Roadha Mihaaru
ބޭނުންވާ ސްޓައިލަށް މާޒިޔާ ލައްވައި ކުޅުވޭނެ: ނިޒާމްބެ

ބޭނުންވާ ސްޓައިލަށް މާޒިޔާ ލައްވައި ކުޅުވޭނެ: ނިޒާމްބެ

13 ޑިސެމްބަރ 2020

އޭނާގެ ވިސްނުމާ އެއްގޮތަށް ބޭނުންވާ ސްޓައިލަށް މާޒިޔާ ލައްވައި މި ސީޒަނުގައި ކުޅެވޭނެ ކަމަށާއި އެންމެ ފުރަަތަމަ ކަމަކަށް ބޭނުންވަނީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް ކުރިހޯދައި މޮޅަކުން ލީގު ފަށަން ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭނާގެ ވިސްނުމާ އެއްގޮތަށް ބޭނުންވާ ސްޓައިލަށް މާޒިޔާ ލައްވައި މި ސީޒަނުގައި ކުޅެވޭނެ ކަމަށާއި އެންމެ ފުރަަތަމަ ކަމަކަށް ބޭނުންވަނީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް ކުރިހޯދައި މޮޅަކުން ލީގު ފަށަން ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާޒިޔާ ގޮވައިގެން ނިޒާމްބެ ނުކުތް ފުރަތަމަ މެޗުގައި ދިމާވީ ދެރަ ގޮތެކެވެ. އަންގާރަ ދުވަހުގެރޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ދެ ގޯލު ޖަހާފައި އޮއްވައި އީގަލްސް އިން ފަހަތުން އަރައި މޮޅުވީ އެވެ. ނިޒާމްބެ އެ މެޗަށް ފަހު ވެސް ފާހަގަކުރި އެއް ކަމަކީ އެއީ ކޯޗާއި ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ ފިލާވަޅެއް ކަމަށާއި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށެވެ. ނިޒާމްބެ ވަނީ ޔޫވީ މެޗުގެ ކުރިން ވެސް އެ ވާހަކަ ތަކުރާރުކޮށްފަ އެވެ.

"ލީގުގެ ފުރަތަމަ މެޗަށް ވާތީ ލީގުގެ ސްޓާޓިން ރަނގަޅުކުރުން އެންމެ މުހިއްމު ކަމަކީ އެ ގޮތުން އެ ވިސްނުން ސިކުނޑިއަށް ގެނެސްގެން ވެދިޔަތަން ދޫކޮށްލާފައި ސީޒަންގެ ފުރަތަމަ މެޗުން މޮޅުވާން ނިކުންނާނީ،" ނިޒާމްބެ ބުންޏެވެ.

"އެންމެ ސީރިއަސްކޮށް ނަގަންވީ ކަމަކީ މާޒިޔާ އަށް ކޮންމެ މެޗަކުން މޮޅުވުން ނޫން އެހެން ކަމެއް ނޯންނާނެކަން. އެ ވިސްނުމުގައި މާޒިޔާ ނުކުންނައިރު މާޒިޔާ އަށް އެއްވެސް މެޗެއް ފަސޭހަނުވާނެ. އޮޕޮޒިޝަން އިން ކުރެވުނު ހުރިހާ ކަމެއް ކުރާނެ މާޒިޔާ މޮޅުވިޔަނުދޭން. މާޒިޔާ އެ ޕްރެޝަރު ނަގައިގެން ނުކުންނާނީ،"

މާޒިޔާ އަކީ އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ޓީމެވެ. އެއީ ނިޒާމްބެ ބޭނުންވާ ވަރުގެ ވަގުތެއް ޕްރީ ސީޒަނަށް ދިނުމުގެ ގޮތުންނެވެ. ޕްރީސީޒަނުގައި ނިޒާމްބެ ބޭނުންވާ ގޮތަށް އޭނާގެ ފިލޯސަފީ އާއި އޭނާ ބޭނުންވާ ސްޓައިލުގެ ފުޓްބޯޅަ މާޒިޔާ ލައްވައި ކުޅުވަން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ނިޒާމްބެ ބުނީ އޭނާ ބޭނުންވާ ބަދަލު ގެނެވޭނެ ކަަމަށާއި އެކަމަކު އެކަން ކުރަން ކޮންމެވެސް ވަރެއްގެ ވަގުތެއް ނަގާނެ ކަމަށެވެ.

"މާޒިޔާ މިދިޔަ ސީޒަނުގައި ފޮރިން ކޯޗަކާ އެކީގައި އޭނަގެ ފިލޯސަފީ އަށް އެ ގޭމްޕްލޭންގައި ވިން ކޮށްފައި އޮއްވައި ދެން އަންނަ މީހަކަށް އޭނަ އިމްޕްލިމެންޓް ކުރާ ކަންކަމަށް ބަލާއިރު ކްލަބްގެ ކަލްޗާ އާއި ޕްލޭޔަރުންގެ ކަލްޗާ އަށް ބަލަންޖެހޭ. ބަދަލުގެންނަން ޖެހޭ މަސައްކަތްތައް މި ކުރަނީ. މިދިޔަ ސީޒަނުގައި މާޒިޔާގައި ތިބި ބައެއް ކުޅުންތެރިންގެ ޕޮޓެންޝިއަލްއާ އެއްވަރަށް ނުކުޅެވިހުރީ. އެކަން ވެސް އެބަޖެހޭ ބަދަލުކުރަން. ބޭނުންވާ ބަދަލުތައް ގެނެވޭނެ،" ކުރިން ޓީސީއާ އެކު ލީގު ކާމިޔާބުކުރި ނިޒާމްބެ ބުންޏެވެ.

ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާވެގެން ބަދަލުކުރި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް މި މެޗުގައި ނުކުޅޭނެކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހުގެ ތެރެއިން މުހައްމދު (ވ.2) އެ ޓީމުގެ ކޯޗިން ސްޓާފުން އަދި ކުޅުންތެރިންނާ އެކު. -- ފޮޓޯ: އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހުގެ ތެރެއިން މުހައްމދު (ވ.2) އެ ޓީމުގެ ކޯޗިން ސްޓާފުން އަދި ކުޅުންތެރިންނާ އެކު. -- ފޮޓޯ: އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ މިދިޔަ މަހު އެއް ވަނަ ދުވަހު އެ ޓީމުން ޕްރެކްޓިސް ފެށިއިރުން ފެށިގެން ތައްޔާރުވަމުން އައީ މާޒިޔާ މެޗަށް ކަމަށެވެ. މާޒިޔާ އަކީ ރާއްޖޭގެ އެންމެ މޮޅު ޓީމުކަން ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ޓީމެއް ގޮވައިގެން މުބާރާތަކަށް ނުކުންނަނީ ވެސް ކޮންމެ ޓީމެއް އަތުން މޮޅުވެވޭނެ ކަމުގެ އުއްމީދާ އެކީ ކަމަށެވެ.

މިދިޔަ ސީޒަން މެދުތެރެއިން ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވެ އޭނާ ބޭނުންވާ ސިސްޓަމަށް ޓީމު ހާނުވަން އުނދަގޫވިކަމަށް މުހައްމަދު ބުންޏެވެ. އެކަމަކު މި ސީޒަނަށް ޓީމު ތައްޔާރުކުރުމުގައި ޔުނައިޓެޑް ވިކްޓްރީން އޭނާ ބޭނުންވާ ފުޓްބޯޅަ ކުޅެވޭނެ ފަދަ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ) ގެނެސްފައިވާތީ ފަސޭހަތަކެއް އެބަހުރި ކަމަށް މުހައްމަދު ގަބޫލުކުރެ އެވެ.

"ޔޫވީގެ ކުޅުން ހަމަގައިމުވެސް މިދިޔަ އަހަރަށް ވުރެން ތަފާތުވާނެ. ހަމަގައިމުވެސް މިދިޔަ އަހަރަށް ވުރެ ރީތި ފުޓްބޯޅައެއް ކުޅޭނެ ކަމަށް މި ބަލަނީ. މިދިޔަ އަހަރަށް ވުރެން މި އަހަރު 100 ޕަސެންަޓް ޔޫވީ ތަފާތު ވާނެ،" ކުރިން ވިކްޓްރީ އަށް ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޔުނައިޓެޑް ވިކްޓްރީގެ އެންމެ ކާމިޔާބު ސީޒަނަކީ 2016 އެވެ. އެ ފަހަރު ގަދަ ހަތަރެއްގައި ނިންމި އެވެ. މި ފަހަރު ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓުގެ ޓާގެޓަކީ ގަދަ ތިނެއް ތެރޭގައި އެ ޓީމު އޮތުމެވެ. އެކަމަކު މުހައްމަދުގެ އުއްމީދު އެ އަށް ވުރެ މައްޗެވެ.

"ދެން އެކަމަކު އަޅުގަނޑު ބުނާހިތެއް ނެތް ޓޮޕް ތުރީ އެކޭ. އަޅުގަނޑު ބޭނުމީ ހަމަ ލީގު ނަގަން. ދޮގުނުހަދާ ތެދަށް ބުނަންޏާ ހަމަގައިމުވެސް ވަން ޓޫ އަށް ވުރެން ދަށަށް ދާކަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނޫން. އެ ޓާގެޓަށް ރީޗު ނުވިއްޔާ ނާކާމިޔާބެއް ކަމަށް އަޅުގަނޑު ގަބޫލުކުރާނަން،" މުހައްމަދު ބުންޏެވެ.

މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.