Roadha Mihaaru
"ހިދުމަތް އަވަސް ކުރަންދަތީ އުސޫލުގައި ހިފަހައްޓާތީ"

ވީއައިއޭގެ ޚިދުމަތް އަވަސް ކުރަން ދަތިވަނީ އެޗުޕީއޭގެ އުސޫލުތަކުގައި ހިފަހައްޓަން ޖެހޭތީ: ސްޓުއާޓް

17 ޑިސެމްބަރ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޚިދުމަތްތައް އަވަސް ކުރަން ދަތިވަނީ އެޗުޕީއޭގެ އުސޫލުތަކާ އެކު ހިދުމަތް ދޭން ޖެހޭތީ ކަމަށް އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޚިދުމަތްތައް އަވަސް ކުރަން ދަތިވަނީ އެޗުޕީއޭގެ އުސޫލުތަކާ އެކު ހިދުމަތް ދޭން ޖެހޭތީ ކަމަށް އެމްއޭސީއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓުއާޓް ވިދާޅުވީ، ކޮވިޑާ ގުޅިގެން ޚިދުމަތް ދިނުމަށް ގެންގުޅޭ މުވައްޒަފުން ވެސް މަދުކޮށްފައިވާ ކަމަށެވެ. މިހާރަށް ވުރެ ދޭ ހިދުމަތް ރަނގަޅު ކުރުމަށްޓަކާއި ކޮންމެ ދުވަހު ހެނދުނު މުވައްޒަފުންނަށް ހާއްސަ ބްރީފިންއެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓުއާޓް ވިދާޅުވީ، އަންނަ ހުރިހާ ފަސިންޖަރުންނަށް ހިދުމަތް ދޭން ޖެހެނީ ގައިދުރުކުރުމުގެ މިންގަނޑުގެ ތެރެއިން އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އެއާޕޯޓުގެ އެތެރޭގައި އެކަންކަން އެގޮތަށް ބެހެއްޓުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ފަސް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ--ފޮޓޯ"އަވްޝަން އިލިޔާސް/މިހާރު

އެމްއޭސީއެލް އިން ފަސް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަނީ--ފޮޓޯ"އަވްޝަން އިލިޔާސް/މިހާރު

"އެއާޕޯޓުގައި އެކި ސަރަހައްދުތަކުގައި ސެނިޓައިޒާ ބެހެއްޓިފައިވާނެ. ކޮވިޑްގެ މި ހާލަތުގައި އެއާޕޯޓަކީ ރައްކާތެރި ސާފުތާރިހު ތަނަކަށް ހަދަން ވަރަށް ބޮޑަށް މަސައްކަތް ކުރަން،" ސްޓުއާޓު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކުރާ ކަންކަން ބަލައިގަތުމުގެ ބަދަލުގައި ފާޑުކިޔަން އަބަދުވެސް ފަސޭހަވާނެ އެވެ. ސްޓުއާޓް މިހެން ވިދާޅުވި އިރު ރިސޯޓުތަކުން ވަނީ އެއާޕޯޓުގައި ޓޫރިސްޓުން ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމުގެ ސަބަބުން މެންދުރު އަންނަ ޓޫރިސްޓުންނަށް ރިސޯޓަށް ދެވޭވަރު ވަނީ ރޭގަނޑު ކަމަށް ރިސޯޓުތަކުން ކުރިން ބުނެފައި ވެ އެވެ. ނަމަވެސް އެ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ފަހުން ވަނީ ކަންކަން ހައްލުކޮށްފަ އެވެ.

"އިމިގްރޭޝަނާއި ކަސްޓަމާއި ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭގެ ސްޓާފުންނާ އެކު ބައްދަލުކުރަން. މިހާރު ހުރި ވަސީލަތްތަކާ އެކު ފްލައިޓް ޝެޑިއުލާ އެގޮތަށް ހިދުމަތް ސްމޫތްކޮށް ގެންދެވޭތޯ މި ބަލަނީ،" ސްޓުއާޓް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އިތުރުން އިމިގްރޭޝަނުން ވެސް ވަނީ ހިދުމަތް އަވަސް ކުރުމަށް ފަސިންޖަރުންނަށް ހިދުމަތްދޭ ސޮފްޓްވެއާ އަޕްޑޭޑްކޮށްފަ އެވެ. އެގޮތުން 15 މިނެޓުގެ ތެރޭގައި ފްލައިޓަރުން އަންނަ ހުރިހާ ފަސިންޖަރުން ކްލިއާ ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.