Roadha Mihaaru
މަރުވި ޕްރޮފެސަރެއްގެ 350،000 ޑޮލަރު ޔުނިވަސިޓީ އަށް

މަރުވި ޕްރޮފެސަރެއްގެ 350،000 ޑޮލަރު ޔުނިވަސިޓީ އަށް ހަދިޔާކޮށްފި

20 ނޮވެމްބަރ 2020

އެމެރިކާގެ ޔުނިވަސިޓީއެއްގައި 46 އަހަރު ވަންދެން މަސައްކަތްކުރި ޕްރޮފެސަރަކު މަރުވި އިރު އޭނާގެ އެކައުންޓްގައި ހުރި 350،000 ޑޮލަރު އެތަނަށް އާއިލާ އިން ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ޔުނިވަސިޓީއެއްގައި 46 އަހަރު ވަންދެން މަސައްކަތްކުރި ޕްރޮފެސަރަކު މަރުވި އިރު އޭނާގެ އެކައުންޓްގައި ހުރި 350،000 ޑޮލަރު އެތަނަށް އާއިލާ އިން ހަދިޔާކޮށްފި އެވެ.

ސައުތު ކެރޮލައިނާގެ އޮރެންޖްބާގްގެ ކްލެފްލިން ޔުނިވަސިޓީގެ އިނގިރޭސި އެސިސްޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރި ލިންޑާ ހިލް މަރުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ތައުލީމީ ދާއިރާގައި ގާތްގަނޑަކަށް ބައި ގަރުނު ވަންދެން މަސައްކަތްކުރި އަންހެން ޕްރޮފެސަރުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް އޭނާ ހިދުމަތްކުރި ޔުނިވަސިޓީ އަށް ހަދިޔާކުރިކަން އާއިލާ އިން އިއުލާންކުރީ މި މަހުގެ 16 ގަ އެވެ.

އެ ހަދިޔާއާ ބެހޭ ގޮތުން ޔުނިވަސިޓީގެ ރައީސް ޑރ. ޑުވާން ވާމަކް ވިދާޅުވީ އެއީ އެ ޔުނިވަސިޓީގެ ތާރީހުގައި ވެސް އެތަނުގައި މަސައްކަތްކުރި އަދި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުން މިހާތަނަށް ލިބުނު އެންމެ ބޮޑު އެހީއަށެވެ.

އެ ފައިސާ ޔުނިވަސިޓީން ބޭނުންކުރާނީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުކުރަން ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ސްކޮލަޝިޕް ހަރަދުތަކަށެވެ. ސަބަބަކީ ލިންޑާ އަކީ ލިޔުންތެރިކަން ކުރިއަރުވަން ގިނަގުނަ ހިދުމަތްކެއްކޮށް ދިން ޕްރޮފެސަރަކަށްވުމެވެ.

ކްލެފްލިން ޔުނިވަސިޓީގައި ލިޔުންތެރިކަން ކުރިއަރުވަން ގާއިމުކުރާ ހާއްސަ ސެންޓަރަށް ލިންޑާގެ ނަން ވެސް ދޭން ވަނީ ނިންމައިފަ އެވެ.

"ލިންޑާ އަކީ ލޯތްބާއި ޝައުގުވެރިކަމާ އެކު ހިދުމަތްކުރި ނަމޫނާ ޕްރޮފެސަރެއް. އެހެންވެ އޭނަގެ ފަރާތުން ލިބުނު ހަދިޔާ ވެސް އަހަރެމެން ބޭނުން ކުރާނީ ލިންޑާ އެންމެ ލޯބިކުރި ކިޔުންތެރިކަން ކުރިއަރުވަން." ޑުވާން ވިދާޅުވި އެވެ.

ލިންޑާގެ ފަރާތުން ލިބުނު އެހީގެ ވާހަކަ ކްލެފިން ޔުބިވަސިޓީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.