Roadha Mihaaru
އުފާާވެރި ޗުއްޓީއަށް އެއާޕޯޓުން ހުރަސް

އުފާާވެރި ޗުއްޓީއަށް އެއާޕޯޓުން ހުރަސް

13 ޑިސެމްބަރ 2020

ކޮވިޑް-19ގެ ހުއްޓުމަށް ފަހު ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން އައުން ހަމަވުން ފާހަގަކުރީ އިއްޔެ އެވެ. އެކަމަކު އެ އަދަދު ފާހަގަކޮށް، އެންމެ ޓޫރިސްޓެއްގެ ހިތް އުފާކޮށްދިން އިރު، އެތައް ސަތޭކަ ޓޫރިސްޓުން ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުން ނުކުތީ މާޔޫސްކަމާއި ހިތްހަމަނުޖެހުމާއި ޝަކުވާތަކާ އެކުގަ އެވެ. އިމިގްރޭޝަން ކައުންޓަރުތަކުން ސަލާމަތްވާން އެތައް ގަޑިއިރެއް ނަގާތީ ޓާމިނަލް ތެރޭގައި ތޮއްޖެހުން ބޮޑުވެ، އުފާާވެރި ޗުއްޓީގެ ފެށުން ޚަރާބުވުމުގެ ރުޅުވެރިކަން ނުދައްކާ ތިބެވޭ ވަރެއް ނޫނެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ކޮވިޑް-19ގެ ހުއްޓުމަށް ފަހު ރާއްޖެއަށް އެއް ލައްކަ ޓޫރިސްޓުން އައުން ހަމަވުން ފާހަގަކުރީ އިއްޔެ އެވެ. އެކަމަކު އެ އަދަދު ފާހަގަކޮށް، އެންމެ ޓޫރިސްޓެއްގެ ހިތް އުފާކޮށްދިން އިރު، އެތައް ސަތޭކަ ޓޫރިސްޓުން ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުން ނުކުތީ މާޔޫސްކަމާއި ހިތްހަމަނުޖެހުމާއި ޝަކުވާތަކާ އެކުގަ އެވެ. އިމިގްރޭޝަން ކައުންޓަރުތަކުން ސަލާމަތްވާން އެތައް ގަޑިއިރެއް ނަގާތީ ޓާމިނަލް ތެރޭގައި ތޮއްޖެހުން ބޮޑުވެ، އުފާާވެރި ޗުއްޓީގެ ފެށުން ޚަރާބުވުމުގެ ރުޅުވެރިކަން ނުދައްކާ ތިބެވޭ ވަރެއް ނޫނެވެ.

ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އިންޖީނު އަލުން ހިނގައިގަތް އިރު، އެއާޕޯޓްގެ އެކި ޑިޕާޓްމަންޓްތަކާއި އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ އިދާރާތައް ވަނީ އެކަމަށް ރަނގަޅަށް ތައްޔާރުވެފައިތޯ، ޓޫރިޒަމް ދާއިރާގެ މީހުން ގެންދަނީ ސުވާލުކުރަމުންނެވެ. ކޮވިޑް-19ގެ އަނދިރީގެ ތެރޭގައި އަށެއްކަ މަސް ދުވަހު އޮތް ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ދިރުމެއް ލިބި، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ މީހުންގެ އަދަދު ދުވާލަކު އެތައް ހާހަކަށް އެރީ، ބަލަބަލާ ތިއްބައެއް ނޫނެވެ. އެއީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ހިސާބުތަކެކެވެ.

އެކަމަކު އެއާޕޯޓްގެ ރެޕުންނާއި ރިސޯޓްތަކުގެ މީހުން އެ ބުނަނީ "މި އުފާވެރި ވަގުތަށް ސަރުކާރުން ތައްޔާރުވެފައި ނެތް" ވާހަކަ އެވެ.

"ކޮބައި ތައްޔާރުވުމަކީ؟ އިއްޔެ ވެސް އިމިގްރޭޝަންގެ ބައެއް ކައުންޓަރުތައް ހުރީ ހުހަށް،" ރިސޯޓެއްގެ އިސް ވެރިޔަކު، މައްސަލައިގެ ގޮތުން ނަން ނުޖަހަށް ޝަރުތުކޮށް ވާހަކަ ދައްކަވަމުން، ވިދާޅުވި އެވެ.

"ރޭގަނޑު ރިސޯޓަށް ނުދެވި، އެތައް ބަޔަކު ރޭކުރީ ހުޅުމާލޭގައި. އެ މީހުންގެ ޗުއްޓީން އެ ގެއްލުނީ މުހިންމު އެއް ރޭ."

ޓޫރިޒަމް މިނިސްޓްރީ އާއި ރިސޯޓްތަކުގެ މެނޭޖަރުންނާ ދެމެދު ގުޅުން ގާއިމްކުރަން ހަދާފައި އޮތް ވަޓްސްއެޕް ގްރޫޕެއްގެ ބައެއް ޝަކުވާތައް، "މިހާރު"ގެ ރިޕޯޓަރުންނަށް ފެނުނެވެ. އޭގައި ރިސޯޓްތަކުގެ ބައެއް ވެރިން ވަނީ، އެއާޕޯޓްގައި ޓޫރިސްޓުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދޭން އެދިފަ އެވެ. އަދި "އެމްއޭސީއެލް އާއި އިމިގްރޭޝަނަށް އެކަންކަން އަންގާނެ ކަމަށް،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.

ގަބޫލުކުރަން ޖެހޭ އެހެން ހަގީގަތްތަކެއް ވެސް އެބަ ހުއްޓެވެ. އެއާޕޯޓްގެ ހާލަތު ވެސް ކޮވިޑް-19ގެ ކުރީގެ އޮމާންކަމުގެ ތެރެއަކަށް އަދި ނުދެ އެވެ. އެޗުޕީއޭގެ އުސޫލުތަކާ އެކު ލަސްވެދާނެ ކިތައްމެ ކަމަށް އަމަލްކުރަން ޖެހެ އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ވެސް ސަމާލުކަން ދޭން ޖެހެ އެވެ. އެކަމަކު ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް އެޅުވުމުގެ ފުރަތަމަ ކަމަކީ ޓޫރިޒަމަށް އަންނަ ދިރުން ކަމަށް ވާތީ، އެއާޕޯޓާއި އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ އިދާރާތަކުގެ އިންތިޒާމްތައް ވަރަށް ބޮޑަށް ރަނގަޅުވާން ޖެހޭނެ ކަމަށް، ޓޫރިޒަމް ދާއިރާގެ މީހުން ގަބޫލުކުރެ އެވެ.

"ޓޫރިސްޓުންގެ ފުރަތަމަ ތަޖުރިބާ އެހާ ގޯސްވެގެން ނުވާނެ،" ޓާމިނަލް ތެރެއިން މިހާރު ފެންނަ ތޮއްޖެހުމަށް އިޝާރަތްކޮށް، ރިސޯޓެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އިއްޔެ އަކީ ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅު ދުވަސްވަރު ފެނުނު އަދަދުތަކުން ޓޫރިސްޓުން ޒިޔާރަތްކުރި ދުވަހެކެވެ. އެގޮތުން އިއްޔެ އައި މީހުންގެ އަދަދު 3،800 އަށް އަރަ އެވެ. ކޮވިޑް-19ގެ ކުރިން އެއާޕޯޓްގެ ޕީކް ދުވަސްތަކުގެ އެވްރެޖް އުޅުނީ 4،000 އާއި 5،000އާ ދެމެދުގަ އެވެ.

ރިސޯޓެއްގެ މެނޭޖަރަކު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގައި އިއްޔެއަށް ވުރެ ވެސް ބިޒީ ދުވަސްތައް އަންނާނެ އެވެ. އެހެންކަމުން މިހާރު ދިމާވާ ލަސްކަމުން ސަލާމަތްވެވޭނެ އިންތިޒާމްތައް، ސަރުކާރުން ނުޖައްސައިފި ނަމަ، ރާއްޖޭގެ ޓޫރިޒަމްގެ ޚިދުމަތާ މެދު އެތައް ޝަކުވާއެއް އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓޫރިސްޓުންގެ އަގުހުރި ޗުއްޓީން އެއް ދުވަސް، އެއާޕޯޓުން ސަލާމަތްނުވެވުމުގެ ތެރެއިން، ގެއްލިދާނެ ކަމަށް ވެސް، އޭނާ ލަފާކުރައްވަ އެވެ.

"ޓޫރިސްޓަކަށް ކުރިމަތިވާނެ ބޮޑު ދެރައެއް، އެންމެ ރެއެއް ވެސް ގެއްލުމަކީ. ސީޕްލޭންގައި ރިސޯޓަށް ދާން ޖެހޭ މީހާއަށް ފްލައިޓް ނުލިބި، އިރު އޮއްސިއްޖެ ނަމަ ދެން ޖެހޭނީ މާލޭގައި، ނުވަތަ ހުޅުމާލޭގައި ހުންނަން،" އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ ތެރެއަށް ވަންނަ މީހަކަށް މިހާރު ފެންނާނީ ފެބްރުއަރީ ފަހުކޮޅުން ފެށިގެން ހިމޭންކަން ވެރިވަމުން، ހުސްކަން ބޮޑުވަމުން ދިިޔަ އެއާޕޯޓެއް ނޫނެވެ. ރިސޯޓްތަކުގެ ކައުންޓަރުތައް ފުރި، އެއާޕޯޓް ރެޕުން އަވަދިނެތި އުޅޭ ތަނެވެ. ފުރާ މީހުންގެ ދިގު ކިއޫ އާއި އަންނަ މީހުން ނުކުމެ، އުޅަނދުފަހަރަށް އެރުމުގައި އުޅޭ ބިޒީކަމެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ހިމޭންކަމަށް ފަހު، ރާއްޖޭގެ ޓޫރިޒަމަށް ކުއްލި މިހާ ބޮޑު ދިރުމެއް އައުމަކީ، ގައުމުގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ ހާލަތަށް ދާން ދުއްވައިގަތުމެވެ. އެކަމަކު ރާއްޖޭގެ އިގުތިސާދަށް ފައިސާ އަޅަމުން، ރާއްޖޭގެ ރީތިކަމުން ހިތް އުފާކުރަން އަންނަ މީހުންނަށް، އެއާޕޯޓް މިވަނީ ޝަކުވާ ފުންޏަކަށެވެ.

ރިސޯޓްތަކުގެ މުވައްޒަފުން ފާޑުކިޔަނީ އިމިގްރޭޝަނާއި އެމްއޭސީއެލްއަށެވެ. އެ ދެ އިދާރާއިން ދައްކާ ސަބަބުތައް ވެސް އެބަ ހުއްޓެވެ. އިމިގްރޭޝަނުން ބުނަނީ އެޗުޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހިިދުމަތް ދޭ ނަމަ ލަސްތައް އަަންނާނެ ކަމަށެވެ. އަނެއްކާ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުގެ ޝަކުވާއަކީ، ކޮވިޑް-19ގެ ކުރިން ވެސް އިމިގްރޭޝަންގެ ތެރޭގައި އޮތް ކަންބޮޑުވުމެއް ކަމަށް، އެތަނުގެ ބައެއް ވެރިން ބުނެ އެވެ.

ނަމަވެސް އެ ހުންނަނީ، ރިސޯޓެއްގެ މެނޭޖަރަކު ވިދާޅުވި ގޮތުގައި، ސަރުކާރަށް އިންތިޒާމްކުރެވޭނެ ކަންކަމެވެ. ޚާއްސަކޮށް ކޮވިޑް-19ގައި ބަންދުވެގެން ހޭދަކުރި ދުވަސްތަކަކީ، މިހާރު މި ފެންނަ ޓޫރިޒަމްގެ ކުއްލި ކުރިއެރުމަށް ތައްޔާރުވާން ލިބުނު ފުރުސަތެއް ކަމަށް، އެ މީހުން ދެކެ އެވެ.

"ސަރުކާރުގެ މުވައްޒަފުންނަކީ އަބަދުވެސް ކޮންމެ ކަަމެއްގައި ވީހާވެސް ލިމިޓެޑްކޮށް މަސައްކަތް ކުރާ ބައެއް،" ކުރިން ވާހަކަ ދެއްކެވި މެނޭޖަރު ވިދާޅުވި އެވެ.

"އެކަމަކު އެ މީހުންނަށް ވެސް މުސާރަ މި ދެވެނީ، ޓޫރިޒަމުން ލިބޭ އެއްޗަކުން. މިއަދު މި އޮތީ ޓޫރިޒަމް އަނެއްކާ ނަގާ ކޮޅަށް ޖަހަން ޖެހިފައި. އެކަމެއް ނުކުރެވޭނެ ލިމިޓެޑްކޮށް މަސައްކަތްކޮށްގެންނެއް."

ކްރިސްމަސް އާއި އާ އަހަރު ކުރިމަތިވާ އިރު، ރާއްޖޭގެ ގިނަ ރިސޯޓްތައް ވަނީ ފުލްވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތީ ވީއައިއޭ ބިޒީވުމުގެ ދުވަސްތަކެވެ. އިއްޔެ އައި 3،800 މީހުންގެ ރެކޯޑް މުގުރާލާނެ އަދަދުތަކުން ވެސް ޓޫރިސްޓުން އަންނާނެ ކަމަށް، ރިޒަވޭޝަންތަކުން ދައްކާ ދުވަސްތަކެވެ. މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ އަދި އިތުރު މުވައްޒަފުން ނުނެރެ މަޑުކޮށްފި ނަމަ ރާއްޖޭގެ މައި އެއާޕޯޓުން ދަތުރުވެރިންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ.

ކުރިން ބުނިހެން ހިނިތުންވުން ގެނެސްދޭން މި ޖެހެނީ ވަކި އަދަދެއް ފުރިހަމަކޮށްދޭ ޓޫރިސްޓަށް އެކަންޏެއް ނޫނެވެ. އެއާޕޯޓް ތެރެއިން ބޮޑެތި ޝަކުވާތަކެއް ނެތި، ރާއްޖޭގެ ރީތި މާހައުލަށް ނުކުމެ ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ހަމަ ކޮންމެ ޓޫރިސްޓަކަށް ވެސް ހައްގެވެ.