފަ އެވެ. ބޭނުމަކީ، ހަސަން ވިދާޅުވި ގޮތުގައި، ފުލުހުންގެ ކަންކަމުގައި ސިޔާސީ ގޮތުން ޒިންމާވާ އެންމެ އިސް ފަރާތަކަށް ވާތީ އޭނާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމެވެ.

"މި ގާނޫނަކީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބިރު ގަންނަ މުއައްސަސާއެއްގެ ވިސްނުމުގެ މައްޗަށް ކުރި ހޯދައި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޝަރަފުވެރި ގަދަރުވެރި ފުލުހުންގެ މުއައްސަސާއެއް ބިނާކޮށްދޭނެ ގާނޫނެއް،" ހަސަން ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އާ ގާނޫނާ އެކު ފުލުހުންގެ ތެރޭގައި ސިޔާސީ އޮއިވަރަށް ސިޔާސަތު ހެދުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. އާއްމުންގެ ތެރެއިން އައްޔަންކުރާ ހަތް މެމްބަރުން ހިމެނޭ ބޯޑެއް ހެދުމަކީ މައިގަނޑު އެއް އިސްލާހުކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

"މި ބޯޑަކީ ޕޮލިސީ ގާއިމްކުރުމުގެ އެންމެ އިސް ނުވަތަ އެންމެ އިސް ލަފާ ދޭ ބޯޑު ކަމުގައި އަޅުގަނޑުމެން ހަދައިފިން. މި ބިލް ބުނާ ގޮތުން ޕޮލިސް ބޯޑަކީ ސްޓްރެޓެޖިކް ޕޮލިސިން ރިކުއަމަންޓާ އެއްގޮތަށް ޕޮލިސީސް ގާއިމްކޮށް މިނިސްޓަރަށް ލަފާ އަރުވާ ބޮޑީ. ފުލުހުންގެ އެގްޒެކެޓިވް ބޮޑީން ފުލުހުންގެ މުއައްސަސާގެ ތެރެއިން ސިޔާސީ އޮއިވަރަކުން ފުލުހުންގެ ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތް މި ބިލުގެ ޒަރިއްޔާ އިން ހުއްޓުމަކަށް އަންނާނާނެ،" ހިސާން ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކަށް ވާނީ ފުލުހުންނަކީ ގާނޫނު ދަމަހައްޓައި ނަގަހައްޓައި ތަންފީޒުކޮށް ޕްރޮފެޝަނަލް ބޮޑީއަކަށް ފުލުހުންގެ މުއައްސަސާ ބަދަލުވެގެން ދިއުން."ފުލުހުންގެ ގާނޫނު ތަންފީޒުކޮށް ގާނޫނީ ވާޖިބު އަދާކުރުމުގެ ބާރުތައް ބިލުން އޮތީ ދީފަ އެވެ.

އޭގެތެރޭގައި އޮޓޮޕްސީ ހެދުމާއި އިންވެސްޓިގޭޝަން މެނުއަލްސް އާއި އެސްއޯޕީސް ހެދައި އަމަލުކުރާއިރު، ޒަމާނީ ބަދަލުތަކާ އެއްގޮތަށް ތަހުގީގީ އުކުޅުތައް ބޭނުންކުރުމުގެ ބާރު ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ބަޣާވާތަށް މަގުފަހިވާ ގޮތަށް ފުލުހުން އަމަލުކުރުމާއި އެހެން ބަޔަކާ ގުޅިގެން ބަޣާވާތް ކުރަން އުޅުން ވެސް މިހާރު އޮންނާނީ ފިޔަވަޅު އެޅޭގޮތަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އެއްވެސް އަޚުލާގެއް، ތަމްރީނެއް ނެތް މީހުން ފުލުހުންގެ މުއައްސަސާގައި ސިޔާސީ ސަބަބުތަކަކަށްޓަކައި ކުރިއަރައިގެން ދިއުމަކީ އޮންނަ އުސޫލެއް ކަމަށެވެ. އެކަމަކު މި ބިލާ އެކު އެކަން ބަދަލުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަޚުލާގާއި ހިދުމަތަށް ބަލައި މެޑަލް ދޭ އުސޫލުގެ ބޭރުން، ވެރިން ރުހޭ މެޑަލެއް ދެނެއް ނުދެވޭނެ އެވެ. އެއާއެކު އެކި ނަންނަމުގައި ވަކިވަކި ފޯސްތަކެއް މުއައްސަސާ ތެރޭގައި ހެދި، މުޅި މުއައްސަސާ ޚަރާބުކޮށް، ކިލަނބުކޮށްލުމުގެ ފުރުސަތު ވެސް އާ ގާނޫނާ އެކު ބަންދުވީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ ފުލުހުންނަށް ދޭ ޕްރޮމޯޝަނާއި ފުލުހުންނަށް ދޭ އިނާޔަތާއި ފުލުހުންނަށް ދޭ އިހްތިރާމާއި ހިމާޔަތާއި ރައްކާތެރިކަމާއި ބޯހިޔާވަހިކަމާއި މި ހުރިހާ ކަމެއް ވަކި އިންސާފުވެރި ހަމައެއްގެ މަތިން އަޅުވައިދޭންވެގެން އިންސާފުވެރި ނިޒާމެއްގެ ތެރެއަށް ފައްތަން މި އުޅެނީ،" މުހައްމަދު ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާދިން ފުލުހުން އެ މުއައްސަސާގައި މިހާރު ވެސް އެބަތިއްބެވެ. އަދި އެމްޑީޕީގެ މެމްބަރުން އެތައް ފަހަރަކު ހައްޔަރުކުރި ފުލުހުން ވެސް އެ މުއައްސަސާގައި އެބަތިއްބެވެ.

"ފުސްމޫނެއް ވެސް އަޅުގަނޑުމެން ދައްކައި ނުލަން. އަޅުގަނޑުމެން ފަހައެއް ނުދެން. އަޅުގަނޑުމެން މިއުޅެނީ ބަދަލުހިފާކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

"މިއުޅެނީ މުއައްސަސާގެ އަގު ހިފަަހައްޓަން، ހައިބަތު ނަގަހައްޓަން. އެ ތަންތަނުގައި އެކި ފަންތީގެ ފުލުހުންނާ މެދު އޮތް ބޭއިންސާފު ފިލުވައިލަންވެގެން މިއުޅެނީ."