Roadha Mihaaru
ލޯނާ ބެހޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަ ދޮގުކޮށްފި

ޗައިނާ ލޯނާ ބެހޭ ގޮތުން ނަަޝީދު ދެއްކެވި ވާހަކަ ސަފީރު ދޮގުކުރައްވައިފި

11 ޑިސެމްބަރ 2020

ޗަައިނާގެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ރާއްޖޭން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ވެސް އެ ގައުމުގެ ސަފީރު ޖަންގް ލިޖޮން ދޮގު ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗަައިނާގެ ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ރާއްޖޭން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ވެސް އެ ގައުމުގެ ސަފީރު ޖަންގް ލިޖޮން ދޮގު ކުރައްވައިފި އެވެ.

ރާއްޖޭން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ލަސްކޮށްދޭން އެދެން ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ. ލޯނުތައް އަނބުރާ ދެއްކުން ލަސް ނުކުރާ ނަމަ ވާނެ ދަތީގެ ވާހަކަ އެމަނިކުފާނު ފަހަކަށް އައިސް ގިނަގިނައިން ދައްކަވަ އެވެ. އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ޗައިިނާގެ ބޭންކްތަކަށް، ދައުލަތުގެ ހަޒާނާ އިން 15 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވިގޮތުގައި، އެ މުއްދަތުގައި ރާއްޖެ އަށް ލިބޭނެ އާމްދަނީގެ ދެބައިކުޅަ އެއްބަ އެވެ.

"ކޮވިޑް-19 އަށް ފަހު، ނޭވާލާނެ ޖާގަ ދިވެހި ރާއްްޖެ އަށް ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޓްވީޓަށް ރައްދު ދެއްވައި ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭކަން، ބޭންކްތަކުން ލިބުނު މައުލޫމާތުން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެކައުންޓް ފޮތްތައް ބައްލަވައި، އެބައި ބަޖެޓަށް ރައްކާ ކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލޯނުތައް ރީސްޓްރަކްޗާ ނުކޮށްދޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްތައްް މަޖިލީހުގައި ކުރަަމުން ގެންދިޔަ އިރު އެކި ފަހަރު މަތިން އެ ވާހަކަ ދެއްކެވި އެވެ. ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެމަނިކުފާނު ވިދާޅުވީ ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ލޯނާއި ދަރަނި އަދާކުރަން ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ފައިސާ ހަރަދުވަނީ ކުރީ ސަރުކާރުން ޗައިނާގެ އެކި ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަރާ އޮތީ ޗައިނާ އަށް ކަމާއި، އެ ދަރަނި ޗައިނާއަށް އަޅުގަނޑުމެން މި އަންނަ އަހަރު ދައްކަންޖެހޭ ކަމާއި، މި ހުރީ ހަގީގަތްތައް. އެއީ ހަތުރަކަށް ވިޔަސް މި ހަގީގަތްތައް ހާމަކުރަމުން ގެންދަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ޗައިނާ އިން ދޫކޮށްފައިވާ ލޯނުތަކަށް ލުއިދީފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.