Roadha Mihaaru
ފަސްނަފްސު: މިއީ ކޮން ހޭޝްޓެގެއް؟

ފަސްނަފްސު: މިއީ ކޮން ހޭޝްޓެގެއް؟

10 ޑިސެމްބަރ 2020

މިއީ ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް ގަދަކޮށްފައި އުޅޭ ހޭޝެޓެކެވެ. މިއީ #ފަސްނަފްސު އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއީ ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް ގަދަކޮށްފައި އުޅޭ ހޭޝެޓެކެވެ. މިއީ #ފަސްނަފްސު އެވެ.

ފޭސްބުކާއި ޓުވިޓާގެ އިތުރުން މާލޭގެ ބައެއް އިމާރާތްތަކުގެ ފާރުތަކުން ވެސް ފެންނަ "ފސނފސ" އަކީ ކޯއްޗެއް ކަމެއް، ކިހިނެއްވާ ކަމެއްކަން ނޭނގުނަސް މިއާ ގުޅުވައިގެން އާންމުންނާއި މަޝްހޫރު ބައެއް ފަންނާނުން ވެސް އަންނަނީ މި ހޭޝްޓެގްގައި އެކި މެސެޖުތައް ދެމުންނެވެ.

ބައެއް މީހުން މި ހޭޝްޓެގާ އެކު ބޭނުންކުރަނީ ދިވެހި ހަރުބަހެކެވެ. ނުވަތަ ދުނިޔަވީ ކޮންމެ ވެސް ތަފާތު، ހެއްވާ، މަޖާ ވާހަކައެކެވެ.

"މީހުން އެނގޭނީ އެއް އޮޑިއަކުން ދަތުރު ކުރީމަ،" އެކްޓަރު ރަވީ ފާރޫގް ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައި ލިޔެފައިވެ އެވެ.

"އެއް ފުޅަށް މަތިން ފުންމާލި ބަކަރި، އަނެއް ފުޅަށް މަތިން ވެސް ނުފުއްމިފަޔޯ،" ދިވެހި ރެޕާ ސޮފްވާން އަލީ (ސޮއްޕެ) ގެ ސްޓޭޓަސްގައި ލިޔެފައިވެ އެވެ. "އެ ކަކުންޏެއް ހަރުކޮށް ކޮންނާނީ އަނެއް ކަކުނީގެ ހޮރުގައި މިން އަޅާފަޔޯ،"

މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ޖެއްސެވީ ހަމައެކަނި މި ހޭޝްޓެގް އެކަންޏެވެ. އެއާ އެކު މިއީ ސިޔާސީ ކެމްޕޭނަކާ ގުޅޭ ހޭޝްޓެގެއް ކަމަށް ވެސް ބައެއް މީހުންނަށް ވަނީ ހީވެފަ އެވެ.

މިއީ ކިހިނެއްވާ ހޭޝްޓެގެއްކަން އަދި ނޭނގޭތީވެސް ކަންނޭނގެ އެވެ؛ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އޭނާގެ ސްޓޭޓަސްގައި ބުނީ "ނޭނގޭ ވާހަކަ ނުދައްކާ ނުތިބެވޭ ދޯ" އޭ އެވެ. އެހެންވެ އަހަރެމެން ވެސް އެ ހިސާބުން މި ހުއްޓާލީ ނޭނގޭ ވާހަކަ ނުދައްކަންވެގެންނެވެ.