Roadha Mihaaru
ފްލައިޓެއް ކްލިއަކުރަން މިހާރު ނަގާނީ 15 މިނިޓް

ފްލައިޓެއްގެ ފަސިންޖަރުން މިހާރު 15 މިނެޓުން ކްލިއާކުރެވޭނެ: އިިމިގްރޭޝަން

16 ޑިސެމްބަރ 2020

ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވި ވަރާ އެއްހަމައެއްގައި އިމިގްރޭޝަނަށް ހިދުމަތް ނުދެވުމުން، ޓާމިނަލްގެ ތޮއްޖެހުން ބޮޑުވެ، ދަތުރުވެރިން ކުރަމުން އައި ޝަކުވާތަކަށް ނިމުން ގެނެސްފި އެވެ. އިމިގްރޭޝަނުން ބުނީ މިހާރު ފްލައިޓެއްގެ ފަސިންޖަރުން ކްލިއާކުރަން ނަގާނީ އެންމެ 15 މިނިޓް ކަމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވި ވަރާ އެއްހަމައެއްގައި އިމިގްރޭޝަނަށް ހިދުމަތް ނުދެވުމުން، ޓާމިނަލްގެ ތޮއްޖެހުން ބޮޑުވެ، ދަތުރުވެރިން ކުރަމުން އައި ޝަކުވާތަކަށް ނިމުން ގެނެސްފި އެވެ. އިމިގްރޭޝަނުން ބުނީ މިހާރު ފްލައިޓެއްގެ ފަސިންޖަރުން ކްލިއާކުރަން ނަގާނީ އެންމެ 15 މިނިޓް ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި މި ފަހުން ކުރިމަތިވި ތޮއްޖެހުން ހަމަޔަކަށް އެޅުވީ އިމިގްރޭޝަނުން ބޭނުންކުރަމުން އަންނަ ސޮފްޓްވެއާއަށް ވެސް ގެނައި ބަދަލުތަކާ އެކުގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް، ވީއައިއޭއިން ނުނިކުމެވި، އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުގެ ޝަކުވާ ޓޫރިސްޓުންނާއި ރިސޯޓްތަކުގެ މުވައްޒަފުން ގެންދިޔައީ ފާޅުކުރަމުންނެވެ. އިމިގްރޭޝަނުން ބުނީ އެކަން ހައްލުކުރަން މިދިއަ އާދިއްތަދުވަހުން ފެށިގެން މަސައްކަތް ފެށި ކަމަށެވެ.

ހަނަފީ ވިދާޅުވި ގޮތުގައި މިހާރު ފްލައިޓަކުން އަންނަ ގާތްގަނޑަކަށް 350 މީހުން 15 މިނެޓް ތެރޭގައި ކްލިއާ ކުރެވޭނެ އެވެ. އެގޮތުން އިމިގްރޭޝަން ކައުންޓަރާ ހަމަޔަށް އައުމަށް ފަހު އެންމެ ލަސްވެގެން ވެސް 35 ސުކުންތުގެ ތެރޭގައި ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންޓަރުން ކޮންމެ ދަތުރުވެރިއެއްގެ ޕާސްޕޯޓް ކްލިއަކުރަން މީގެ ކުރިން އެވްރެޖްކޮށް މިނިޓެއް ވަރު ނަގަ އެވެ.

ފަހުން ފެނުނު ތޮއްޖެހުމުގައި ކައުންޓަރާ ހަމައަށް ނުދެވި އެތައް ގަޑިއިރެއް މަޑުކުރަން ޖެހުނެވެ.

"މިހާރު އަޅުގަނޑުމެންގެ ހުރިހާ ކައުންޓަރަކުން ހިދުމަތް ދެވޭނެ. ކޮވިޑްގެ ކުރިން ހިދުމަތް ދޭ ސްޕީޑުގައި ހިދުމަތްތައް ދެވޭ ގޮތަށް ބަދަލުތައް ގެނެސްފައި މިވަނީ،" ހަނަފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމިގްރޭޝަން ކައުންޓަރުތަކުގައި ޓޫރިސްޓުން މަޑުކުރަން ޖެހޭ ވަގުތު ވީހާ ވެސް ކުޑަކޮށް، މިހާރަށް ވުރެ ވެސް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް އެދިވަޑައިގަތުމެއް ކަމަށެވެ.

މުވައްޒަފުން އިތުރުކުރުމުގެ ބަދަލުގައި މަސައްކަތްކުރަމުން އަންނަނީ، ހަނަފީ ވިދާޅުވި ގޮތުގައި، އާ ޓެކްނޮލޮޖީއާ އެކކު ހިދުމަތްތައް އަވަސްކޮށްގެންނެވެ.

މިދިއަ ހޮނިހިރުދުވަހު އައި ޓޫރިސްޓުން ވަނީ އެއާޕޯޓުގައި ހަތަރު ފަސް ގަޑި އިރު ހޭދަކޮށްފަ އެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އައި ހުއްޓުމަށް ފަހު، ދުވާލަކު 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައި ފުރަތަމަ ދުވަހެވެ.

ކުރިއަށް އޮތް ކްރިސްމަސް އާއި އާ އަހަރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް މައްޗަށް އަަރަމުންނެވެ.