Roadha Mihaaru
ޗައިނާގެ ސަފީރު: ދޮގު މައުލޫމާތު ގަބޫލެއް ނުކުރެވޭނެ

ޗައިނާގެ ސަފީރު ރައީސް ނަޝީދަށް: ދޮގު މައުލޫމާތު ފެތުރުން ގަބޫލެއްނުކުރެވޭނެ

07 ޖުލައި 2019

ރާއްޖެއިން ޗައިނާ އަށް ދަރާފައިވާ އަދަދާ މެދު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަަނެއްކާ ވެސް ރައްދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއިން ޗައިނާ އަށް ދަރާފައިވާ އަދަދާ މެދު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަަނެއްކާ ވެސް ރައްދު ދެއްވައިފި އެވެ.

ސަފީރު ޒަންގް ލިއޮން މިއަދު ނަޝީދު ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސައްހަ ނޫން އަދި ހަގީގަތް އޮޅޭ ފަދަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން ގަބޫލުނުކުރެވޭނެ" ކަމަށެވެ. އަދި އޭގެ ސަބަބުން ދެ ގައުމުގެ ރަހުމަތްތެރި ގުޅުމަށް ނުބައި އަސަރެއްކުރާނެ ކަމަށް ވެސް ލިއޮން ވިދާޅުވި އެވެ.

"ރަނގަޅު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުން ވަރަށް މުހިންމެވެ،" އޭނާ ވިދާޅުވި އެވެ.

ލިއޮން ވިދާޅުވި ގޮތުގައި އެއްވެސް ޝައްކެއް އުޅޭ ނަމަ އޭގެ ރަނގަޅު ތަސްވީރު ހޯދަން ބޭނުންވަނީ އެންމެ ފޯން ކޯލެކެވެ.

ޗައިނާގެ ސަފީރުގެ ޓްވީޓް އައީ ރޭ ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭރަށް ރާއްޖެ ދަރާފައިވާ ދަަރަނީގައި ހަމައެކަނި އޮތީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ދޭ ލޯނުތައް ނޫން ކަމަށެވެ. އޭގެ ތެރޭގައި ސޮވެރިން ގެރެންޓީތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ސަރުކާރުން ޗައިނާގެ ބޭންކްތަކަށް ދީފައި އޮތް ސޮވެރިން ގެރެންޓީތައް އުޅެނީ ކަންބޮޑުވާން ޖެހޭ ފަދަ ލެވެލްއެއްގަ އެވެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި "މުސްތަގުބަލާ މެދު އަޅުގަނޑުމެން އެންމެން ސަމާލުވާން ޖެހެ" އެވެ.

ލިއޮން އާއި ނަޝީދާ ދެމެދު ޓްވީޓްތަކުގެ ރައްދުތަކެއް ފެށިގެން މި އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ދަރަނި 3.4 ބިލިއަން ޑޮލަރު ޖެހޭ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

އެކަމަކު ލިއޮން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ލޯނުތަކުގެ އަދަދު އުޅޭނީ، 1.5 ބިލިއަން ޑޮލަރުގައި ކަމަށެވެ.

ލިއޮން މިއަދު ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވީ ޗައިނާ އިން ފައިސާ ހޯދަން އެއްވެސް ގައުމަކަށް މަޖުބޫރު ނުކުރާ ކަމަށެވެ.

"ހަމަ އެގޮތަށް ދަރަނީގެ މައްސަލައެއްގެ ތެރެއަށް ޕާޓްނަރަކު ވެއްޓޭތަން ބަލަން ވެސް ޗައިނާ އިން ނޭދެ އެވެ،" ލިއޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތަކާއި މާލީ އެހީ ދިނުން ބިނާކުރަނީ ފީޒިބްލް ސްޓަޑީތަކާއި ނުރައްކާ އޮތް މިންވަރުގެ ވެސް މައްޗަށެވެ.

ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ވީ ޗައިނާ އިންނެވެ. މިދިޔަ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އިގްތިސާދީ ގޮތުންނާއި ހާރިޖީ ގޮތުން ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ.