Roadha Mihaaru
ގިނަ ބަޔަކަށް ފަރުވާ ދެވޭނީ ހިދުމަތް ޕްރައިވެޓްކޮށްގެން

ގިނަ ބަޔަކަށް ފަރުވާ ދެވޭނީ ރިހެބިލިޓޭޝަން ފަރުވާ ޕްރައިވަޓައިޒްކޮށްގެން: މިނިސްޓަރު

04 މާޗް 2021

އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކަށް ހުޅުވާލުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މިހާރަށް ވުރެ ގިނައިން ފަރުވާ ދެވޭނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ މިއަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކަށް ހުޅުވާލުމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މިހާރަށް ވުރެ ގިނައިން ފަރުވާ ދެވޭނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ މިއަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަކޮށްގެން "ޖަޒީރާ ސައްލާ"ގެ ނަމުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ފަރުވާ ދޭން ގާނޫނު ތަންދޭ ކަމަށެވެ. އެކަމަށް ހުޅުވާލަންޖެހޭ ކަމަށާއި އެއީ މިހާރު ލަސްވެފައިވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިއީ، އަމިއްލަ ފަރާތްތަކަށް ފަރުވާގެ ފުރުސަތު ދިނީމަ އަޅުގަނޑުމެންނަށް އެކި ފެންވަރުގެ އަދި އެކި ކަހަލަ ފަރުވާގެ އޮޕްޝަންސްތައް ހުންނާނެ. އެއީ އެކި ވައްތަރުގެ އެކި ބާވަތުގެ ތަކެތި މި ބޭނުންކުރަނީ،" ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ފަރުވާގެ މައުލޫމާތު އެނގޭ ބަޔަކު އެކަން ކުރަން ފެށުމުން ގިނަ މީހުންނަށް އަތްފޯރާނެ އެވެ.

"މީގެ ނޮލެޖު ހުރި، މައުލޫމާތު ހުރި ބަޔަކު މިކަމަށް ތައްޔާރުވެގެން މިކަން ކުރަން ފެށީމަ އަޅުގަނޑަށް ހީވަނީ އަމިއްލަ ފަރާތްތަކަށް އަދި އެންޖީއޯސްއަށް ފުރުސަތު ހުޅުވާލައިފި ކަމަށް ވަންޏާ މިހާރަށް ވުރެ އަޅުގަނޑުމެންނަށް ގިނަ މީހުންނަށް އަތްފޯރާނެހެން ފަރުވާ ދިނުމުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިހާތަނަށް ދެމުން އަންނަނީ ރެސިޑެންޝަލް އަދި ކޮމިއުނިޓީ ފަރުވާ އެވެ. ރެސިޑެންޝަލް ފަރުވާއަކީ، ހާއްސަ މަރުކަޒެއްގައި ވަކި މުއްދަތެއް ވަންދެން ދިރިއުޅޭއިރު ދޭ ފަރުވާ އެވެ. އެ ތަނުން ފަރުވާ ދެނީ މަސްތުވާތަކެތީގެ އެޑިކްޝަން ބޮޑު މީހުންނަށެވެ. ޑްރަގް ކޯޓުން ގިނައިން ހުކުމްކޮށްފައިވަނީ ވެސް ރެސިޑެންޝަލް ފަރުވާއަށް ދިއުމަށެވެ.

ނަމަވެސް ރާއްޖޭގައި މި ވަގުތު ރެސިޑެންޝަލް ފަރުވާ ދޭ ހަމައެކަނި މަރުކަޒު ހުރީ ކ. ހިންމަފުށީގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮމިއުނިޓީ ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމްކޮށްފައި އެބަހުއްޓެވެ. ނަމަވެސް ގިނަ ތަންތަން ހުހަށް ހުއްޓަސް ފަރުވާ ނުލިބި އެތައް ބަޔަކު ކިއުގައި ތިބޭކަމުގެ ޝަކުވާ އަބަދު ވެސް ބޮޑެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގައި ގޮންޖެހުން އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ އެ އުނދަގޫތައް ހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ބެލުމަށް އެންމެ ފަހުން އެސެސްމަންޓެއް ހެދީ 2012 ވަނަ އަހަރެވެ. އެއަށްފަހު، ފުލުހުންގެ ބަންދަށް ގެންދާ މީހުންނާއި އަމިއްލައަށް ބޭނުންވެގެން ޑްރަގްގެ ފަރުވާ ހޯދާ މީހުންގެ އަދަދުތަކަށް އަންދާޒާކޮށް ބެލުމުން، މިހާރުގެ އަދަދުތައް ވަރަށް ގިނަ ކަމަށް ވިދާޅުވި އެވެ. އަސްލު ހާލަތު އެނގޭނީ، އައިޝާ ވިދާޅުވި ގޮތުގައި، އެސެސްމަންޓް ހެދުމަށްފަހުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރި މީހަކު ފަރުވާ ބޭނުން ނުވެގެން، ހުކުމަކާއެކު ޖަލަށް ދާން ޖެހުނަސް ފަރުވާ ލިބެންޖެހެ އެވެ. އަދި ވެސް އެ ނިޒާމު ރަނގަޅަށް ގާއިމްވެފައިނުވާތީ ހޯމް މިނިސްޓްރީން ދަނީ ކަރެކްޝަންސް އާއެކު މަސައްކަތް ކުރަމުންނެވެ.