23 މާޗް 2021
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ދޭ ދެކޮޅު ނުޖެހޭ ޖަވާބުތަކާ ހެދި ފުރަތަމަ ޑިވިޝަން ކްލަބްތައް ގޮތް ހުސްވެ، ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް އެ ޓީމުތަކުގެ އިސް ފަރާތްތަކުން ބުނެފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ދޭ ދެކޮޅު ނުޖެހޭ ޖަވާބުތަކާ ހެދި ފުރަތަމަ ޑިވިޝަން ކްލަބްތައް ގޮތް ހުސްވެ، ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް އެ ޓީމުތަކުގެ އިސް ފަރާތްތަކުން ބުނެފި އެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގެ މީޑިއާ ރޫމްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްލަކޮށް ހުރިހާ ކްލަބްތަކެއްގެ އިސް ފަރާތްތަކުން ބައިވެރިވި އެވެ. ހުރިހާ ކްލަބްތަކުން ވެސް ދެއްކި އެއް ވާހަކަ އަކީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު މެދުކަނޑާލި ލީގުގެ ޕްރެކްޓިސް ފަށަން ކުރި މަސައްކަތުން މިދިޔަ މަހު 28 ވަނަ ދުވަހު ޓީމުތަކުގެ ޕްރެކްޓިސް ހަރުކަށި ގައިޑްލައިންތަކެއްގެ ތެރެެއިން ފަށައިގެން މަހެއްހާ ދުވަސް ވާން ގާތްވެފައިވާއިރު، ލީގު ފަށަން ހުއްދަދޭން އެޗްޕީއޭ އިން ދެކޮޅު ހަދާ ސަބަބެއް ނޭނގި ވާނުވާގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު (ވައްކޭ) ވިދާޅުވީ އެޗްޕީއޭ އިން ފުރަތަމަ އެންގީ ޕްރެކްޓިސް ފެށޭނީ ވެކްސިން ޖަހައިގެން ކަމަށާއި ހުރިހާ ޓީމަކުން އެކަންކުރުމުން މިހާރު ލީގު ފަށަން ހުއްދަ އަށް އެދުމުން އެކަން ނުކޮށްދޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މިކަންކަން މި ހުރި ގޮތުން ތަންކޮޅެއް ޒިންމާދާރުކަމާ އެކު އެޗްޕީއޭ އިން ޖަވާބުދާރީވާން ޖެހޭ ކަން ވައްކޭ ފާހަގަކުރެއްވި އެވެ.
ގަލޮޅު ދަނޑުގައި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮވިޑް-19އާ ހެދި މިދިޔަ އަހަރުގެ ސީޒަން އަވަހަށް ނިންމާލީ މާޗް މަހުގައި ސީޒަންގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ. އަލުން ފުޓްބޯޅަ ފަށަން ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބި ޕްރީ ސީޒަން ފަށަން އެޗްޕީއޭ އިން ހުއްދަދިނީ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ކޯޗުން އިސްވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ކަންބޮޑުވުންތައް ހިފައިގެންދާން ތައްޔާރުވެފައިވަނިކޮށެވެ.
ކޮވިޑްގެ ކޭސްތައް ގިނަވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެޗްޕީއޭ އިން އެންގި އެންގުމުގެ ތެރެއިން ލީގު ހުއްޓާލި އެވެ. އޭރު ޕްރެކްޓިސްތައް ކުރަން ވެސް ހުއްދަ ނެތެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ކޯޗުންނާއި ކުޅުންތެރިން ޕްރެކްޓިސް ކުރަން ހުއްދަ އަކަށް އެދި އާދޭސް ކުރި ނަމަވެސް އޭގެ އަށް އިޖާބައެއް ލިބުނީ ކްލަބްތަކުގެ ވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުހާ ބައްދަލުކުރެއްވި ފަހުންނެވެ.
ވައްކޭ ވިދާޅުވީ ކޮންމެ ކަމެއް ނިމެން ޖެހޭނީ އެންމެ މަތިން ތިބޭ މީހުންނާ ހަމައަށް ގޮސްގެން ނޫން ކަމަށާއި އޭގެ ބަދަލުގައި އެކަމެއްގެ ޒިންމާއާ ހަވާލުވެ ތިބި ބައެއް އެކަން ވީ އެންމެ ރަނގަޅަށް ކުރަންޖެހޭ ކަމަށެވެ. ލީގު ފެށުމުގެ ހުއްދައަށް އެދި ކުރެވޭނެ ހުރިހާ ކަމެއް ކްލަބްތަކުން ކުރަމުން އަންނަ ކަމަށާއި މިހާރު ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް ވައްކޭ ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ އަޅުގަނޑުމެންނަށް މަޖުބޫރު ނުކުރުވާށޭ. ކްލަބްތައް އެ ތިބީ ދަރުބާރުގެ ކައިރިއަށް ވެސް ދާން ތައްޔާރަށް. އެކަމަކު އެއީކީ ރަނގަޅު ގޮތެއް ނޫން ދެއްތޯ. ކްލަބްތައް ގޮސްފިއްޔާމު އޭގެއިން ނުކުންނާނެ ނަތީޖާ ގޯސްވެދާނެ. އެއީ އެއް ނޫން ކަންތައް ކުރަންވީ ރީތި އުސޫލަކީ،" ވައްކޭ ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ޔޫތު މިނިސްޓަރު ފުޓްބޯޅަ ހުއްޓުވާކަށް ބޭނުމެއް ނޫން. ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ފުޓްބޯޅަ ހުއްޓުވާކަށް ބޭނުމެއް ނޫން. ދެން ކޮން ބެކްޔާޑެއްގައި ތިބި ބަޔަކު ތޯ މި ހުއްޓުވަން މި އުޅެނީީ. ކޮބައިތޯ މީގެއިން އެ ބޭފުޅުންނަށް ލިބޭ ފައިދާ އަކީ. މި ދެއްކީ ކުޅިވަރާ ގުޅޭ އިސް ދެ މުއައްސަސާގެ މިނިސްޓަރުންގެ ވާހަކަ. ދެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހަކުން މިކަން ހުއްޓުވާކަށް ނެތް. ދެން ކީއްވެގެންތޯ ކުޅިވަރުތައް ނުފެށިގެން މި އުޅެނީ. އަޅުގަނޑަށް ހީވަނީ ބެކްޔާޑުގައި ކޮންމެެވެސް އެހެން ކަންތައްތަކެއް ހިނގަނީ ކަންނޭނގެ،" ވައްކޭ ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ޔޫތު މިނިސްޓަރު ފުޓްބޯޅަ ހުއްޓުވާކަށް ބޭނުމެއް ނޫން. ދިވެހިރާއްޖޭގެ ހެލްތު މިނިސްޓަރު ފުޓްބޯޅަ ހުއްޓުވާކަށް ބޭނުމެއް ނޫން. ދެން ކޮން ބެކްޔާޑެއްގައި ތިބި ބަޔަކު ތޯ މި ހުއްޓުވަން މި އުޅެނީީ. ކޮބައިތޯ މީގެއިން އެ ބޭފުޅުންނަށް ލިބޭ ފައިދާ އަކީ. މި ދެއްކީ ކުޅިވަރާ ގުޅޭ އިސް ދެ މުއައްސަސާގެ މިނިސްޓަރުންގެ ވާހަކަ. ދެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހަކުން މިކަން ހުއްޓުވާކަށް ނެތް. ދެން ކީއްވެގެންތޯ ކުޅިވަރުތައް ނުފެށިގެން މި އުޅެނީ. އަޅުގަނޑަށް ހީވަނީ ބެކްޔާޑުގައި ކޮންމެެވެސް އެހެން ކަންތައްތަކެއް ހިނގަނީ ކަންނޭނގެ.
ވައްކޭ ވިދާޅުވީ މި ގައުމުގައި ފުޓްބޯޅަ އަކީ "ޖޯކަކަށް" ނުހެދޭނެ ކަމަށާއި ގައުމު އެއްބައިވަންތަ ކޮށް އެންމެން އެއް ގަލަކަށް ގެންނަނީ ފުޓްބޯޅަ އިން ކަމަށްވާއިރު، މީގެ އަށް ގެއްލުމެއް ލިބެން ނޭދޭ ކަމަށެވެ. އަދި އޭނާ އެދެނީ އަންނަ ބުރާސްފަތި ދުވަހު އެފްއޭއެމުން އިސްވެ ލީގު ފެށުމަށް ކަމަށް ވައްކޭ ވިދާޅުވި އެވެ.
މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ ވައްހާބް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ ޒުވާނުންތަކެއް މަގު މައްޗަށް ނުކުމެގެން ކަމެއް ކުރަން އުޅެފިނަމަ އެއީ މާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ. ފުޓްބޯޅައިގެ ކަންކަން ކުރަން ބޭނުންވަނީ އެންމެ ރީތި އުސޫލުން ކަމަށާއި އެކަަމަކު މިހާތަނަށް އެޗްޕީއޭ އާއި ޓެގް ޓީމުން ފުޓްބޯޅައާ މެދު އަމަލުކުރީ ޒިންމާދާރުކަން ކުޑަކޮށް ކަމަށް މުފާ ވިދާޅުވި އެވެ.
"މިކަން ސިޔާސީ ކުރަން ބޭނުމެއް ނޫން. އެކަހަލަ މަގުސަދެއް ނެތް. އަޅުގަނޑު މި އޮތް ހުރިހާ ދުވަަހަކު އެޗްޕީއޭ އަށް ރެސްޕެކްޓް ކުރިން. އެކަމަކު މިހާރު އުނދަގޫ. އެއީ ވާނެ ގޮތަކީ ފުރަތަމަ (ލީގު ފަށަން) ހުއްދަ ދޭނަމޭ ބުނީ (މާޗް) 20 އަށް. މިހާރު މި ތިބީ 25 އަށް ރެޑީވެގެން. މިއަދު ހުއްދަ ދިނަސް މި ތިބީ ކްލަބްތައް ރެޑީވެގެން ކުޅެން ދެން އެކަމަށް މި އޮތީ 48 ގަޑިއިރު،" މުފާ ވިދާޅުވި އެވެ.
ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މެނޭޖަރު މުހައްމަދު ފަސީން ރާފިއު ބުނީ ކަންތައްތައް ވަމުންދާ ގޮތާއި އެޗްޕީއޭގެ ނިންމުންތައް ހުރި ގޮތަށް ބަލާއިރު، ރާއްޖޭގައި ކޮވިޑް މިއީ ކުޅިވަރުތަކުގެ ތެރެއިން ހަމައެކަނި ފުޓްބޯޅަ އަށް އޮތް ކަމެއް ކަމަށެވެ. ދުވަންދާ މީހުންނާއި ބާސްކެޓް ކުޅޭ މީހުންނާއި ޓްރެކަށް މޫދަށް އެރެން ގޮސް ގައިގޯޅިވެ އުޅޭ މީހުންނަށް މީގެ ބިރެއް ނެތް ކަމަށް ފަސީން ބުންޏެވެ.
ފަސީން ބުނީ ޓެގް ޓީމަށް ލިބޭ ރިސްކް އެލަވަންސް ފަދަ ބޮޑެތި އިނާޔަތްތައް ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ނުލިބޭ ކަމަށާއި މިހާރު މި ގޮތަށް ލީގު ހުއްޓާލައިގެން ހުންނަން ޖެހޭތީ ކުރަން ޖެހޭ ހަރަދުތައް އިތުރުވަމުންދާ ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން އެއްކޮށް ކުރާ ހަރަދު 60 ވަރަކަށް މިލިއަން ރުފިޔާ އަށް އަރާއިރު، މި ވަރުގެ އިންޑަސްޓްރީ އެއް ވާނުވާއެއް ނޭނގި ހުއްޓާލާފައި އޮންނަ އޮތުން ބަަލައިނުގަނެވޭ ކަމަށެވެ.
"ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ޓީމުތައް ގޮވައިގެން ޓެގް ޓީމުގެ މީހުންގެ ގޭދޮށުގައި ތިބެ މުޒާހަރާ ކުރަން ވެސް ޖެހިދާނެ. ހަމަގައިމު ވެސް އަޅުގަނޑު މި ހުރީ ދާން ތައްޔާރަށް. މި ކަންތައްތައް އެބަޖެހޭ ޓެގް ޓީމުން ރަނގަޅަށް ރިވިއު ކުރަން. ޕްރެކްޓިސް ކުރެވޭއިރު މެޗު ނުކުޅެވެންވީ ސަބަބެއް ނޭނގެ،" ފަސީން ބުންޏެވެ.
"މުޒާހަަރާ އަށް ދާން ޖެހިއްޖިއްޔާމު ގޭދޮށަށް ދާން ޖެހިއްޖިއްޔާމު އަޑުގަދަ ކުރަން ޖެހިއްޖިއްޔާމު ބޯޑުތައް ހިފައިގެންދާން ޖެހިއްޖިއްޔާމު ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން މި ތިބީ އެކަން ކުރަން ތައްޔާރަށޭ އުއްމީދުކުރަން އެހެން ޓީމުތަކުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް،"
ސަސްގެ އިސް އޮފިޝަލް ހަސަން ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިސް އޮފިޝަލް ހަސަން ހަމީދު (ޑަކޭ) ބުނީ ކްލަބްތަކުން އައިސް މި ދައްކަނީ ހަމައެކަނި އެ ޓީމުތަކަށް ވާ ގެއްލުމުގެ ވާހަކަތަކެއް ނޫން ކަމަށާއި މިއީ ދިވެހި ފުޓްބޯޅަ އާއި ކުޅުންތެރިން ޖެހޭ ނިކަމެތި ހާލުގެ ވާހަކަތައް ކަމަށެވެ. އަދި މިކަންކަން އެޗްޕިއޭ އިން ކަނުލައި އަޑުއަހައި ވީ އެންމެ އަވަސް ހައްލުތަކެއް އައިސް ލީގު ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް ހަސަން ބުންޏެވެ.
"ހަމައެކަނި ޓައީ އަޅާފައި ބެގީ ކޮށްގެން އޮފީސްތަކަށް ދާ މީހުންނެއް ނޫނޭ ފްރަންޓްލައިން ނޫނީ ޒިންމާދާރު ވަޒީފާ އަދާކުރާ ބަޔަކީ. މިވެސް ފުޓްބޯޅަ ކްލަބްތަކަކީ ވެސް ހަމަ ވަޒީފާ ހަމަ. ކުޅުންތެރިންނަށް ބޮޑެތި ކޮންޓްރެކްޓް ހަދައިގެން ލާރި ދީގެން ކުރިއަށްދާ ޕްރޮފެޝަނަލް ބައެއް. މި އަށް ވެސް ރެސްޕެކްޓް ކުރާށޭ ހަމަ. މި ވެސް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ އެންމެ ކާމިޔާބު ކުޅިވަރު. ފުޓްބޯޅަ ފަހަތަކަށް ނުޖެއްސޭނެ. އަދިވެސް އިންޖެކްސަން ޖަހައިގެން ކުރިއަށްދާން ބުނިންޏާ އެ ގޮތަކަށް ވެސް ތައްޔާރަށޭ މި ތިބީ،" ހަސަން ބުންޏެވެ.
ޓީސީގެ ރައީސް އަހުމަދު އައްބާސް (އައްބު) ވިދާޅުވީ ގައިޑްލައިންތަކެއް ދީގެން ކޮންމެ ފަހަރަކު ފުޓްބޯޅަ ފަށަން ހުއްދަދޭއިރު، އެންމެ ރަނގަޅަށް އެ އޮންނަ އުސޫލުތަކަށް ތަބާވެ ނަމޫނާ ދައްކާ ބަޔަކީ ފުޓްބޯޅަ ކަމަށްވާއިރު، މި ގޮތައް ލީގު ހުއްޓާލާފައި އޮންނަ އޮތުން ބަލައިނުގަނެވޭ ކަމަށެވެ. ޓީމުތަކުން މި ދައްކަނީ މެޗު ކުޅެން އަރާ 11 ކުޅުންތެރިއެއްގެ ވާހަކަ ނޫން ކަމަށާއި ކޮންމެ ކްލަބެއްގައި ތިބޭ އެތައް ކުޅުންތެރިންނާއި އޮފިޝަލުންގެ އާއިލާ ޝާމިލުވާގޮތަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ކަމަށެވެ.
ޖުމްލަ ގޮތެއްގައި ކްލަބްތަކުން ދެއްކި ވާހަކަަތަކަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ ކަމާ ބެހޭ ފަރާތްތަކުން ފުޓްބޯޅަ ކުޅުންތެރިންގެ ހައްގު ހޯދައިދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގޮވާލައްވައިފަ އެވެ.
ކްލަބްތަކުން ފާހަގަކުރާ ގޮތުގައި ލީގު އަވަހަށް ފަށަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އޭއެފްސީ ކަޕްގައި ވާދަކުރާ ދެ ޓީމުގެ ހައްގުގަ އެވެ. އަންނަ މަހު ހަތް ވަނަ ދުވަހު އޭއެފްސީ ކަޕްގެ ކޮލިފައިން ފުރަތަމަ މެޗުގައި އީގަލްސް މާލޭގައި ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު އެ މެޗަށް ވާނެ ގޮތެއް ނޭނގޭތީ އީގަލްސް ކަންބޮޑުވެ އެވެ. އަދި މެޗެއް ނުކުޅެ ސީދާ އެ މެޗަށް ނުކުންނަން ޖެހުމަކީ އީގަލްސް އަށް އޮތް ބޮލުގެ ރިހުމެކެވެ. އެ ވާހަކަ އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ވެސް ވަނީ ދައްކައިފަ އެވެ.
އަނެއްކޮޅުން ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން އެފްއޭއެމުން ކުރި ބިޑް ވަނީ އިންޑިއާއާ ވާދަކޮށް ރާއްޖޭން ކާމިޔާބުކޮށްފަ އެވެ. އަންނަ މެއި މަހު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން މާޒިޔާ އިން ބޮޑު ހަރަދުކޮށް އަންަނީ ތައްޔާރުވަމުންނެވެ. އެކަަމަކު އެ މުބާރާތުގެ މެޗުތަކަށް ދާއިރު، ލީގު ފެށުން ލަސްވެ މާޒިޔާގެ ތައްޔާރީތަކަށް ބުރޫއަރޭނެތީ އެ ޓީމުގެ ކަންބޮޑުވުންތައް ވެސް ހުރީ އިންތިހާގަ އެވެ.
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި