Roadha Mihaaru
ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް

ގްރޫޕްގެ އެއް ވަނަ ތިމަރަފުށްޓާއި ފޭދޫ އަށް

04 ނޮވެމްބަރ 2016

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް އޭގެ އެއް ވަނަ އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫން ހޯދިއިރު ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ތ.ތިމަރަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް އޭގެ އެއް ވަނަ އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫން ހޯދިއިރު ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ތ.ތިމަރަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އަން ހޯމަ ދުވަހު ދ.ކުޑަހުވަދޫގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ފޭދޫ ބައްދަލުކުރާނީ ގްރޫޕް ބީގެ ދެ ވަނަ ދިޔަ ބ.އޭދަފުށްޓާ އެވެ. ދެ ވަނަ ސެމީ ފައިނަލް އޮންނާނީ އަންނަ އަންގާރަ ދުވަހު ތިމަރަފުށީގަ އެވެ. ބައްދަލުކުރާނީ ގްރޫޕް ބީގެ އެއް ވަނަ ދިޔަ ތިމަރަފުށްޓާއި ގްރޫޕް އޭގެ ދެ ވަނަ ކުޑަހުވަދޫ އެވެ.

ފޭދޫ ގްރޫޕް އޭގެ އެއް ވަނަ ހޯދީ މިއަދު ހަވީރު ކުޑަހުވަދޫގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ. ފޭދޫގެ ލަނޑުތައް ޖެހީ އަހުމަދު ތޮލާލް އާއި އިބްރާހިމް މަހުދީ (އިއްބެ) އެވެ. ކުޑަހުވަދޫގެ ލަނޑު ކާމިޔާބުކުރީ އާދަމް ޝަހީމް އެވެ. މި ގްރޫޕްގެ އެއް ވަނަ ފޭދޫން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ނުވަ ޕޮއިންޓާ އެކު އެވެ. ކުޑަހުވަދޫ ދެ ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ތިން ވަނަ ދިޔައީ ގއ. ދެއްވަދޫ އެވެ. އެ ޓީމަށް ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލަށް ދިޔަ އދ. މަހިބަދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ތިމަރަފުށިން ގްރޫޕް ދޭއްގެ އެއް ވަނަ ހޯދީ އެ ގްރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު އޭދަފުށި އަތުން 1-0 އިން މޮޅުވެގެންނެވެ.މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މި މުބާރާތުގައި މޮޅު ކުޅުމެއް ދަށްކަމުން އަންނަ ތިމަރަފުށީގެ އާދަމް ނާސިހް އެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.

ގްރޫޕް ބީގެ އެއް ވަނަ ތިމަރަފުށިން ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. އޭދަފުށްޓަށް ދެ ވަަނަ ލިބުނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ ލިބުނީ ތިން ޕޮއިންޓް ހޯދި ނ.ލަންދޫ އަށެވެ. ގްރޫޕްގެ އެންމެ ފުލަށް ދިޔަ ހދ. ހަނިމާދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ގަލޮޅު ދަނޑުގަ އެވެ.